އިއްޔެ ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ގާތްގަނޑަކަށް 30 ގެއަކަށް ފެންވަދެ، އޭގެ ތެރެއިން 15 ވަރަކަށް ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނި ގޮތުގައި، އުތުރަށް ކުރަމުން އަންނަ ވިއްސާރައިގައި، އިނގުރައިދޫގެ ގެތަކަށް ފެންވަނުން ހުއްޓުވުމަށް ޓަކައި ވެލިބަސްތާ ޖެހުމާއި، ފެންހިއްކުމުގެ މަސައްކަތް ކައުންސިލާއި ރަށުގެ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މިހާރު ވެސް ދަނީ ކުރަމުންނެވެ.
އެ ރަށުގައި ފެންބޮޑުވުމާ ގުޅިގެން ކަރަންޓުގެ ޚިދުމަތް ވެސް މެދުކެނޑުނު ކަމަށާއި، އެ ސަރަޙައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އިނގުރައިދޫގެ އިތުރުން، ރ. އަތޮޅުގެ ރަސްމާދުއާއި ޅ. ނައިފަރުގައި ވެސް ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އިނގުރައިދޫގައި ފެންބޮޑުވެފައި: ފެން ވަދެ، ބައެއް ގެތަކަށް ގެއްލުންވެފައިވޭ -- ފޮޓޯ/ އެންޑީއެމްއޭ އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް މައިހާ ޢަބްދުއްރަޝީދު "ސަން"އާ ހިއްސާކުރެއްވި މައުލޫމާތުގައިވާ ގޮތުން، އިއްޔެ އެ ރަށަށް ވަރަށް ބޮޑަށް ވާރޭ ވެހި ބައެއް ސަރަހައްދުތަކުގެ ގެތަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކް ސާމާނާއި އެހެނިހެން މުދަލަށް ގެއްލުންވެފައިވެއެވެ. އަދި ބައެއް މަގުތަކުގައި ހިނގާބިނގާވެ އުޅެން ނުރައްކާތެރި މިންވަރަށް ފެންބޮޑުވެފައިވާ ކަމަށާއި، އޭގެ ސަބަބުން އޮފީސްތަކާއި ފިހާރަތަކަށް ދިޔުމަށް ވެސް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ.
މައިހާ ވިދާޅުވި ގޮތުގައު، ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ކައުންސިލާއި ރަށުގެ މުއައްސަސާތައް ގުޅިގެން، ހަތަރު ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންގޮސްފައިވެއެވެ. އަދި ފެން ވަންނަމުން ދިޔަ ގެތަކަށް ކައުންސިލުން ވަނީ ވަގުތުން އެހީ ފޯރުކޮށްދީފައިވާ ކަމަށާއި، އެގޮތުން 15 ގެއެއްގެ ދޮރޯށިމަތީގައި ވެލި ބަސްތާ ޖަހައި، ފެން ވަނުން ހުއްޓުވުމުގައި އެހީވިކަން ފާހަގަކުރެއްވިއެވެ.
ފެންބޮޑުވުމާ ގުޅިގެން އެއްވެސް ގެޔަކުން މީހުން ހުސްކުރަން ނުޖެހޭ ކަމަށް މައިހާ ވިދާޅުވިއެވެ.
މި ދުވަސްވަރު ކުރަމުން އަންނަ ވިއްސާރައިގައި ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ފެންބޮޑުވެފައިވެއެވެ. މެޓް އޮފީހުން ވަނީ މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައެވެ.