ރެޑްބުލް ބާސްކެޓްބޯޅަ މުބާރާތުގެ ދުނިޔޭގެ ފައިނަލަށް ރާއްޖޭގެ ކްލަބް ވޮލްޗާސް

ތްރީ އޮން ތްރީ "ރެޑްބުލް ހާފްކޯޓް" ބާސްކެޓްބޯޅަ މުބާރާތުގެ ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ކުލަބް ވޮލްޗާސް --- ފޮޓޯ: އަބްދުﷲ އިޔާން އިލްޔާސް

ދުނިޔޭގެ މަޝްހޫރު އެނާޖީ ޑްރިންކް ކުންފުނި ރެޑްބުލް އިން އިންތިޒާމުކޮށްގެން ބާއްވާ ތްރީ އޮން ތްރީ "ރެޑްބުލް ހާފްކޯޓް" ބާސްކެޓްބޯޅަ މުބާރާތުގެ ރާއްޖޭގެ ޗެމްޕިއަންކަން ކްލަބް ވޮލްޗާސްއިން ހޯދައިފިއެވެ.

ކްލަބް ވޮލްޗާސް މި މުބާރާތް ކާމިޔާބުކުރީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ. އެއާއެކު ރެޑްބުލް ހާފްކޯޓްގެ ދުނިޔޭގެ ފައިނަލްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ރަސްމީ ޓީމުގެ ގޮތުގައި ކްލަބް ވޮލްޗާސް އަށް މިހާރު ވަނީ ޖާގަ ކަށަވަރުވެފައެވެ. އެއާއެކު ވޯލްޑް ފައިނަލުގައި ރާއްޖޭގެ ކުލަބު ވަލްޗާސް ވާދަކުރާނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޗެމްޕިއަންކަން ހޯދާފައިވާ 20 ގައުމުގެ ޓީމުތަކާ ދެކޮޅަށެވެ.

"ސަން" އަށް މައުލޫމާތުދެމުން އެ ކުލަބުން ބުނީ އެ ކުލަބުން މިހާރު ތައްޔާރުވަމުންދަނީ ފިލިޕީންސްގައި ބާއްވާ ދުނިޔޭގެ ފައިނަލްގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމަށްޓަކައި ވަރުގަދައަށް ތަމްރީނުތައް ކުރިއަށްގެންދިއުމަށް ކަމަށެވެ.

ތްރީ އޮން ތްރީ "ރެޑްބުލް ހާފްކޯޓް" ބާސްކެޓްބޯޅަ މުބާރާތުގެ ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ކުލަބް ވޮލްޗާސް --- ފޮޓޯ: އަބްދުﷲ އިޔާން އިލްޔާސް

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ކްލަބް ވޮލްޗާސް އަށް ލިބިގެންދިޔަ ފުރަތަމަ ފަހަރެވެ. މި ފުރުސަތު ލިބިގެންދިއުމަކީ، މިހާތަނަށް މި ކްލަބުގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ޓީމުން ސިފަކުރެއެވެ.

މީގެ އިތުރުން މިއީ މުޅި ޓީމަށްވެސް ލިބުނު އެންމެ ބޮޑު ފަޚުރެއްގެ ގޮތުގައި ކްލަބްގެ މެނޭޖްމަންޓުންނާއި ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ. ޓީމުން ބުނި ގޮތުގައި، މުޅި މުބާރާތުގައިވެސް ކުޅުންތެރިން ދެއްކި އެކުވެރިކަމާއި ރޭވުންތެރިކަމަކީ މި ކާމިޔާބީގެ އެންމެ ބޮޑު ސިއްރެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މޮޅު ތްރީ އޮން ތްރީ ބާސްކެޓްބޯޅަ ޓީމުތައް ވާދަކުރާ ރެޑްބުލް ހާފްކޯޓް ވޯލްޑް ފައިނަލް އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ފިލިޕީންސްގައެވެ.

comment ކޮމެންޓް