ކޮންމެ ރައްޔިތެއްގެ ހައްގުތަކަށް އިހުތިރާމްކޮށް ޑިމޮކްރަސީ ދެމެހެއްޓުމަށް ސިޔާމް ގޮވާލައްވައިފި

އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ

ކޮންމެ ރައްޔިތެއްގެ ހައްގުތަކަށް އިހުތިރާމްކޮށް ޑިމޮކްރަސީ ދެމެހެއްޓުމަށް ސިޔާމް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިޔާމް ވިދާޅުވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު، ކޮންމެ ރައްޔިތެއްގެ ހައްގުތަކަށާއި މިނިވަންކަމަށާއި ބޭނުންތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

ހަމައެއާއެކު ނާޒާހަތްތެރިވެ، ދެފުށް ފެންނަ ގޮތަށް ކަންކަން ކޮށް، ޒިންމާދާރުވެ ތިބެ، އެންމެންގެ ބައިވެރިވުން އެކުލެވޭ ގޮތުގެ މަތިން ޑިމޮކްރަސީ ނަގަހައްޓައި ދެމެހެއްޓުމަށް މަސައްކަތްކުރަން ސިޔާމް ގޮވައިލެއްވިއެވެ.

"...ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ ހެޔޮއެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަން،" ސިޔާމް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހަކީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހެވެ.

ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާގެ އެންމެ ޒުވާން ޑިމޮކްރަސީތަކުގެ ތެރެއިން އެއް ގައުމެވެ.

އެއީ އެތައް އަހަރަކަށް ދެމިގެންދިޔަ އޮޓޯކްރެސީ ނިމުމަކަށް ގެނެސް، 2008 ވަނަ އަހަރު ގިނަ ޕާޓީތައް އެކުލެވޭ ގާނޫނީ ޖުމްހޫރިއްޔާއަކަށް ރަސްމީކޮށް ބަދަލުވުމާ ގުޅިގެންނެވެ.

comment ކޮމެންޓް