މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި 10 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އިއްޔެ ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީއެންސީން ބާއްވަމުން އަންނަ "މަތީ މަޖިލިސް" ބައްދަލުވުމުގައި ޒަރީރު ދެއްވި ޕްރެޒެންޓޭޝަނެއްގައި ވަނީ، ބޭރު ފައިސާގެ ރިޒާވުން ދަރަންޏާއި ތެލަށް ކުރަން ޖެހުނު ހޭދައިގެ ތަފުސީލުތައް ކިޔައިދެއްވާފައެވެ.
އެގޮތުން، މި ސަރުކާރުގެ ބޭރު ފައިސާގެ ރިޒާވުން އެންމެ ބޮޑު ޚަރަދެއް ހިނގާފައި ވަނީ، ތެލާއި ދަރަންޏަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަތް އަހަރު ތެރޭ ތެޔޮ އިމްޕޯޓު ކުރުމަށް އެންމެ ބޮޑު ޚަރަދެއް ހިނގީ 2022ގައެވެ. އެ އަހަރު އެކަނި 831 މިލިއަން ޑޮލަރު އެކަމަށް ހޭދަވިއިރު، ޖެހިގެން އައި ތިން އަހަރު އެ އަދަދު ހުރީ 700 މިލިއަން ޑޮލަރުން މަތީގައެވެ. އެއަށް ފަހު، މި އަހަރުގެ މިހާތަނަށް ތެލަށް ކުރި ހޭދަ ދަށްވެ، އެ އަދަދު ހުރީ 683 މިލިއަން ޑޮލަރުގައެވެ.

މިނިސްޓަރު ހިއްސާކުރެއްވި ތަފާސްހިސާބުތައް ----
ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ޒަރީރު ވިދާޅުވީ، 2015 ވަނަ އަހަރުން 2020 ވަނަ އަހަރާ ހަމައަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހެނީ ވަރަށް ކުޑަ އަދަދެއް ކަމަށެވެ. އެކަމަކު، ކޮވިޑަށް ފަހު، 400އެއްހާ މިލިއަން ރުފިޔާގެ ދަރަނި ދައްކަން ޖެހުނުއިރު، އޭގެ ފަހުން ދަރަނި ދައްކަން ޖެހޭ އަދަދުތައް މަތިވަމުން އައިކަން ފިނޭންސްގެ ހިސާބުތަކުން އެނގެއެވެ.
މިދިޔަ އަހަރާއި މި އަހަރަކީ، ދައުލަތުގެ ހަޔާތުގައި އެންމެ ބޮޑެތި ލޯނުތައް ދައްކަން ޖެހުނު އަހަރުތަކުގެ ގޮތުގައި ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ، މި އަހަރުގެ އަށް މަހުގެ ތެރޭގައި 10 ބިލިއަން ރުފިޔާގެ ލޯނު ދެއްކިއްޖެ ކަމަށެވެ.
"އެއީ، 2015 އިން ފެށިގެން 2023އާ ހަމައަށް ދައްކަން ޖެހުނު މުޅި ޖުމުލަ އަދަދާ އެއްވަރުގެ އަދަދެއް ދެއްތޯ. އެހެންވީމަ މިއީ އަޅުގަނޑުމެނަށް އުފުލަން ޖެހޭ އެންމެ ބޮޑު ބުރަ" މިނިސްޓަރު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ގައުމުގެ ދަރަނި ބޮޑުވެ، މި އަހަރު ރެކޯޑު އަދަދުތަކުން ސަރުކާރަށް ވަނީ ދަރަނި އަނބުރާ ދައްކަން ޖެހިފައެވެ. މި އަހަރުގެ މިހާތަނަށް 10 ބިލިއަނުގެ ދަރަނި ދެއްކިއިރު، އަދިވެސް ގާތްގަނޑަކަށް 600 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ދަރަނި ދައްކަން ޖެހޭ ކަމަށް ހިސާބުތަކުން ދައްކައެވެ. ސަރުކާރުން އިއްޔެ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީޓީގެ ފަހު ޕޭމަންޓް ވެސް ދައްކައިފައެވެ.
ރާއްޖެއަށް މި މައްސަލަތައް ދިމާވެފައިވަނީ، ބޭރުގެ ދަރަނި އިތުރުވަމުންދާތީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ބޭރުގެ އިދާރާތަކުން ލަފާ ދެމުން އަންނަތާ އެތައް އަހަރެއް ވެފައި ވަނިކޮށެވެ.