މިހާރު އުޅޭ އިންފުލުއެންޒާގައި ގިނައިން ލޭއައުން މަނާކޮށްދޭ މާއްދާއެއް ވަރަށް ބޮޑަށް ދަށްކޮށްލާ: ޑރ. ފައިސަލް

ބަލި މީހަކު ބަލަނީ: މިހާރު އުޅޭ އިންފުލުއެޗްޒާގައި ގިނައިން ލޭއައުން މަނާކޮށްދޭ މާއްދާއެއް ވަރަށް ބޮޑަށް ދަށްކޮށްލާ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައި --- ފޮޓޯ/ ފަޔާޒު މޫސާ

މި ދުވަސްވަރު ފެތުރެމުން އަންނަ އިންފުލުއެންޒާގައި ލޭ މަނާކޮށްދޭ މާއްދާއެއް ކަމަށްވާ ޕްލޭޓްލެޓް ވަރަށް ބޮޑަށް ދަށްކޮށްލާ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ޕްލޭޓްލެޓްއަކީ ލޭ ގަނޑުކުރުމަށާއި ހަށިގަނޑުން މާ ގިނައިން ލޭ ބޭރުވިޔަ ނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭ ލޭގެ މާއްދާއެކެވެ. އާންމުގޮތެއްގައި މީހެއްގެ ލޭގައި 150،000އާއި 450،000އާ ދެމެދުގެ އަދަދަކަށް ޕްލޭޓްލެޓް ހުންނާނެއެވެ.

ފަންސާސްހާހަށް ވުރެ އެ އަދަދު ދަށްވެއްޖެ ނަމަ، އެ މީހަކަށް އިމަޖެންސީ ފަރުވާ ދޭން ޖެހޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ޑރ. ފައިސަލް: ވިދާޅުވީ، މިހާރު އުޅޭ އިންފުލުއެޗްޒާގައި ގިނައިން ލޭއައުން މަނާކޮށްދޭ މާއްދާއެއް ވަރަށް ބޮޑަށް ދަށްކޮށްލާ ކަމަށް -- ފޮޓޯ/ އިލްމު އެމްވީ

ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް 'ސަން'އަށް ކިޔައިދެއްވި ގޮތުގައި، އާންމު ވައިރަލް ހުމުގައި ވެސް ދަށްވާ މި މާއްދާ ޑެންގީއާއި އިންފުލުއެންޒާ ޖެހިގެން ވަރަށް ބޮޑަށް ދަށްކޮށްލައެވެ.

އެހެންވުމުން، މީހާގެ ކަށިތަކުގައި ރިއްސައި، މައްސަރު ފަދަ ކަންކަމުގައި މާ ގިނައިން ލޭ އައުން ފަދަ ކަންކަން ދިމާވެއެވެ. އަދި ހިރުގަނޑުންނާއި ނޭފަތުން ލޭ އައުން ފަދަ ކަންކަން ދިމާވެއެވެ.

އެކަމަކު އެ މާއްދާ މަތިކުރަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އެއީ، ޕްލޭޓްލެޓް މަތިކުރި ކަމަށް ވިޔަސް ހުން މަޑު ނުވާނެތީއެވެ.

"ޑެންގީއަކު ވެސް ރަނގަޅެއް ނޫން ޕްލޭޓްލެޓް ކައުންޓް މަތިކުރިޔަސް. އެ މާއްދާ މަތިވެ، ދަށްވަނީ އަމިއްލަ ޒާތުގައި،" ފައިސަލް ކިޔައިދެއްވިއެވެ.

މީހަކު ފެންތައްޓެއް އަޅަނީ: ޕްލެޓްލޭޓްސް ދަށްވިޔަސް ގިނައިން ދިޔާތަކެތި ބުއިން މުހިންމު -- ފޮޓޯ/ އަކުއަސަނާ

އެހެނަސް، ބަލިން ރައްކާތެރިވުމަށް އަރާމުކޮށް، ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް ފައިސަލް ލަފާދެއްވިއެވެ. އަދި، އެ ކަން ނުކުރެވޭނަމަ، ޑޮކްޓަރެއްގެ ލަފާ ހޯދައި އައިވީއެއް ބުއިމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ.

ބައްޔާއެކު އާންމުކޮށް މި މާއްދާ ދެތިން ދުވަހުގެ ތެރޭގައި އާންމު ހާލަތަށް ރުޖޫއަވެއެވެ. އިންފުލުއެންޒާއާ ޚިލާފަށް ޑެންގީގައި މާއްދާ ރަނގަޅު ހާލަތަށް ރުޖޫއަވާން ނަގާ ދުވަސް ގިނަކަމަށް ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން ބަލިތައް ގިނަ މި ދުވަސްވަރު މި ކަމަށް ސަމާލުވުން މުހިންމެވެ.

ނިމުނު ޖުލައި މަހު އިންފުލުއެންޒާއަށް 212 މީހަކު ޓެސްޓުކުރެވިފައިވާއިރު ޕޮޒިޓިވް ވެފައިވަނީ އެންމެ 33 މީހުންނެވެ. އެއާ ޚިލާފަށް ޖޫން މަހު 451 މީހަކު ޓެސްޓުކުރެވުނުއިރު، 142 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭއިން މިދިޔަ މަހު އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި އަހަރުގެ އެހާތަނަށް އިންފްލުއެންޒާއަށް 2،945 މީހަކު ޓެސްޓުކުރެވުނުއިރު އޭގެތެރެއިން 1،043 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް