ސައުދީ އަރަބިއްޔާގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކަކާ ގުޅިގެން އެ ގައުމުގެ އީސްޓް-ވެސްޓް ޕައިޕްލައިންގެ މަސައްކަތް ހުއްޓުމަކަށް އައިސް، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 108 ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
މިއާއެކު، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު އިންވެސްޓަރުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.
މިއަދު ބްރެންޓް ކްރޫޑްގެ އަގު ވަނީ 2.37 ޕަސެންޓް (2.5 ޑޮލަރު) އުފުލި، ފީފާއެއްގެ އަގު 108.18 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު 2.43 ޕަސެންޓް (2.46 ޑޮލަރު) އުފުލި، ފީފާއެއްގެ އަގު ވަނީ 103.85 ޑޮލަރަށް އަރާފައެވެ.
މި ބަދަލުތައް އައިސްފައިވަނީ، އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން ހޯމަ ދުވަހު ސައުދީ އަރަބިއްޔާއަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. ހޫތީން ބުނި ގޮތުގައި، ސައުދީގެ ދެކުނުގައި އޮންނަ ޚަމީސް މުޝައިތު ގައިވާ އަސްކަރީ ވައިގެ މަރުކަޒަކަށް އެ ޖަމާއަތުން ވަނީ އެތައް މިސައިލަކާއި ޑްރޯންތަކެއް ފޮނުވާލާފައެވެ. ސައުދީން ޔަމަނަށް ދެމުންދާ ވައިގެ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ކަމަށް ބުނާ މި ހަމަލާތައް އަމާޒުކޮށްފައިވަނީ މަތިންދާބޯޓުތައް ބާއްވާ ހެންގަރުތަކަށާއި، ރާޑަރު ނިޒާމުތަކަށާއި، ރަންވޭތަކުގެ އިތުރުން ހަތިޔާރު ގުދަންތަކަށެވެ.
ސައުދީގެ ތެޔޮ ހޮޅިއަށް ގެއްލުންވެފައިވާ މަންޒަރު ފެންނަ ސެޓްލައިޓް ފޮޓޯއެއް-- ފޮޓޯ: ރޮއިޓާސްމީގެ ކުރިން ހުކުރު ދުވަހުވެސް ސައުދީއަށް ވަނީ ހަމަލާތަކެއް ދީފައެވެ. ރިޔާޒުން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާތައް ދިނީ އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރިންނެވެ. އެ ހަމަލާތަކުގެ ސަބަބުން އީސްޓް-ވެސްޓް ޕައިޕްލައިންގެ މަސައްކަތް ވަނީ މެދުކެނޑިފައެވެ. މިއީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޯރުމުޒް ކަނޑުއޮޅި ބޭނުންނުކޮށް، ތެޔޮ އެކްސްޕޯޓުކުރުމަށް ސައުދީން ބޭނުންކުރާ މުހިންމު މަގެކެވެ. ވިޔަފާރިވެރިންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި ޕައިޕްލައިންގެ މަސައްކަތް އަލުން ނުފެށިއްޖެނަމަ، އެކްސްޕޯޓުކުރަން ސައުދީގައި ހުރި ސާފުނުކުރާ ތެޔޮ މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުސްވެދާނެއެވެ. އަދި މި ހަމަލާގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިގެ ހަތަރު ޕަސެންޓަށް ވަނީ ނުރައްކާވެފައެވެ.
މި ހާލަތާ ގުޅޭގޮތުން ގޯލްޑްމަންއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މިއީ ވަރަށް ސީރިއަސް ހަމަލާއެއް ކަމަށާއި، ޔަންބޫއިން އެކްސްޕޯޓުކުރާ ދުވާލަކު ދެ މިލިއަން ފީފާގެ ތެލަށް މިކަމުގެ ސަބަބުން ނުރައްކާވެފައިވާ ކަމަށެވެ. ޕައިޕްލައިން މަރާމާތުކުރުމަށް ވަރަށް އަވަހަށް ނުވަތަ އަށް ހަފުތާގެ މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ގޯލްޑްމަންއިން ލަފާކުރާ ގޮތުގައި، މި ހަމަލާތަކަކީ މައްސަލަ އިތުރަށް ގޯސްވެގެންދިޔަ ކަމެއް ކަމަށާއި، މީގެ ސަބަބުން ބްރެންޓް ކްރޫޑްގެ އަގު 120 ޑޮލަރަށް ވުރެ މައްޗަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
ކެޕިޓަލް އިކޮނޮމިކްސްގެ ސީނިއާ ކްލައިމެޓް އެންޑް ކޮމޮޑިޓީސް އިކޮނޮމިސްޓް ހަމަދު ހުސައިން ވިދާޅުވި ގޮތުގައި، ޑިމާންޑަށް ބަދަލެއް ނައިސް، އަދި ހޯރުމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ މިންވަރު އިތުރުނުވެ، އީސްޓް-ވެސްޓް ޕައިޕްލައިން އެތައް ހަފުތާއަކަށް ބަންދުވެފައި އޮވެއްޖެނަމަ، ބްރެންޓް ކްރޫޑްގެ އަގު ފީފާއަކަށް 130 ޑޮލަރާ ހަމައަށް އުފުލިދާނެއެވެ.
ތެލުގެ ބާޒާރަށް މިފަދަ ބޮޑު ލޮޅުމެއް އައިސްފައިވާއިރު، ކެޕްލާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ހޯރުމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓުފަހަރުގެ އަދަދު ވަނީ ހަތަރަކަށް ވެއްޓިފައެވެ. އޭގެ ކުރީ ދުވަހު އެ އަދަދު އުޅުނީ 10 ގައެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލަމުން ދިޔައީ މި ކަނޑުއޮޅިންނެވެ. މި މައްސަލަތަކާ ގުޅިގެން ގަލްފުގެ އަރަބި ގައުމުތަކުން އީރާނާއެކު ބާއްވަން ރާވާފައިވާ މަޝްވަރާތައްވެސް މިހާރު ވަނީ ފަސްކޮށްފައެވެ. އަނެއްކޮޅުން، ޗައިނާގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހުގެ މެދުތެރޭގައި އެ ގައުމުން ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅިގެން، އޮގަސްޓު މަހު ޗައިނާގެ ތެޔޮ ސާފުކުރާ މިންވަރު ވަނީ ވިދިވިދިގެން ދެވަނަ މަހަށް އިތުރުވެފައެވެ.