މެސީގެ 100 ވަނަ ލަނޑާއެކު އިންޓަ މަޔާމީއަށް އިތުރު ތައްޓެއް

ކެމްޕިއޮނެސް ކަޕް 2026 ގެ ޗެމްޕިއަންކަން ހޯދި އިންޓަ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީ ޓްރޮފީ އުފުލާލަނީ--

ލިއޮނެލް މެސީ އިންޓަ މިއާމީއަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު މެކްސިކޯގެ ކުރޫޒް އަޒުލް 2-0 އިން ބަލިކޮށް 2026 ވަނަ އަހަރުގެ ކެމްޕިއޮނެސް ކަޕް އިންޓަ މަޔާމީން ކާމިޔާބުކޮށްފިއެވެ.

މިއީ އިންޓަ މަޔާމީގެ އައު ދަނޑުގައި އެ ޓީމުން އުފުލާލި ފުރަތަމަ ތަށީގެ އިތުރުން، އެ ޓީމުގެ އައު ހެޑް ކޯޗު ކްރިސްޓިއަން ގޮންޒާލެސްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ހޯދި ބޮޑު ކާމިޔާބީއެކެވެ.

މި މޮޅާއެކު މެސީގެ ކެރިއަރުގައި ހޯދި ޖުމްލަ ތަށީގެ އަދަދު ވަނީ 49 އަށް އަރާފައެވެ. މިއީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައިވެސް ކުޅުންތެރިއަކު އެންމެ ގިނަ ތަށި ހޯދުމުގެ ރެކޯޑެވެ.

މި މެޗުގައި މެސީގެ ތާރީޚީ 100 ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 24 ވަނަ މިނެޓުގައެވެ. ލުއިސް ސުއަރޭޒް ނަގައިދިން ހިތްގައިމު ހުރަހަކުން މެސީ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން މިއާމީއަށް ލީޑު ނަގައިދީފައެވެ. މި ލަނޑަކީ މެސީ އިންޓަ މިއާމީއަށް ކުޅެދިން 115 މެޗުން ހަމަކުރި 100 ވަނަ ލަނޑެވެ.

މެސީ 2023 ވަނަ އަހަރުގެ ޖުލައި މަހު އިންޓަ މިއާމީއަށް ކުޅެދިން ފުރަތަމަ މެޗުގައި އޭނާގެ ފުރަތަމަ ލަނޑު ޖެހީވެސް ކުރޫޒް އަޒުލް ކޮޅަށެވެ. އެހެންކަމުން މިއީ އޭނާގެ މިއާމީ ކެރިއަރުގައި ވަރަށް ޚާއްޞަ އަދި ތާރީޚީ ގޯލެކެވެ.

އިންޓަ މަޔާމީން ތަށި ކަށަވަރުކުރި ދެވަނަ ލަނޑު ޖެހީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މެސީ ނަގައިދިން ކޯނަރަކުން ބޮލުން ޖަހައި މި ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯއެވެ. މި ލަނޑާއެކު ކުރޫޒް އަޒުލްއަށް މެޗުގެ ތެރެއަށް އެނބުރި އައުމުގެ ހުރިހާ ދޮރެއް ބަންދުވެ، އިންޓަ މަޔާމީން ވަނީ ކެމްޕިއޮނެސް ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.

comment ކޮމެންޓް