ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ: ބަރާބަރު އެފްސީން ތަށި ދިފާއުކޮށްފި

ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާ 2026 ގެ ޗެމްޕިއަން ޓީމު، ބަރާބަރު އެފްސީ- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ބ. ހިތާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހިތްފަހި ހިތާދޫ ފުޓްސެލް ފިއެސްޓާގެ ޗެމްޕިއަންކަން ބަރާބަރު އެފްސީން ޖެހިޖެހިގެން ދެވަނަ އަހަރު ހޯދައިފިއެވެ.

ހިތާދޫ ފުޓްސެލް ގްރައުންޑުގައި ރޭ ބަގޭސް ސްޕޯޓްސް ކުލަބާ ވާދަކޮށް، ބަރާބަރުން މެޗު ކާމިޔާބުކޮށްފައި ވަނީ ޕެނަލްޓީ ޖަހައިގެން، 5-6 ގެ ނަތީޖާ އިންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު މުޙައްމަދު ޢަބްދުﷲ (މޯޑު) ގެ ލަނޑާއެކު ބަގޭސް ސްޕޯޓްސް ކުލަބުން ލީޑު ނެގުމާއެކު ފެނުނީ ބަރާބަރުން މުޅި މެޗު ކޮންޓްރޯލް ކުރަން ފެށި ތަނެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ސިކުންތާ ހަމައަށް ވެސް ބަގޭސް އިން ވަނީ ލީޑު ހިފަހައްޓާފައެވެ.

ބަރާބަރު އެފްސީން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ އެންމެ ފަހު ވަގުތުއެވެ. ކީޕަރު އިބްރާހީމް ނާޖިހު (ހޭޓު) ކުރިއަށް އަރައިގެން ކުރި މަސައްކަތުން ތަނަވަސްވި ފުރުސަތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، ޢަލީ ހައިޝަމް (ޗުމްޕު) އެވެ.

ކެޕްޝަން.. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ، ޢަލީ ހައިޝަމް (ޗުމްޕު)- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މިއާއެކު މެޗު އެއްވަރުވެގެން ޖެހި ޕެނަލްޓީތަކުގައި ބަގޭސް އަށް ނާކާމިޔާބުވީ ފައިނަލް މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިޔާ، މޯޑު ޖެހި ޕެނަލްޓީއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ބަގޭސް އެސްސީގެ ކެޕްޓަން، ވިޝާހު ޢަބްދުލްމަޖީދު (ވިއްޓު) އެވެ. ޖުމްލަ 10 ލަނޑާއެކު މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީވެސް ވިއްޓު އެވެ. އަދި މުބާރާތުގެ 16 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ވަރިހަމަ ޕްލަސްގެ ގޯލްކީޕަރު، ލޫތު ބިން އަޙްމަދު ޢިމާދެވެ.

މުބާރާތުގެ ގަދަ 5 ކުޅުންތެރިން:

  • ވިޝާހު ޢަބްދުލްމަޖީދު (ވިއްޓު): ބަގޭސް އެސްސީ
  • ޢަލީ ހައިޝަމް (ޗުމްޕު): ބަރާބަރު އެފްސީ
  • އަޙްމަދު ޙުސައިން (އައްމަޑޭ): ބަރާބަރު އެފްސީ
  • އުނައިޝް އަޙްމަދު: ޑީސީއެސްސީ
  • އިސްމާޢީލް ރަޔާން: ބަގޭސް އެސްސީ

މުބާރާތުގެ މެޗުތައް ގެނެސްދީފައިވަނީ ސަން ޕްލޭ އެޕް އަދި ސަން ޕްލޭގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށެވެ.

comment ކޮމެންޓް