ދެކުނު އޭޝިއާގެ ޕޮޕް މިއުޒިކްގެ ރާނީ ނާޒިއާ ހަސަން: އަލިގަދަ މިއުޒިކީ ހަޔާތަކާއި އަސަރުން ފުރިގެންވީ ވަކިވުމެއް

ދެކުނު އޭޝިއާގެ މިއުޒިކީ ތާރީޚުގައި އެ ނަމެއް ރަން އަކުރުން ފަވާލެވިފައިވާ އެއް ފަންނާނަކީ ޕާކިސްތާނަށް އުފަން، "ކުއީން އޮފް ސައުތު އޭޝިއަން ޕޮޕް"ގެ ނަމުން މަޝްހޫރުވި ނާޒިއާ ހަސަންއެވެ.

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނުގެ މިއުޒިކީ ދާއިރާއަށް މުޅިން އާ ދިރުމެއް ގެނެސްދިން ނާޒިއާ އަކީ، އޭނާގެ އާދަޔާޚިލާފު ހުނަރާއި މަޑުމައިތިރި މިޒާޖުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިލިއަން ފޭނުންގެ ހިތްތައް ފަތަހަކުރި އަލިގަދަ ތަރިއެކެވެ.

ނާޒިއާގެ މިއުޒިކީ ހަޔާތުގެ މުހިއްމު ސަޮފްހާތަށް ފެށުނީ 1980 ވަނަ އަހަރު، އޭނާގެ އުމުރުން އެންމެ 15 އަހަރުގައެވެ. ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޒީނަތު އަމާން އޭނާގެ އިިންސްޓަގްރާމްގައި މީގެ އަހަރުތަކެއް ކުރިން ހިއްސާކުރި ހަނދާންތަކުގައިވާ ގޮތުން، ނާޒިއާ އާއި އޭނާގެ އާއިލާއާ ފުރަތަމަ ބައްދަލުވީ ލަންޑަންގެ ހޮޓަލެއްގެ ލޮބީއިންނެވެ. ޝޫޓިން ނިންމާލުމަށްފަހު ވަރުބަލިވެފައި ހުރި ނަމަވެސް، ނާޒިއާގެ އާއިލާގެ އާދަޔާޚިލާފު ތަހުޒީބީ މިޒާޖުގެ ސަބަބުން ޒީނަތު ވަނީ އެ މީހުންނާ ބައްދަލުކޮށް ކުޑަކުޑަ ނާޒިއާގެ ލަވަކިއުމުގެ ހުނަރު އަޑުއަހާފައެވެ.

އެ ބައްދަލުވުމުގައި ނާޒިއާގެ އާދަޔާޚިލާފު އަޑުން ޒީނަތު ހައިރާންކޮށް ސިއްސުވާލި ކަމަށާއި ނަތީޖާއެއްގެ ގޮތުން 1980ގެ ބޮލީވުޑް ބްލޮކްބަސްޓާ ފިލްމު "ގުރުބާނީ"ގެ ޑައިރެކްޓަރު ފީރޯޒް ޚާންއަށް ނާޒިއާގެ ހުނަރު ތައާރަފުކޮށްދިން ކަމަށް ކުރީގެ މަގުބޫލު ބަތަލާ ބުނެފައިވެއެވެ. ފީރޯޒްއަށް ނާޒިއާގެ އަޑު ކަމުގޮސް އޭރުގެ ފުންނާބު އުސް މިއުޒިކް ޕްރޮޑިއުސަރު ބިއްދޫގެ އިރުޝާދުގެ ދަށުން ރެކޯޑުކުރި "އާޕް ޖައިސާ ކޯއީ" ލަވާއާއެކު މުޅި ދެކުނު އޭޝިއާގެ މިއުޒިކީ މަޝްރަހު ގުގުމާލިއެވެ.

ނާޒިއާ ހަސަން ހިންދީ ސިނަމާގެ ކުރީގެ ތަރިން ކަމަށްވާ ވިނޯދު ކަންނާ، ފީރޯޒް ޚާން އަދި ޒީޏަތު އަމަންއާ އެކު--ފޮޓޯ/ޕިންޓްރެސްޓް

އަސަރުގަދަ އަޑަކާއިއެކު ކިޔައިދިން އެ ލަވައަށް ލިބުނު ބޮޑު ތަރުހީބާއެކު، އޭނާ ވަނީ ޝަރަފުވެރި ފިލްމްފެއާ "ބެސްޓް ފީމޭލް ޕްލޭބެކް ސިންގާ" އެވޯޑު ހާސިލުކޮށްފައެވެ. ޒީނަތު ފާހަގަކުރި ގޮތުގައި "ގުރުބާނީ" ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ، އިންގިލާބީ ހުށަހެޅުމަކީވެސް ނާޒިއާގެ އެ ލަވައެވެ.

އޭގެ ފަހުން 1981 ވަނަ އަހަރު، ނާޒިއާގެ ބޭބެ ޒުހެބް ހަސަން އާއި މިއުޒިކް ޕްރޮޑިއުސަރު ބިއްދޫއާ ގުޅިގެން ނެރުނު "ޑިސްކޯ ދީވާނޭ" އަލްބަމް ވެގެންދިޔައީ ވެސް މުޅި ދުނިޔެ ސިއްސުވާލި ބޮޑު ކާމިޔާބީއަކަށެވެ. ވިކުނު އަދަދުތަކުގެ ރެކޯޑުތައް މުގުރާލި އެ އަލްބަމާއެކު ނާޒިއާ އާއި ޒުހެބް އަކީ ދެކުނު އޭޝިއާގެ ޕޮޕް މިއުޒިކްގެ އެންމެ އުސް އުޑުގައި ވިދާލި ދެ ތަރިން ކަމަށް ގިނަ ބަޔަކު މިއަދުވެސް އިއްތިފާގުވެއެވެ.

ނަމަވެސް، ނާޒިއާއަކީ ހަމައެކަނި މިއުޒިކީ ތަރިއެއްގެ އިމުގެ ތެރޭގައި ބަންދުވި ޝަޚުޞިއްޔަތެއް ނޫނެވެ. އޭނާއަކީ ތައުލީމަށް ނުހަނު އިސްކަންދިން، އިންސާނީ ޚިދުމަތުގައި ނަމޫނާ ދެއްކި ފަންނާނެކެވެ. ރިޗްމަންޑް އެމެރިކަން ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ބެޗްލަސް ޑިގްރީ ހާސިލުކުރުމަށްފަހު، ނާޒިޔާ ވަނީ ޔުނިވަސިޓީ އޮފް ލަންޑަންއިން ޤާނޫނީ ދާއިރާއިން ވެސް ޑިގްރީ ހާސިލުކޮށްފައެވެ.

ނިއުޔޯކްގައި ހުންނަ އދ.ގެ ސެކިއުރިޓީ ކައުންސިލް އެފެއާޒްގައި މަސައްކަތްކުރުމުގެ އިތުރުން، 1991 ވަނަ އަހަރު އައްޔަންވި ޔުނިސެފްގެ ކަލްޗަރަލް އެމްބެސަޑަރުކަމުގެ މަގާމާއެކު މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް "ބެޓްލް އަގެއިންސްޓް ނާކޮޓިކްސް"ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި، 1992ގައި ނެރުނު ފަހު އަލްބަމް "ކެމެރާ ކެމެރާ" ވެސް އޭނާ ޚާއްޞަކުރީ މި އިޖުތިމާއީ ކެމްޕޭނަށެވެ.

މިއުޒިކީ އަދި އިޖުތިމާއީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރި ނަމަވެސް، ނާޒިއާގެ އަމިއްލަ ދިރިއުޅުން އޮތީ ހިތާމައާއި ކެކުޅުމުން ފުރިފައެވެ. ނަވާރަސަތޭކަ ފަސް ވަނަ އަހަރު ވިޔަފާރިވެރިޔާ މިރުޒާ އިޝްތިއާޤް ބޭގްއާ ކުރި ކައިވެންޏަށް ކުއްޖަކު ލިބުނު ނަމަވެސް، އެ ކައިވެނީގައި އުފާވެރިކަމެއް ނެތި، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. ނަތީޖާއެއްގެ ގޮތުން، އޭނާ މަރުވުމުގެ އެންމެ ތިން މަސް ކުރިން އެ ކައިވެނި ވަނީ ރޫޅިފައެވެ.

އަމިއްލަ ދިރިއުޅުމުގެ ހިތާމަތަކާއެކު، ނާޒިއާ ދިޔައީ ފުއްޕާމޭގެ ކެންސަރު ބައްޔާ ދެކޮޅަށް ހިތްވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. އެ ނުރައްކާތެރި ބަލީގައި، ނާޒިއާ މަރުވީ 2000 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަނިކޮށެވެ.

ނާޒިއާ ދުނިޔެއާ ވަކިވެދިޔަތާ ގިނަ އަހަރުތަކެއް ވެގެންގޮސްފައިވީ ނަމަވެސް، އޭނާގެ "އާޕް ޖައިސާ ކޯއީ"، "ބޫމް ބޫމް" އަދި "ޑިސްކޯ ދީވާނޭ" ފަދަ ލަވަތަކުން އޭނާގެ ހަނދާންތައް އަދިވެސް އަންނަނީ އާވަމުންނެވެ. ޒީނަތު އަމާން ބުނި ފަދައިން، "އާޕް ޖައިސާ ކޯއީ" ލަވައިގެ މުޅި ހައްގުވެރިއަކީ ދެކުނު އޭޝިއާގެ މިއުޒިކީ ދާއިރާއަށް ޑިސްކޯގެ އިންގިލާބެއް ގެނެސްދިން އެ ކުޑަކުޑަ ޕާކިސްތާނު އަންހެން ކުއްޖާއެވެ.

comment ކޮމެންޓް