އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަންގެ ބައްޕަ، ރޮބަޓް ކާޑޭޝިއަންގެ މަރާ ގުޅުންހުރި ނުރައްކާތެރި ބައްޔެއް ކަމަށްވާ "އިސޮފޭޖައިޓިސް"އަށް އޭނާ ޕޮޒިޓިވްވެފައިވާކަން ހާމަކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނެރުނު "ދަ ކާޑޭޝިއަންސް" ޝޯގެ އަށް ވަނަ ސީޒަނުގެ ޓްރެއިލާގައި ކިމް ވަނީ އޭނާއަށް "އިސޮފޭޖައިޓިސް" ޖެހިފައިވާކަން ހާމަކޮށްފައެވެ. މި ޓްރެއިލާގައި، އުމުރުން 45 އަހަރުގެ ކިމް ހޮސްޕިޓަލް އެނދެއްގައި އޮއްވާ ފެންނައިރު، އޭނާގެ ބައްޕަ ރޮބަޓް ކާޑޭޝިއަންގެ މަރާ ބެހޭގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން، އެއީ އޭނާގެ ބައްޕަގެ ފުރާނަ ދިއުމަށް މެދުވެރިވި ސަބަބާ ގުޅުންހުރި ބައްޔެއްކަން ކިމް ވަނީ ކަށަވަރުކޮށްދީފައެވެ.
ޞިއްޙީ ދިރާސާތަކާ ހަވާލާދީ ޖޯންސް ހޮޕްކިންސް މެޑިސިންއިން ބުނާގޮތުގައި، "އިސޮފޭޖައިޓިސް" އަކީ ކާތަކެތި ދަތުރުކުރާ ހޮޅީގެ އެތެރޭގެ ފަށަލަ ދުޅަވެ، ހަލާކުވުމަށް ކިޔާ ނަމެކެވެ. މި ބައްޔަށް އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ، އެއީ "ބެރެޓްސް އިސޮފޭގަސް"އަށް ބަދަލުވެ، ކާތަކެތި ދަތުރުކުރާ ހޮޅީގެ ކެންސަރަށް މަގުފަހިވާ މައިގަނޑު ސަބަބަކަށް ވެގެންދެއެވެ.
ކްރިސް ޖެނާ އާއި ރޮބަޓް ކާޑޭޝިއަންގެ ކުދިން ކަމަށްވާ ކޯޓްނީ، ކްލޯއީ، ކިމް އަދި ރޮބްގެ ބައްޕަ ރޮބަޓް ކާޑޭޝިއަން މަރުވީ 2003 ވަނަ އަހަރު، އުމުރުން އެންމެ 59 އަހަރުގައެވެ. އޭނާ މަރުވީ ކާތަކެތި ދަތުރުކުރާ ހޮޅީގެ ކެންސަރު ބަލީގައެވެ.
ކިމް ކާޑޭޝިއަން އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާ އެކު--ފޮޓޯ/ޕީޕްލްމިކަމާ ބެހޭގޮތުން ކްލޯއީ އޭނާގެ ޕޮޑްކާސްޓް "ކްލޯއީ އިން ވޮންޑަރ ލޭންޑް"ގައި ވާހަކަދައްކަމުން ބުނީ، އޭނާގެ ބައްޕަ ބަލިކަން އެނގުނުތާ އެންމެ ހަ ހަފުތާގެ ތެރޭގައި ދުނިޔެ ދޫކުރި ކަމަށެވެ. ބައްޕަގެ ބަލީގެ ނުރައްކާތެރިކަން ކުރިން އިހުސާސް ނުކުރެވުމުގެ ސަބަބުން، ބައްޕައާއެކު އެކަށީގެންވާ ވަގުތު ހޭދަނުކުރެވުމުގެ ހިތާމަ ފަހުން ބޮޑު ރުޅިވެރިކަމަކަށް ބަދަލުވި ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް، 2007 ވަނަ އަހަރު "ކީޕިންގް އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ ފުރަތަމަ ސީޒަނުގައި މި ވާހަކަތައް ހިއްސާކުރުމުން ނަފްސާނީ ގޮތުން ބޮޑު ލުޔެއް ލިބި، މިހާރު ބައްޕަގެ ހަނދާންތައް އާކުރަނީ އުފަލާއި އިޚުތިރާމާއެކު ކަމަށް އޭނާ ހާމަކުރިއެވެ.
ކާޑޭޝިއަން އާއިލާއިން ވަނީ ބައްޕަގެ ހަނދާނުގައި 2019 ވަނަ އަހަރު ކެލިފޯނިއާގެ 'ޔޫސީއެލްއޭ' ހޮސްޕިޓަލުގައި "ރޮބަޓް ޖީ. ކާޑޭޝިއަން ސެންޓަ ފޯ އިސޮފޭޖިއަލް ހެލްތު"ގެ ނަމުގައި، މިފަދަ ބަލިތަކަށް ފަރުވާދީ ދިރާސާކުރާ ޚާއްޞަ މަރުކަޒެއް ބިނާކޮށްފައެވެ.
ކިމް ބުނި ގޮތުގައި، އޭނާގެ ބައްޕަ މިއަދު ދުނިޔޭގައި ހުރިނަމަ މި މަސައްކަތާމެދު އިންތިހާއަށް ފަޚުރުވެރިވާނެއެވެ. އޭރުގެ ޓެކްނޮލޮޖީ އާއި ޞިއްޙީ ވަސީލަތްތައް ހުރިގޮތުން އެމީހުންގެ ބައްޕަގެ ފުރާނަ ސަލާމަތެއް ނުކުރެވުނު ނަމަވެސް މިއަދު މި މަރުކަޒުގެ އެހީގައި އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުޞަތު ކިމްގެ އާއިލާއަށް ލިބިފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް" ޝޯގެ އަށްވަނަ ސީޒަން ޕްރީމިއާކުރާނީ އަންނަ އޮކްޓޫބަރު މަހުގެ އަށްވަނަ ދުވަހެވެ.