އަބޫދާބީގެ ޝެއިޚް ޒާއިދު މިސްކިތަށް ޒިޔާރަތްކުރާ މީހުންގެ އަތުން ފީއެއް ނަގަން ފަށައިފި

އަބޫދާބީގައި ހުންނަ ޝެއިޚް ޒާއިދު ގްރޭންޑް މިސްކިތަށް ޒިޔާރަތްކުރާ މީހުންގެ އަތުން ފީއެއް ނަގަން ފަށައިފިއެވެ.

ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫއޭއީގެ އައިޑީ ކާޑު އޮންނަ މީހުންގެ އަތުން ފަސް ދިރުހަމް ނަގާއިރު، ފަތުރުވެރިންގެ އަތުން ނަގާނީ 10 ދިރުހަމެވެ.

ނަމަވެސް، ނަމާދުކުރަންދާ މީހުންނަށް އެއްވެސް ފީއަކާ ނުލައި މިސްކިތަށް ވަދެވޭނެއެވެ.

މީގެ އިތުރުން، އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހިލޭ މިސްކިތަށް ވަދެވޭނެއެވެ. ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް ޝެއިޚް ޒާއިދު ގްރޭންޑް މޮސްކް ސެންޓަރުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ. އަދި ޒިޔާރަތްކުރަން ގަސްތުކުރާ ދުވަހުގެ އެއް މަސް ކުރިން ޓިކެޓް ބުކްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިސްކިތަށް ޒިޔާރަތްކުރާ މީހުންނަށް ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 9:00 އިން ރޭގަނޑު 8:30 އަށް މިސްކިތް ހުޅުވާފައި ހުންނާނެއެވެ. ހުކުރު ދުވަހު މިސްކިތް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 11:30 އަށް، އަދި މެންދުރުފަހު 2:30 އިން ރޭގަނޑު 8:30 އަށެވެ. މީގެ އިތުރުން، 30 މިނެޓާއި 45 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވާ ސަގާފީ ޓުއާތަކެއް ވެސް އެ ސެންޓަރުން ހިލޭ ކުރިއަށްގެންދެއެވެ. މި ޓުއާތަކުގައި މިސްކިތް ބިނާކުރުމުގެ ތާރީޚާއި، އެކުވެރިކަމާއި ތަހައްމަލުކުރުން ކުރިއެރުވުމުގައި މިސްކިތުގެ ދައުރު ކިޔައިދޭނެއެވެ. މި ޓުއާތައް އޮންނާނީ ހޯމަ ދުވަހުން އާދީއްތަ ދުވަހަށް ހެނދުނު 11:00، މެންދުރު 1:00 އަދި ހަވީރު 5:00 ގައެވެ. ހުކުރު ދުވަހު ޓުއާތައް އޮންނާނީ ހެނދުނު 11:00 އަދި ހަވީރު 5:00 ގައެވެ.

ޝެއިޚް ޒާއިދު ގްރޭންޑް މޮސްކް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 3.12 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެ މިސްކިތަށް ޒިޔާރަތްކޮށްފައެވެ. އެ މުއްދަތުގައި ޖުމްލަ 3،127،607 މީހުން މިސްކިތާއި މިސްކިތުގެ ވަސީލަތްތައް ބޭނުންކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ނަމާދުކުރުމަށާއި ރޯދަވީއްލުމަށް ދިޔަ 1،841،305 މީހުންނާއި، އެކި ގައުމުތަކުން ޒިޔާރަތްކުރި 1،241،808 ފަތުރުވެރިންނެވެ. ހުކުރު ނަމާދަށް 98،469 މީހުން ހާޒިރުވިއިރު، ފަރުޟު ފަސް ނަމާދަށް 229،139 މީހުން ހާޒިރުވެފައިވެއެވެ. އަދި ރަމަޟާން މަހާއި ފިތުރު އީދުގައި 533،687 މީހުން އެ މިސްކިތުގައި ނަމާދުކޮށްފައިވެއެވެ.

މިސްކިތަށް ޒިޔާރަތްކުރި މީހުންގެ 78 ޕަސެންޓަކީ ޔޫއޭއީން ބޭރުގެ ފަތުރުވެރިންނެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ އޭޝިއާ ބައްރުންނެވެ. އެއީ 52 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކުރި ޔޫރަޕުން 31 ޕަސެންޓް ހިއްސާކުރިއިރު، އުތުރު އެމެރިކާއިން 10 ޕަސެންޓް މީހުން ޒިޔާރަތްކޮށްފައިވެއެވެ. އެފްރިކާއާއި ދެކުނު އެމެރިކާގެ ކޮންމެ ބައްރަކުން ތިން ޕަސެންޓް، އަދި އޮސްޓްރޭލިއާއިން އެއް ޕަސެންޓް މީހުން ޒިޔާރަތްކޮށްފައިވެއެވެ. ގައުމުތަކަށް ބަލާއިރު، އެންމެ ގިނަ މީހުން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެއީ ޖުމްލަ ޒިޔާރަތްކުރި މީހުންގެ 21 ޕަސެންޓެވެ. އޭގެ ފަހަތުން ޗައިނާއިން 10 ޕަސެންޓް، ރަޝިޔާއިން އަށް ޕަސެންޓް، އެމެރިކާއިން ހަތް ޕަސެންޓް އަދި ޖަރުމަނުވިލާތުން ހަތަރު ޕަސެންޓް މީހުން ޒިޔާރަތްކޮށްފައިވެއެވެ. ފިލިޕީންސް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޕޮލެންޑް އަދި ޕާކިސްތާނުގެ ކޮންމެ ގައުމަކުން ތިން ޕަސެންޓް މީހުން ޒިޔާރަތްކޮށްފައިވެއެވެ.

ޝެއިޚް ޒާއިދު ގްރޭންޑް މިސްކިތަކީ ޔޫއޭއީގައި ހުރި އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތަކީ ސުލްހައާއި ތަހައްމަލުކުރުން ކުރިއެރުވުމުގެ މަގުސަދުގައި، އެ ގައުމުގެ ބާނީ މަރުހޫމް ޝެއިޚް ޒާއިދު ބިން ސުލްތާން އާލް ނަހްޔާންގެ ތަސައްވުރަކަށް ބިނާކޮށްފައިވާ މިސްކިތެކެވެ. ހުދު މާބަލްގެ 82 ގުއްބާއި، 1،000 އަށް ވުރެ ގިނަ ތަނބު ހިމެނޭ މި މިސްކިތުގައި ބޮޑެތި ކްރިސްޓަލް ޗާންދަލިއާތަކާއި ދުނިޔޭގެ އެންމެ ބޮޑު އަތްތެރިކަމުގެ ދޫލަ އޮވެއެވެ. މިސްކިތް ބިނާކުރުމުގެ މަސައްކަތް 1996 ވަނަ އަހަރު ފަށައި، ނިންމާފައިވަނީ 2007 ވަނަ އަހަރުއެވެ. އަދި މިސްކިތް ހުޅުވާފައިވަނީ އެ އަހަރުގެ ޑިސެންބަރު މަހުގައެވެ.

comment ކޮމެންޓް