ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ ރެކްރިއޭޝަން ކުލަބްގެ މައްޗަށް 4-2 އިން ކުރިހޯދައި، ޓީސީ ސްޕޯޓްސް ކުލަބުން ލީގުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ.
ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ 12 މިނިޓު ތެރޭގައި ޓީސީން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. މެޗުގެ އަށްވަނަ މިނިޓްގައި ޓީސީއަށް ލީޑު ނަގައިދިނީ މިސްރުގެ މަހުމޫދު މުސްތަފާއެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން މުސްތަފާ ވަނީ އިތުރު ގޯލެއް ޖަހައި ޓީސީގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 21 ވަނަ މިނިޓްގައި ޓީސީގެ ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު މަގްސަން ޑުރާޑޯއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫއާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމްތިން ގޯލުގެ ފަރަގެއް އޮއްވައި ގައްދޫން ކުޅުން ރަނގަޅުކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ސާބިއާގެ ފޯވާޑް އުރޯސް ޖެމޯވިޗް ވަނީ ގައްދޫއަށް ފަރަގު ކުޑަކޮށްދީފައެވެ. ދެވަނަ ހާފުގައިވެސް ގައްދޫން ކުރި މަސައްކަތުން މެޗުގެ 86 ވަނަ މިނިޓްގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އެމަނުއަލް މަކިންޑޭ ވަނީ އިތުރު ގޯލެއް ޖަހައި ފަރަގު އެއް ލަނޑަށް ކުޑަކޮށްފައެވެ.
ނަމަވެސް، ގައްދޫން ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރަމުން ދަނިކޮށް، އިތުރު ވަގުތުގައި އެ ޓީމުގެ ކީޕަރު ބޯޖާން ވުކްމިރޯވިޗް ހެދި ގޯހެއްގެ ފައިދާ ނަގައި ޓީސީގެ މާޔިޒް ވަހީދު ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހައި މެޗުން މޮޅުކަން ކަށަވަރުކޮށްދީފައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫއާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމްމި މޮޅާއެކު ޓީސީއަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފުރަތަމަ މެޗުން ވިކްޓަރީ އަތުން 5-1 އިން ބަލިވި ޓީސީ ވަނީ ފޯމަކަށް އައިސްފައެވެ. އަނެއްކޮޅުން، އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުންވެސް ބަލިވި ގައްދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ލީގުގައި ގައްދޫ ދެން އެންމެ އަވަހަށް ނުކުންނާނީ އަންނަ އާދިއްތަ ދުވަހު ކްލަބް އީގަލްސްއާ ދެކޮޅަށެވެ.