ކެމަރޫން އެފްއޭގެ ރައީސް އެޓޫގެ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާކުރިކަން ފަޅާއަރައިފި

ކެމަރޫންގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ރައީސް އެޓޫ--

ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫގެ މައްޗަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ފެންމަތިވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ދަ ޓައިމްސް އިން ހާމަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރަޝިޔާއާއި ކެމަރޫން ކުޅުނު އެކުވެރިކަމުގެ މެޗަށް ރަޝިޔާގެ ފުޓްބޯޅަ އިދާރާއިން ދިން 567,570 ޔޫރޯ ވަނީ ދެ ބަޔަކަށް ބަހާލައި ސީދާ އެޓޫގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެވެ.

މި ފައިސާ ޖަމާކޮށްފައިވަނީ ގަތަރުގެ ދޯހާގައި ހުންނަ ގަތަރު ނޭޝަނަލް ބޭންކްގައި ހުޅުވާފައިވާ އޭނާގެ އަމިއްލަ އެކައުންޓަކަށެވެ. ފެޑެރޭޝަނުން ވަކިކޮށްފައިވާ ކުރީގެ އިސްވެރިންނާއި މިހާރުގެ ބައެއް ބޯޑު މެންބަރުން ބުނާގޮތުގައި މި ފައިސާ އެނބުރި ފެޑެރޭޝަނުގެ ރަސްމީ އެކައުންޓަށް ވަދެފައިވާކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނާކަށް ނެތެވެ.

މި މައްސަލައިގައި ކެމަރޫންގެ ފުޓްބޯޅައިގެ ހިއްސާދާރުންތަކެއް ތަމްސީލުކުރައްވާ ގާނޫނީ ވަކީލު އެމަނުއެލް އެންސާލާއީ ވަނީ އެޓޫއާ ދެކޮޅަށް ކެމަރޫންގެ ސަރުކާރާއި ފީފާގެ އެތިކްސް ކޮމިޓީގެ އިތުރުން އެފްރިކާގެ ފުޓްބޯޅަ އިދާރާއަށް ރަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ.

ހުށަހެޅިފައިވާ ޝަކުވާތަކުގައި ބުނެފައިވަނީ އެކި މެޗުތަކުން ޖުމްލަ 1.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާއަށް އެޓޫ ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. މީގެ އިތުރުން، ސްޕެއިންގައި އޭނާގެ މައްޗަށް ސާބިތުވި ޓެކްސް ކުށުގެ ރެކޯޑު ފޮރުވުމާއި، ބެޓިން ކުންފުންޏެއްގެ އެމްބެސެޑަރުކަން ނަގައިގެން މަސްލަހަތު ފުށުއަރާ ކަންކަން ކުރުމާއި، ފެޑެރޭޝަނުގެ ބާރުތައް އަމިއްލަ އެއްޗެއްގެ ގޮތުގައި ހެދުމަށް ގަވާއިދުތައް އަމިއްލައަށް ބަދަލުކުރުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން މައްސަލަ ބަލައި ނިމެންދެން އެޓޫ މަގާމުން އެކަހެރިކުރުމަށް ހިއްސާދާރުން ދަނީ ގޮވާލަމުންނެވެ.

ނަމަވެސް ބާސެލޯނާއާއި އިންޓަ މިލާންގެ ކުރީގެ މަޝްހޫރު ފޯވާޑް ސެމިއުލް އެޓޫ ވަނީ މި ހުރިހާ ތުހުމަތުތަކެއް ވަރަށް ބާރަށް ކުށްވެރިކޮށް ދޮގުކޮށްފައެވެ. އޭނާގެ ފޭސްބުކް ޕޭޖުގައި ދިން ބަޔާނެއްގައި ބުނެފައިވަނީ މިއީ އޭނާ އެފްރިކާގެ ފުޓްބޯޅައިގެ ހައްގުތަކާއި މިނިވަންކަމަށް ވަކާލާތުކުރާތީ އޭނާއާ ދެކޮޅަށް ނޫސްވެރިން ބޭނުންކޮށްގެން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ކެމްޕޭނެއް ކަމަށެވެ.

ފައިސާ އަމިއްލަ އެކައުންޓަށް ދިޔަ މައްސަލައިގައި ކުރިން އޭނާ ބުނެފައިވަނީ ބޭންކިން ނިޒާމަށް ދިމާވި ބައެއް ގޮންޖެހުންތަކާ ހުރެ ޓީމުގެ ކަންކަން ވަގުތުން ހަމަޖެއްސުމަށްޓަކައި އެ ވަގުތަށް ހޯދި ހައްލެއްގެ ގޮތުން އަމިއްލަ އެކައުންޓް ބޭނުންކުރީ ކަމަށެވެ.

ފީފާގެ އެތިކްސް ކޯޑުގެ 29 ވަނަ މާއްދާގެ ދަށުން ފެޑެރޭޝަނުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެއްޖެނަމަ އެޓޫއަށް މަދުވެގެން 5 އަހަރު ދުވަހުގެ ސަސްޕެންޝަނެއް އައުމާއެކު ބޮޑު ޖޫރިމަނާއެއް ކުރާނެއެވެ.

comment ކޮމެންޓް