ޕަރިނީތީ ރާއްޖޭގައި ހޭދަކުރި ޚާއްޞަ ޗުއްޓީ: ރާއްޖެ އައީ އަމިއްލަ ނަފުސަށް ބޭނުންވި 'މީ ޓައިމް' ހޯދަންކަމަށް ބުނެފި

އިންޑިއާގެ ބަތަލާ ޕަރިނީތީ ޗޯޕްރާ--ފޮޓޯ/އިންސްޓަގްރާމް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ، އޭނާގެ އަވަދިނެތް ދިރިއުޅުމުން ދުރުވެލައި، އަމިއްލަ ނަފުސަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ފުރިހަމަ ރިސޯޓެއްގައި ޚާއްޞަ ޗުއްޓީއެއް ހޭދަކޮށްފިއެވެ.

އަލަތު ދަރިފުޅު ލިބުނުތާ އަހަރެއްހާ ދުވަސް ފަހުން، ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޕަރިނީތީ ޚިޔާރުކުރީ ރ.އަތޮޅު މުރަވަންދޫގައި ތަރައްގީކޮށްފައިވާ އަލްޓްރާ-ލަގްޒަރީ ރިސޯޓް "ޖޯލި މޯލްޑިވްސް"އެވެ.

މި ދަތުރާ ގުޅޭގޮތުން އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކާއި ވީޑިއޯތަކުގައި ޕަރިނީތީ ބުނެފައިވަނީ، އޭނާ ބޭނުންވީ އެންމެ މަތީ ފެންވަރުގެ އަރާމާއި ލަގްޒަރީގައި ވަގުތުކޮޅެއް ހޭދަކޮށްލަން ކަމަށާއި، ޖޯލި މޯލްޑިވްސްއިން އޭނާއަށް އެ ފުރުސަތު ފުރިހަމައަށް ހޯދައިދިން ކަމަށެވެ. އަދި އެ ރިސޯޓުގެ ވިލާތަކަކީ ރާއްޖޭގައި ހުރި އެންމެ ފުރިހަމަ ވިލާތައް ކަމަށް ސިފަކޮށް، އެއީ އޭނާއަށް ފެނުނު އެންމެ ފުރިހަމައަށް ފަރުމާކުރެވިފައިވާ އެއް ރަށް ކަމަށް ވެސް އިންޑިއާގެ މަގުބޫލު ބަތަލާ ބުނެފައިވެއެވެ.

ޕަރިނީތީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

ޖޯލި މޯލްޑިވްސްއަކީ އާދައިގެ އާޓިސްޓިކް ސިފަތަކަށްވުރެ ބޮޑަށް، ފަންނުވެރިކަމާއި އާޓްގެ އެކި ހަރަކާތްތައް ރަށުގެ މާހައުލާ ގުޅުވައިގެން ފަރުމާކޮށްފައިވާ ޚާއްސަ ރިސޯޓެކެވެ.

މި ޗުއްޓީގައި ޕަރިނީތީގެ ދުވަސްތައް ބައްޓަންވެފައިވަނީ ވަރަށް ލަސް، ހަމަޖެހޭ އަދި އާދައިގެ ކަންކަމުގެ މައްޗަށެވެ. ހެނދުނު އަރާމުކޮށް ތެދުވުމާއި، އަތިރިމަތީގައި ހުސްފައިގައި ހިނގާލުމާއި، ސްޕާއަށް ދިއުމާއި، ސްނޯކްލިންގްއަށް ދިއުމުގެ އިތުރުން ކޮންމެ ދުވަހަކު ތަފާތު އެކި ގައުމުތަކަށް ޚާއްސަ ކެއުން ތަޖުރިބާ ކުރުމަކީ ޕަރީގެ ޗުއްޓީ ދަތުރުގައި ހިމެނުނު ޚާއްސަ ހަރަކާތްތައްކަން ބަތަލާ ވަނީ ފާހަގަކޮށްފައެވެ.

މިފަދަ އެކަހެރި އަދި މަތީ ފެންވަރުގެ ޚިދުމަތްތަކާ އެކު، ޖޯލި މޯލްޑިވްސްގައި ރޭގަނޑަކު ވިލާއެއްގެ އަގު އުޅެނީ މަދުވެގެން 2،376 އެމެރިކާ ޑޮލަރުގައެވެ. މިއީ އިންޑިއާ ރުޕީސްއިން ބަލާނަމަ ގާތްގަނޑަކަށް ދެ ލައްކަ ރުޕީސްއެވެ. ޕަރިނީތީގެ މި ދަތުރަކީ ގިނަ ކަންތައްތަކެއް ކުރުމަށްވުރެ ބޮޑަށް، އަމިއްލަ ނަފުސަށް ހަމަޖެހުމާއި ވަގުތު ހޯދައިދިނުމަށް އިސްކަންދިން ފުރިހަމަ "މީ ޓައިމް" ދަތުރެއް ކަމަށް ބަތަލާ ވަނީ ސިފަކޮށްފައެވެ.

ޕަރިނީތީގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު، ބަތަލާ ކައިވެނިކޮށްގެން އުޅެނީ އިންޑިއާގެ މަޝްހޫރު ސިޔާސީ ލީޑަރު ރާގަވް ޗަދާއާއެވެ. ޕަރިނީތީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ޑައިރެކްޓަރު އިމްތިޔާޒު އަލީގެ ފިލްމު "އަމަރް ސިންގް ޗަމްކީލާ" އިންނެވެ.

ޕަރީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އޭނާގެ އަލަތު އޯޓީޓީ/ވެބް ސީރީޒް "ޝައްކު"އިންނެވެ. މިއީ ސަސްޕެންސް ތްރިލާ ސީރީޒެކެވެ. މި ސީރީޒް ނެޓްފްލިކްސްގައި ޕްރީމިއާކުރާނީ އަންނަ ބުރާސްފަތި ދުވަހުގައެވެ.

comment ކޮމެންޓް