ރަޝިޔާގެ ތެލުގެ މައްސަލައިގައި 100 ޕަސެންޓް ޓެރިފްގެ ނުރައްކަލާ އިންޑިއާއަށް ކުރިމަތިވެއްޖެ

ރަޝިޔާގެ ތެޔޮ އަދި ގޭސް ގަންނަ ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 100 ޕަސެންޓާ ހަމައަށް ޓެރިފް ނެގުމުގެ ބާރު ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިނުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކުރުމާއެކު، ރަޝިޔާއިން ގިނަ ޢަދަދަކަށް ތެޔޮ ގަންނަ އިންޑިއާއަށް ޓެރިފްގެ ބޮޑު ނުރައްކަލަކާ ވަނީ ކުރިމަތިވެފައެވެ.

މި ބިލު ޤާނޫނަކަށް ހެދުމަށްޓަކައި މިހާރު ވަނީ ރައީސް ޓްރަމްޕަށް ފޮނުވާފައެވެ.

މި ގާނޫނުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެނީ ރަޝިޔާއިން އެންމެ ގިނައިން ތެޔޮ ގަންނަ އިންޑިއާއާއި ޗައިނާއަށެވެ. ސެންޓަ ފޯ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއާ (ސީއާރުއީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް ރަޝިޔާއިން ބޭރުކުރި ސާފުނުކުރާ ތެލުގެ 50 ޕަސެންޓް ގަނެފައިވަނީ ޗައިނާއިންނެވެ. އަދި 37 ޕަސެންޓް ގަނެފައިވަނީ އިންޑިއާއިންނެވެ.

ގްލޯބަލް ޓްރޭޑް ރިސާޗް އިނިޝިއޭޓިވް (ޖީޓީއާރުއައި) އިން ބުނާ ގޮތުގައި، މި އަހަރު އިންޑިއާއިން އެތެރެކުރި ސާފުނުކުރާ ތެލުގެ 30.3 ޕަސެންޓަކީ ރަޝިޔާގެ ތެލެވެ. މިއީ އިންޑިއާއިން ތެޔޮ ގަތުމަށް ހޭދަކުރި 134.7 ބިލިއަން ޑޮލަރުގެ ތެރެއިން 40.8 ބިލިއަން ޑޮލަރުގެ ތެޔޮ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

އެހެން ގައުމުތަކުން އިންޑިއާއަށް ތެޔޮ ފޯރުކޮށްދޭ މިންވަރު ރަޝިޔާއާ އަޅައިބަލާއިރު ވަރަށް ބޮޑަށް ދަށެވެ. ޖުލައި މަހު އިންޑިއާއިން އެތެރެކުރި ތެލުގެ 10.8 ޕަސެންޓް ޔޫއޭއީއިން ފޯރުކޮށްދިންއިރު، ސައުދީ އަރަބިއްޔާއިން 9.6 ޕަސެންޓް، ވެނެޒުއޭލާއިން 6.3 ޕަސެންޓް، ބްރެޒިލްއިން 5.5 ޕަސެންޓް، އޮމާނުން 5.3 ޕަސެންޓް އަދި އެމެރިކާއިން ފޯރުކޮށްދިނީ 2.9 ޕަސެންޓެވެ. މިއިން ދައްކާ ގޮތުގައި މި ހަ ގައުމުން އެއްކޮށް ފޯރުކޮށްދިން ވަރަށް ވުރެ ގިނައިން ރަޝިޔާއިން އެކަނި ވަނީ ތެޔޮ ފޯރުކޮށްދީފައެވެ.

އިންޑިއާއަކީ ހަމައެކަނި ރަޝިޔާގެ ތެޔޮ ގަންނަ ގައުމެއް ނޫނެވެ. އިންޑިއާގެ ރިފައިނަރީތަކުން ރަޝިޔާގެ ސާފުނުކުރާ ތެޔޮ ސާފުކުރުމަށްފަހު، އަނބުރާ ރަޝިޔާއަށް ވެސް އެކްސްޕޯޓުކުރެއެވެ. ސީއާރުއީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް މަހު ރަޝިޔާއިން 172،000 ޓަނުގެ ތެޔޮ އެތެރެކޮށްފައިވާއިރު، އޭގެ ތެރެއިން 120،000 ޓަނު (ގާތްގަނޑަކަށް 70 ޕަސެންޓް) ފޯރުކޮށްދީފައިވަނީ އިންޑިއާއިންނެވެ. މިއީ ގުޖަރާތުގެ ރިފައިނަރީއެއްގައި ސާފުކޮށްފައިވާ 78 މިލިއަން ޔޫރޯގެ ޕެޓްރޯލް ކަމަށް އެ އިދާރާއިން ބުނެއެވެ.

އެމެރިކާއިން އިންޒާރުދީފައިވަނީ އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓުކުރާ މުދަލުން ޓެރިފް ނަގާނެ ކަމަށެވެ. އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު އެމެރިކާއިން ވަނީ އިންޑިއާއިން 104 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ކުރެވުނު ވިޔަފާރީގެ އަގު 240 ބިލިއަން ޑޮލަރަށް އަރައެވެ. އިންޑިއާއިން އެމެރިކާއަށް އެންމެ ގިނައިން އެކްސްޕޯޓުކުރާ މުދަލުގެ ތެރޭގައި އިލެކްޓްރޯނިކްސް، ބޭސް، މެޝިނަރީ އަދި ގަހަނާ ހިމެނެއެވެ. މިދިޔަ އަހަރު އެކަނިވެސް 25.8 ބިލިއަން ޑޮލަރުގެ އިލެކްޓްރޯނިކްސް އަދި 9.7 ބިލިއަން ޑޮލަރުގެ ބޭސް އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓުކޮށްފައިވެއެވެ. މީގެ ކުރިން މިދިޔަ އަހަރު ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ އިންޑިއާގެ މުދަލުން 50 ޕަސެންޓާ ހަމައަށް ޓެރިފް ނަގާފައެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ހަކަތަ ކަށަވަރުކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށެވެ. އަދި ފަހުގެ މަސްތަކުގައި އެމެރިކާގެ އިސް އޮފިޝަލުންނާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ޖީޓީއާރުއައި ހިންގުމާ ހަވާލުވެ ހުންނެވި އިންޑިއާގެ ކުރީގެ ވިޔަފާރިއާ ބެހޭ އޮފިޝަލް އަޖޭ ސްރިވާސްތަވާ ވިދާޅުވި ގޮތުގައި، މިއީ އެމެރިކާއަށް ފައިދާވާ ގޮތަށް އޮތް ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އިންޑިއާއަށް މަޖުބޫރުކުރުމަށް ކުރާ ނުރައްކާތެރި މަސައްކަތެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނަނީ 1.4 ބިލިއަން މީހުންނަށް ހެޔޮ އަގެއްގައި ހަކަތަ ފޯރުކޮށްދިނުމަށެވެ.

އެޓްލާންޓިކް ކައުންސިލްގެ ސީނިއާ ފެލޯ މައިކަލް ކޫގްލްމަން ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި އާ ބިލުގެ ސަބަބުން އިންޑިއާއަށް ބޮޑެތި މައްސަލަތަކަކާ ކުރިމަތިވާނެ ކަމަށެވެ. އިންޑިއާއަށް މިކަމުގެ ނުރައްކާ ބޮޑުވަނީ، އެ ގައުމަށް ބޭނުންވާ ސާފުނުކުރާ ތެލުގެ 88 ޕަސެންޓަށް ވުރެ ގިނަ އަދަދެއް އެތެރެކުރަން ޖެހޭތީއެވެ. ކައުންސިލް އޮން އެނާޖީ، އެންވަޔަރަންމަންޓް އެންޑް ވޯޓާ (ސީއީއީޑަބްލިއު) އިން ބުނާ ގޮތުގައި، އިންޑިއާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވްގައި ހުރީ އެންމެ ނުވައެއް ނުވަތަ 10 ދުވަހަށް ބޭނުންވާ ވަރުގެ ތެލެވެ. މިއާ ޚިލާފަށް ޖަޕާނުގައި 200 ދުވަހުގެ ރިޒާވް އަދި ދެކުނު ކޮރެއާގައި 207 ދުވަހުގެ ރިޒާވް ހުރެއެވެ. ތެލުގެ އިތުރުން، އިންޑިއާގެ 330 މިލިއަން ގޭބިސީގައި ކެއްކުމަށް ބޭނުންކުރާ އެލްޕީޖީ ގޭހުގެ 60 ޕަސެންޓަށް ވުރެ ގިނަ އަދަދެއް ވެސް އެ ގައުމުން އެތެރެކުރެއެވެ.

އެހެންނަމަވެސް، 2022 ވަނަ އަހަރުން ފެށިގެން ރަޝިޔާއިން ތެޔޮ ގަންނަން ފެށުމުގެ ސަބަބުން އިންޑިއާއަށް ގާތްގަނޑަކަށް 12.6 ބިލިއަން ޑޮލަރު ސަލާމަތްކުރެވިފައިވާ ކަމަށް ސީއީއީޑަބްލިއުއިން އަންދާޒާކުރެއެވެ. ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރު ރިޗަޑް ބްލޫމެންތަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޗައިނާއާއި އިންޑިއާއިން އެހެން ތަނަކުން ތެލާއި ގޭސް ގަތުން ބުއްދިވެރި ކަމަށެވެ. މި ބިލުގެ ދަށުން، ރަޝިޔާއިން ހަކަތަ ގަތުން ހުއްޓާލުމަށް ނުވަތަ އެމެރިކާއާއެކު މަޝްވަރާކުރުމަށް މި ގައުމުތަކަށް 180 ދުވަހުގެ މުހުލަތެއް ލިބޭނެއެވެ.

comment ކޮމެންޓް