މިސްކިތްތަކުން ވައްކަން ކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް މޭޔަރު ގޮވާލައްވައިފި

މާލޭގެ މޭޔަރު އާދަމް އާޒިމް -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭގެ މިސްކިތްތަކުން ވައްކަން ކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ގޮވާލައްވައިފިއެވެ.

މޭޔަރު މިފަދައިން ގޮވާލެއްވީ، މި ފަހަކަށް އައިސް މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ މިސްކިތްތަކުން ވައްކަން ކުރުމާއި އެ ތަންތަނަށް އެކިވަރުގެ ގެއްލުންތައް ދިނުމުގެ މައްސަލަތައް އާންމުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

https://sun.mv/226818

މިގޮތުން، ރޭގެ ވަގުތެއްގައި މަސްޖިދުއް ޢަފީފުއްދީން މިސްކިތުގެ ވުޟޫކުރާ ބައިގައި ހުރި ކާނުމަތިގަނޑު ވަނީ ވަގަށް ނަގާފައެވެ. މާލެ ސިޓީ ކައުންސިލުން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ރިޕޯޓްކުރުމުން، މިކަން ކުރި މީހާއާއި މިސްކިތުން ވަގަށް ނެގި އެލްމެނިއަމް ކާނުމަތިގަނޑު ހޯދާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ، މިސްކިތްތަކުން ވައްކަން ކުރުމަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، އެ ފަދަ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި މާލެ ސަރަހައްދުގައި ޖުމްލަ 41 މިސްކިތެއް ހުންނައިރު، މިސްކިތްތަކުން ތަކެތި ވަގަށް ނެގުމާއި ތަންތަނަށް ގެއްލުން ދިނުމަކީ ދޭތެރެދޭތެރެއިން ތަކުރާރުވަމުން އަންނަ ބޮޑު މައްސަލައެކެވެ. މިގޮތުން މިސްކިތްތަކުގައި ހުންނަ ފަންކާތަކާއި، ލައިޓް ތަކާއި ފެން އިސްކުރުތަކުގެ އިތުރުން ސައުންޑް ސިސްޓަމް ފަދަ އަގުބޮޑެތި ތަކެތި މި ފަހުން ވަގަށް ނަގާފައިވެއެވެ.

https://sun.mv/227290

ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން މިސްކިތަކަށް ނުވަތަ އަޅުކަންކުރާ ތަނަކަށް ގެއްލުން ދިނުމަކީ ބޮޑު ކުށެކެވެ. މިސްކިތަކަށް ގެއްލުން ދިނުމަކީ އާންމު ގޮތެއްގައި ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. މި ދަރަޖައިގެ ކުށަކަށް އަންނަ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ދެވުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި އަދަބު ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މިސްކިތެއްގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ހިންގައިފިނަމަ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ވެސް ފިޔަވަޅު އެޅިދާނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމިކް މިނިސްޓްރީގެ ގަވާއިދުތަކުގެ ދަށުން މިސްކިތްތަކުގެ ހުރުމަތް ހިފެހެއްޓުމަކީ ލާޒިމް ކަމެކެވެ.

comment ކޮމެންޓް