ފާއިތުވެދިޔަ ހަތަރު ދުވަހު ރާއްޖެއަށް، ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ގއ. އާއި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން ހުސްކުރި ގެތަކަށް އަލުން މީހުން ބަދަލުކޮށް، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ދެކުނުގެ ރަށްރަށަށް ކުރި ވިއްސާރައަށްފަހު މިހާރު މޫސުން އަންނަނީ ރަނގަޅުވަމުންނެވެ.
އަދި ވިއްސާރައިގެ ސަބަބުން މެދުކެނޑުނު އާންމު ޚިދުމަތްތައް އަލުން ފެށި، ރަށްރަށުގެ ހާލަތު އާދައިގެ ދިރިއުޅުމަކަށް ރުޖޫއަވަމުންދާއިރު، ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެއިތުރުން، ގެއްލުން ލިބުނު ގެތައް ސާފުކުރުމުގައި ސަމާލުކަންދޭންޖެހޭ ސިއްހީ އިރުޝާދުތައް އެޗްޕީއޭ މެދުވެރިކޮށް ދަނީ ފޯރުކޮށްދެމުންކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށަކީ އައްޑޫ ސިޓީ ފޭދޫއެވެ. އެ ރަށުގެ 95 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އޭގެ ތެރެއިން ހަތް ގެއަކަށް ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެން މީހުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ.
ފޭދޫގެ އިތުރުން މަރަދޫގެ ދެ ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވާއިރު، ފުވައްމުލަކުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ބެދިގެން ވެސް ރިޕޯޓުކޮށްފައިވެއެވެ.
https://x.com/NDMAmv/status/2099762764160160248
ފޭދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ވިއްސާރަ އަލިވެ މޫސުން ރަނގަޅުވި ނަމަވެސް، ފެންވަދެ ގެއްލުން ލިބުނު ގެތަކުގެ ހާލަތު އަދިވެސް ގޯހެވެ.
"ރެކޯޑު ކުރެވިފައިވަނީ 95 ގެއަކަށް ފެންވަތްކަމަށް. ދެން އެއަށްވުރެ ވެސް އިތުރުވާނެ ކަމަށް ބެލެވެނީ، އެއީ އެބަހުރި ފެން ވަދެގެން ރިޕޯޓު ނުކުރެވި ހުރި ގޭގެ ވެސް. ދެން ފެން ވަދެގެން ގެތަކަށް ލިބުނުް ގެއްލުންތަކުގެ މުޅި ތަފްސީލް އެނގޭނީ އެސެސްމަންޓް ހަދާ ނިމުމުން،" ފޭދޫ ކައުންސިލް މެމްބަރު ޒަހާ ވިދާޅުވިއެވެ.
މީގެއިތުރުން ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ފޭދޫގެ ފެން ހިންދާ ނިޒާމު ރަނގަޅު ކުރެވިގެން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ ބުރާސްފަތި ދުވަހުން ފެށިގެން އަލިވާން ފަށާނެއެވެ. އަދި ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް އެންޑީއެމްއޭ އާއި ކައުންސިލްތައް ގުޅިގެން ކުރިއަށްގެންދާއިރު، އެސެސްމަންޓްތަކަށް ބަލައި ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން ވިލަރެސްކޮށް ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.