ސިއްހަތަށް ގެއްލުންދޭ ޕްރޮސެސްކުރި ކާނާ: ބަރުދަން އިތުރުނުވިޔަސް މަސްތަކަށް ނުރައްކާ

މީގެ އެތައް އަހަރެއް ކުރިން އިންސާނުންގެ ކެއިންބުއިމުގެ އާދަތައް ހުރީ ވަރަށް ސާދާކޮށެވެ. ގޭތެރޭގައި ކައްކާ ތާޒާ ކާނާއާއި، ގުދުރަތީ ގޮތުން ލިބެން ހުންނަ ބާވަތްތަކަކީ އޭރުގެ މައިގަނޑު ކެއުމެވެ. ނަމަވެސް، ޒަމާން ބަދަލުވެ، ސިނާއީ ގޮތުން އުފައްދާފައިވާ، ގިނަ ދުވަހު ހަލާކުނުވެ ހުންނަ ގޮތަށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތައް މިއަދު ވަނީ އަހަރެމެންގެ ސުފުރާމަތި ފަތަހަކޮށްފައެވެ. މި ބަދަލާއެކު، ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ބޭރުފުށުން ފެންނަ ފަލަވުން ނޫން ކަމަށާއި، ހަށިގަނޑުގެ އެތެރެއިން މަސްތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ސައިންސްގެ ހޯދުންތަކުން މިހާރު ދަނީ ދައްކަމުންނެވެ.

މިގޮތުން، އެމެރިކާގެ ޔޫސީ ސެން ފްރެންސިސްކޯއިން ދާދި ފަހުން ކުރި ދިރާސާއަކުން ވަނީ ސިއްހީ މާހިރުންގެ ސަމާލުކަން މި ކަމަށް ހުއްޓުވާފައެވެ. 'ރޭޑިއޮލޮޖީ' ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި، ގިނައިން ޕްރޮސެސްކޮށްފައިވާ ކާނާ (އަލްޓްރާ-ޕްރޮސެސްޑް ފުޑް) ކާ މީހުންގެ ފައިގެ ފަލަމަސްގަނޑުގެ މަސްތަކުގެ ތެރޭގައި ސަރުބީ ޖަމާވުމުގެ ފުރުސަތު ބޮޑެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މިއީ ހަމައެކަނި ބަރުދަން އިތުރުވެގެން ވާ ކަމެއް ނޫން ކަމެވެ. ބަރުދަން އެއްވަރެއްގައި ހުރި ނަމަވެސް، މިފަދަ ކާނާގެ ސަބަބުން މަސްތަކުގެ އެތެރޭގެ އޮނިގަނޑަށް ބަދަލު އަންނަ ކަމަށް މި ދިރާސާއިން ވަނީ ހާމަވެފައެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޒަހްރާ އައްކާޔާ، 'ސައިންސް ޑެއިލީ' އަށް ދިން ބަޔާނެއްގައި ފާހަގަކުރި ގޮތުގައި، ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި އަސްލު ކާނާގެ ބާވަތްތައް މަދުވެ، އޭގެ ބަދަލުގައި ސިނާއީ ގޮތުން ޕްރޮސެސްކޮށްފައިވާ، މަސްނޫއީ ރަހަތައް އެކުލެވޭ ކާނާ އާންމުވުމާއެކު، ފަލަވުމުގެ މައްސަލަތަކާއި ކަކުލުގެ ހުޅު ހަލާކުވުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭނާ ބުނި ގޮތުގައި، ބަރުދަން ލުއިކުރުމަށް ހަމައެކަނި ކެލޮރީ ގުނުމާއި ކަސްރަތުކުރުމަށް އިސްކަންދީ، ކާނާގެ ފެންވަރަށް ސަމާލުކަން ނުދޭނަމަ، އެއީ ސިއްހަތު ރަނގަޅުކުރުމަށް އެޅޭ އެންމެ ފުރިހަމަ ފިޔަވަޅަކަށް ނުވާނެއެވެ.

ހެދިކާ: ފޮޓޯ; ލޮނުމެދު

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 615 މީހުން ބައިވެރިކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ 275 ފިރިހެނުންނާއި 340 އަންހެނުންނެވެ. މި މީހުންގެ އެވްރެޖް އުމުރަކީ 60 އަހަރެވެ. އަދި އެވްރެޖް ބީއެމްއައި ހުރީ 27 ގައެވެ. މިއީ އާންމު ގޮތެއްގައި ބަރުދަން އިތުރު ކަމަށް ބެލެވޭ މިންގަނޑެކެވެ. ނަމަވެސް، ދިރާސާ ފެށިއިރު މި މީހުންގެ ކަކުލުގެ ހުޅަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް މި މީހުންގެ ކެއިންބުއިމުގެ އާދަތައް ބެލިއިރު، އެ މީހުން ކެއި ކާނާގެ 41 އިންސައްތައަކީ ގިނައިން ޕްރޮސެސްކޮށްފައިވާ ކާނާ ކަމަށް ވަނީ ދެނެގަނެވިފައެވެ.

ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި، ގިނައިން ޕްރޮސެސްކޮށްފައިވާ ކާނާ ކެއި ވަރަކަށް، އެ މީހުންގެ ފަލަމަސްގަނޑުގެ މަސްތަކުގެ ތެރޭގައި ސަރުބީ ހުރި މިންވަރު ވަނީ އިތުރުވެފައެވެ. މިއީ ކެއި ކެލޮރީގެ މިންވަރާއި، ހަރަކާތްތެރިވެ އުޅުނު މިންވަރަށް ބެލުމަށްފަހުވެސް ފެންނަން ހުރި ނަތީޖާއެއް ކަމަށް ދިރާސާކުރި ފަރާތްތަކުން ބުނެފައިވެއެވެ. އެމްއާރްއައި ސްކޭންތަކުން ފެނުނު ގޮތުގައި، އެއްގޮތަކަށް ހުންނަންޖެހޭ މަސްތަކުގެ ތެރެއަށް ސަރުބީގެ ރޮނގުތަކެއް ވަދެފައި ހުއްޓެވެ. މިއީ ހަމައެކަނި ބަރުދަން ބަލާ ކައްޓާއަކަށް އަރައިގެން އެނގޭނެ ބަދަލެއް ނޫން ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

މިކަމުގެ ނުރައްކާ ބޮޑުވަނީ، މަސްތަކުގައި ސަރުބީ ޖަމާވުމަކީ ކުރިމަގުގައި ކަކުލުގެ ހުޅު ހަލާކުވުމުގެ (އޮސްޓިއޯއާތްރައިޓިސް) ފުރުސަތު ބޮޑުކުރާ ކަމަކަށް ވާތީއެވެ. މިއީ ހަމައެކަނި އުމުރުން ދުވަސްވުމުން ދިމާވާ ކަމެއް ނޫން ކަމަށާއި، މިއީ ދުނިޔޭގައި ކެންސަރު ނޫން ބަލިތަކަށް ކުރާ ހޭދައިގެ ތެރެއިން އެންމެ ބޮޑު އެއް ހޭދަ ކުރަންޖެހޭ ބަލި ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އަލްޓްރާ-ޕްރޮސެސްޑް ކާނާއަކީ ކޮބައިކަން ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ. މިއީ އާންމުގޮތެއްގައި ގިނަ ދުވަހު ހަލާކުނުވެ ހުންނަ ގޮތަށް، އަދި ކާހިތްވާ ފަދަ ގޮތަކަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކެވެ. މީގެ ތެރޭގައި ހަކުރު އެކުލެވޭ ސީރިއަލް، ޕެކެޓުކޮށްފައި ހުންނަ ސްނެކްސް، ހޮޓް ޑޯގް، ސޮޑާ، އެނާޖީ ޑްރިންކްސް، ކެންޑީ، ގަނޑުކޮށްފައި ހުންނަ ޕިއްޒާ، އަދި ކާރުހާނާތަކުގައި ގިނަ އަދަދަކަށް އުފައްދާ ޕާން ފަދަ ބާވަތްތައް ހިމެނެއެވެ. މި ބާވަތްތަކަކީ ހަކުރާއި، ސަރުބީއާއި، ލޮނު އަދި ކާބޯހައިޑްރޭޓްސް ވަކި މިންވަރަކަށް އެއްކޮށްގެން، އިންސާނާގެ ސިކުނޑިއަށް އެ ކެއުމަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ ތަކެތި ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.

ބައެއް ޑައިޓީޝަނުން ފާހަގަކުރާގޮތުގައި، ޕްރޮސެސްކޮށްފައިވާ ހުރިހާ ކާނާއަކީ އެއްވަރަކަށް ގެއްލުންދޭ ތަކެއްޗެއް ނޫނެވެ. ބައެއް ބާވަތްތަކަކީ އޭގައި ފައިދާހުރި މާއްދާތައް އެކުލެވޭ ތަކެއްޗެވެ. މިސާލަކަށް، ވިޓަމިން އަދި މިނަރަލްސް އިތުރުކޮށްފައިވާ ސީރިއަލް ފަދަ ބާވަތްތަކުން ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް ލިބުމަށް މަގުފަހިވެއެވެ. ނަމަވެސް، ހަކުރު އެކުލެވޭ ބުއިންތަކާއި ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކުގައި ގެއްލުންދޭ ސަރުބީއާއި ލޮނު އަދި ހަކުރު ގިނަ އަދަދަކަށް އެކުލެވޭ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން، ކާނާގައި ބޭނުންކުރާ އެޑިޓިވްސް ނުވަތަ އިތުރުކުރާ މާއްދާތަކުގެ ސަބަބުންވެސް ސިއްހަތަށް އަސަރުކުރެއެވެ. އާޓިފިޝަލް ސްވީޓްނަރސް ބޭނުންކުރުމުން ގޮހޮރުގެ ސިއްހަތަށާއި ލޭގައި ހަކުރު ހުންނަ މިންވަރަށް ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑައިޓީޝަނުން ބުނެއެވެ. އަދި ކާނާ ތައްޔާރުކުރާ ގޮތަކީވެސް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ތެލުލައިގެން ތައްޔާރުކުރާ ކާނާގައި ގެއްލުންދޭ ސަރުބީ ގިނަވާއިރު، ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކުގައި ލޮނު ގިނަވުމަކީ އާންމު ކަމެކެވެ.

މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ކެއުމަށް ބޭނުންކުރާ ތަކެތީގެ ލޭބަލް ކިޔުމަށް ޑައިޓީޝަނުން ލަފާދެއެވެ. އަދި ޕްރޮސެސް ނުކުރާ ނުވަތަ ވަރަށް ކުޑަކޮށް ޕްރޮސެސްކޮށްފައިވާ މޭވާއާއި ތަރުކާރީ އަދި ގޮވާމުގެ ބާވަތްތައް ކެއުމުގައި ހިމެނުމަކީ ސިއްހަތު ރަނގަޅުކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ހަކުރު އެކުލެވޭ ބުއިންތަކާއި، ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކާއި، ފާސްޓް ފުޑް އަދި ޕެކެޓުކޮށްފައި ހުންނަ ސްނެކްސް ފަދަ ތަކެތި ކެއުމުން ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.

ބައެއް ޕްރޮސެސްކޮށްފައިވާ ކާނާ، މެދުމިންވަރަކަށް ބޭނުންކުރުމަކީ މާބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ނޫން ކަމަށް ވިޔަސް، އެތަކެތި ގަންނައިރު އޭގައި ހަކުރާއި ގެއްލުންދޭ ސަރުބީ އަދި މަސްނޫއީ މާއްދާތައް އެކުލެވޭ މިންވަރު ބެލުމަކީ މުހިންމު ކަމެކެވެ. ޒަމާނާއެކު ކެއިންބުއިމުގެ އާދަތަކަށް އައިސްފައިވާ މި ބަދަލުތަކުގެ ސަބަބުން، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށާއި މަސްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ކެއުމަށް އިހްތިޔާރުކުރާ ކާނާގެ ފެންވަރާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް މި ދިރާސާއިން ސާބިތުކޮށްދެއެވެ. ބަރުދަން އެއްވަރެއްގައި ހިފެހެއްޓުނު ނަމަވެސް، އެތެރެހަށީގައި ހިނގަމުންދާ ބަދަލުތަކަކީ އަހަރެމެންގެ ސަމާލުކަން ބޭނުންވާ ކަންކަމެވެ.

comment ކޮމެންޓް