ޒުވާނުން ސިޔާސީ ކަންކަމާ ދުރަށް ދަނީ "ހަޑި އެއްޗެއް"ގެ ގޮތުގައި ދެކޭތީ: ރައީސް

ޕީއެންސީ ކޮންގްރެސް 2026ގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޕީއެންސީ

ޒުވާނުން ސިޔާސީ ކަންކަމާ ދުރަށް ދަނީ "ހަޑި އެއްޗެއް"ގެ ގޮތުގައި ދެކޭތީ ކަމަށާއި، ގައުމު އިސްކޮށްފިނަމަ ސިޔާސީ މަސައްކަތަކީ ވަރަށް ސާފުތާހިރު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްގެންދިޔަ ޕީއެންސީ ކޮންގްރެސް 2026ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ސިޔާސީ މަސައްކަތަކީ އެއްވެސް ގޮތެއްގައި އެކަމުގައި ނުރަނގަޅު ކަންކަން ހުރުމެއް ނޫން ކަމަށެވެ. ނަމަވެސް އަދުގެ ޒުވާން ކުދިންނަށް ވިސްނިފައި އޮތީ ސިޔާސީ ހަރަކާތްތަކަކީ އެއީ 'ވަރަށް ހަޑި އެއްޗެއް'ގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، އެކަން ރަނގަޅު ގޮތުގައި ކުރެވޭނީ ގައުމު އިސްކޮށްގެން ކަމަށެވެ.

ދިވެހީން އިސްކޮށްގެން ދިވެހީންގެ ރާއްޖެއަށް ދެވޭނީ. ގައުމު އިސްކުރާނަމަ އެ ކުރެވެނީ ވަރަށް ސާފުތާހިރު ސިޔާސީ މަސައްކަތެއް. އެއީ އަޅުގަނޑުމެން ޕާޓީގެ މިސްރާބު، ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ސިޔާސީ އޮއެވަރުގައި އަނެއް ޕާޓީއަށް ގެއްލުމެއް ދިނުމުގައި، ނޫނީ ދެރަކޮށްލުމުގެ ގޮތުން އިދިކޮޅުގައި ތިއްބަވާ ބޭފުޅުންނަށް ގައުމަށް ގެއްލުންވާ ގޮތަށް ކަންކަން ކުރާ ކަމށެވެ. ނަމަވެސް އެމަނިކުފާނު ގަބޫލުކުރައްވަން ބޭނުންފުޅު ވަނީ އެއީ ގަސްތުގައި އެ ޕާޓިތަކުން ކުރާ ކަމެއް ނޫން ކަމަށާއި އަދި އެ ސަބަބަކީ ކޮންމެ މީހަކީ ވެސް ދިވެއްސެއް ކަމަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕީއެންސީ ކޮންގްރެސް 2026ގައި ރައީސް މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޕީއެންސީ

އެހެންކަމުން ޕީއެންސީގެ ހުރިހާ މެންބަރުންނާއި ވަކިން ޚާއްސަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ސިޔާސީ ގޮތުން އަދި ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް ހަނދާން ކުރަންވީ ކަމަކީ އެންމެންނަކީ ވެސް ދިވެހީން ކަމަށެވެ. އަދި ދަރީންގެ މުސްތަގުބަލު އުޖާލާކުރަން ބޭނުންވަނީ މި ދިވެހިރާއްޖެ ތަރައްގީ ކޮށްގެން ކަމަށާއި، ދިވެހީން، ގައުމު އިސްކުރާނަމަ ސިޔާސީ ޕާޓީތައް އަންނާނީ އޭގެ ފަހަތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒިންމާދާރު ވިސްނުމެއް އިސްނުކުރެވި ބައެއް ފަހަރަށް ސިޔާސީ ބޭފުޅުންނަށް މަސައްކަތްކުރެވިފައި އެބަހުރި ކަމަށެވެ. ނަމަވެސް އެ ގޮތް ދޫކޮށްލުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ގައުމުގެ އިޖުތިމާއީ ފޭރާން މިއަދު އޮތީ ހަލާކުވެފައެވެ. ނަމަވެސް އެމަނިކުފާނު އެކަނި ހުންނަވައިގެންނާއި، ޕީއެންސީގެ މެންބަރުން އެކަނި ވާހަކަދައްކައިގެން އެކަން ހައްލެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިތަނުގައި ބައެއް ސިޔާސީ ވެރިން ވެސް ތިއްބެވީމާ ފާހަގަކުރަން ބޭނުން، އަޅުގަނޑުމެން ގައުމީ އިހްތިރާމް އަދާކުރުމުގެ ކެމްޕެއިނެއް ފަށަން ތައްޔާރުވެފައި އޮތްއިރު ހިތާމަހުރި ކަމަކީ ސިޔާސީ ޕާޓީތަކުން މިއަކު ޕީއެންސީ ނޫނީ ބައިވެރިއެއް ނުވޭ. އެ ކީއްވެތޯ؟ މިއީ އަޅުގަޑުމެން ކޮންމެ މީހެއްގެ ވެސް ގައުމު. ހިނގާށޭ ގައުމީ ކަންކަމުގައި އަޅުގަނޑުމެން އެއްމެން އެކައްޗެއް ކިޔަން. އެއީ މި ގައުމަށް ހަމަޖެހުން އަންނާނެ ކަމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ގައުމީ ކަންކަމުގައި ސިޔާސީ ޕާޓީތަކުން ވެސް އެކައްޗެއް ކިޔާނަމަ މި ގައުމަށް ހަމަޖެހުން އަންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު މި ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުކޮށްފިން ކަމަށް ވިދާޅުވިއެވެ. އޭގެ ހެއްކަކީ ސިޔާސީ ގޮތުން އެއްވެސް ލީޑަރަކު އަދި ވެރިއަކު ޖަލަކަށް ނުލައްވާ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކަށް ވެސް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް