ވިލިމާލޭ ފަޅު ގަވާއިދާ ޚިލާފަށް ބޭނުންކުރަމުންދިޔުމުގެ ސަބަބުން އިއްޔެއާއި މިއަދު 11 އުޅަނދެއް، ޖުމްލަ 5،500 ރުފިޔާއިން މާލޭ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި ޖޫރިމަނާ ކުރި އުޅަނދުތަކަކީ ގަވާއިދުން ހުއްދަ ނަގައިގެން ފަޅު ބޭނުންކުރާ ފަރާތްތަކަށް ދަތިވާ ގޮތަށް، އުސޫލުތަކާ ޚިލާފަށް ފަޅުތެރޭގައި ބާއްވާފައިވާ އުޅަނދުތަކެކެވެ. އަދި ފަޅުތެރޭގެ ތަރުތީބު ގެއްލޭގޮތަށް ހުރި އެ އުޅަނދުތަކާ މެދު ފިޔަވަޅު އަޅަން ފަށާފައިވަނީ، ފަޅު ބޭނުންކުރާ އެހެން ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގްޞަދުގައި ކަމަށް އެ ކައުންސިލުން ބުންޏެވެ.
ވިލިމާލޭގެ ފަޅަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ސަރަހައްދަކަށް ވާއިރު، ފަޅުތެރޭގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ހުއްދަ ނެތި ފަޅު ބޭނުންކުރާ އުޅަނދުތައް މަދުކުރުމަށް ކައުންސިލުން އަންނަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންކަން އެ ކައުންސިލުން ފާހަގަކުރިއެވެ.
މިކަމާ ގުޅިގެން ކައުންސިލުން ވަނީ ފަޅު ބޭނުންކުރުމުގައި ކަނޑައެޅިފައިވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އިޙްތިރާމްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދާ ޚިލާފަށް ފަޅު ބޭނުންކުރަމުންދާ އުޅަނދުތަކާމެދު ކުރިއަށް އޮތް ތަނުގައިވެސް ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރު ކައުންސިލުން ވަނީ ދީފައެވެ.
ވިލިމާލޭ ފަޅުގައި ގަވައިދާ ޚިލާފަށް އަޅައިފައި އޮންނަ އުޅަނދުތައް ސިޓީ ކައުންސިލުން ޖޫރިމަނާ ކުރަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެއާއި ވިލިމާލެ ބަނދަރު ބެލެހެއްޓުމުގެ ގަވައިދުގެ ދަށުން، ކައުންސިލުގެ ހަތަރުވަނަ ދައުރުގައި ފާސްކޮށްފައިވާ ފަޅުތެރެއިން ފީ ނެގުމުގެ އުސޫލުގެ ދަށުންނެވެ. އެގޮތުން ގަވައިދާ ޚިލާފަށް ފަޅު ބޭނުންކުރުމުން އުޅަނދެއް 500 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު ކައުންސިލަށް ވަނީ ލިބިދީފައެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ ބައެއް އުޅަނދުތައް އެހެން އުޅަނދުތަކަށް އުނދަގޫވާ ގޮތަށް ފަޅުގައި އަޅައިފައި އޮތުމުގެ އިތުރުމުން، ބޭނުންނުކޮށް އެތައް ދުވަހެއް ވަންދެން އަޅައިފައި އޮންނަކަން ވެސް ފާހަގަކޮށްފައެވެ. އޭގެ ސަބަބުން މީގެ ކުރިން ވެސް އެ ކައުންސިލުން އުޅަނދުތައް ޖޫރިމަނާކޮށްފައި އެބަހުއްޓެވެ.
ގަވާއިދާއި ޚިލާފަށް މާލޭއާއި ވިލިމާލޭގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކުގައި ސްޓިކާ ޖަހައި ޖޫރިމަނާ ކުރަނީ އުޅަނދުގެ ވެރިފަރާތަށް އެ ނެގުމަށް ވަގުތު ދިނުމަށްފަހުކަން ސިޓީ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.