ޑެސްކްޓޮޕާއި މޮބައިލް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް އެސިސްޓެންޓް ގްރޮކް ބޮޓަށް ރިއަލް ޓައިމް ވޮއިސް މޯޑެއް ތައާރަފުކޮށްފިއެވެ.
މި އާ ފީޗާއާއެކު އެކްސް ބޭނުންކުރާ ފަރާތްތަކަށް ލިޔުމުން ކުރާ މުއާމަލާތްތަކުގެ ބަދަލުގައި އަޑުން ވާހަކަދައްކައިގެން އޭއައިއާ މުޢާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި އަޑުގެ ނިޒާމު ބިނާކޮށްފައިވަނީ އެކްސްއޭއައިގެ ގްރޮކް ވޮއިސް ޓެކްނޮލޮޖީގެ މައްޗަށެވެ. މީގެ ކުރިން މިދި ޔަޖުލައި މަހު ތައާރަފުކުރި ގްރޮކް ވޮއިސް ތިންކް ފާސްޓް 2.0 މޮޑެލްއާ އެކު މި ނިޒާމު އިތުރަށް ހަލުވިވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން ކުރީގެ ވާޝަންތަކަށްވުރެ 1.4 ގުނަ ހަލުވިވެ، އަދި ޓްރާންސްކްރިޕްޝަންތައް ސައްހަކަން 1.5 ގުނައާއި 2 ގުނައާ ދެމެދުގެ މިންވަރަކަށް ރަނގަޅުވެފައިވާ ކަމަށް ބުނެފައިވެއެވެ.
https://x.com/bot/status/2100659464781394222
މިދިޔަ އޮގަސްޓް މަހު ޑެސްކްޓޮޕާއި އައިއޯއެސް ޔޫޒަރުންނަށް ޕަބްލިކް ބީޓާގެ ގޮތުގައި ތައާރަފުކުރި މި ޚިދުމަތް، މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެންޑްރޮއިޑް ޔޫޒަރުންނަށްވެސް ވަނީ ލިބެންފަށާފައެވެ. މިހާރު އެ ކުންފުނިން ގެންދަނީ މި ހުރިހާ ޕްލެޓްފޯމްތަކަކަށްވެސް ވޮއިސް މޯޑު ފޯރުކޮށްދެމުންނެވެ.
ކޮންސިއުމަރުންނަށް ޚާއްސަކޮށްގެން ނެރުނު މި ޚިދުމަތުގެ އިތުރުން، ޑިވެލޮޕަރުންނަށްވެސް ފަލް ޕްލެޓްފޯމް މެދުވެރިކޮށް ގްރޮކް ވޮއިސް ޓެކުނޮލޮޖީ ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއީ އަމިއްލަ އެޕްލިކޭޝަންތަކުގައި ލޯ-ލެޓެސީ ވޮއިސް އޭޖެންޓްތައް ބިނާކުރުމަށް ޑިވެލޮޕަރުންނަށް ލިބިގެންދިޔަ ފަސޭހައެކެވެ.
މި ފީޗާ ލިބެމުންދަނީ ބައިނަލްއަޤްވާމީ ޓެކްނޮލޮޖީ ދާއިރާގައި ކުރިއެރުންތައް ހޯދަމުންދާ މަޝްހޫރު ކުންފުނިތަކުގެ އޭއައި އުފެއްދުންތަކާ އެއްވަރަށެވެ. އެގޮތުން އޯޕަންއޭއައި، އެންތްރޮޕިކް އަދި ގޫގްލް ފަދަ ފަރާތްތަކުން ވެސް އޭއައި ވޮއިސް އަދި ވީޑިއޯ މޯޑުތައް ބާރު ސްޕީޑުގައި ތަރައްގީކޮށް ބާޒާރަށް ނެރެމުންދާކަން ފާހަގަކުރެވެއެވެ.
ޓެކްނޮލޮޖީގެ ދާއިރާއަށް މިފަދަ އާ ބަދަލުތައް އަންނަމުންދާއިރު، އާޓިފިޝަލް އިންޓެލިޖެންސް ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ އަދި ސެކިއުރިޓީއާ ގުޅޭގޮތުން ވެސް ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް އަޑުން މުއާމަލާތްކުރާއިރު ޔޫޒަރުންގެ އަޑުގެ ސެންސިޓިވް މައުލޫމާތު ރައްކާތެރިކުރުމާއި، އެ ޑޭޓާ ކުންފުނިތަކުން ބޭނުންކުރާނެ ގޮތުގެ ސިޔާސަތުތައް ހަރުދަނާކުރުމަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭކަމަށް ފާހަގަކުރެވެއެވެ.