މާލޭގައި ރޭ މާރާމާރީއެއް، އެކަކަށް އަނިޔާވެ އައިޖީއެމްއެޗަށް

މާލޭގެ ސަރަހައްދެއް ބަންދުކޮށްފައި: މާލޭގައި މާރާމާރީއެއް ހިންގައި، މީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ/ އޭޕީ

މާލޭގެ ގަލޮޅުގައި ރޭ މާރާމާރީއެއް ހިންގައި، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ގަލޮޅު ހުވަފެނީގޯޅީގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:32 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި 35 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށްޓަކައި، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

'ސަން'އިން ސުވާލުކުރުމުން އައިޖީއެމްއެޗުން މިއަދު ބުނީ، އެ މީހާއަށް މި ވަގުތު ފަރުވާ ދެނީ އިމަޖެންސީ ރޫމުގައި ކަމަށެވެ. އަދި، އޭނާ ވޯޑަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނި ނަމަވެސް، އިތުރު ތަފުސީލެއް ދީފައެއްނުވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، މާރާމާރީގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާއިރު، އެ ފަދަ ހަމަނުޖެހުންތަކުގައި މީހުންނަށް ބޮޑެތި އަނިޔާތައް ވެސް ލިބިފައި އެބަހުއްޓެވެ.

comment ކޮމެންޓް