މިދިޔަ ހަފުތާގައި ސްކޭމްތަކަށް ހަ ލައްކަ ރުފިޔާ ގެއްލުނުއިރު، އަނބުރާ ހޯދުނީ ތިން ލައްކަ ރުފިޔާ

ރުފިޔާތަކެއް: މިދިޔަ ހަފުތާގައި ސްކޭމްތަކުގައި ހަ ލައްކަ ރުފިޔާ ގެއްލުނު --- ފޮޓޯ/ އެލާމީ

މިދިޔަ ހަފުތާގައި ސްކޭމްގެ މައްސަލަތަކުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލުނުއިރު އަނބުރާ ހޯދުނީ، ތިން ލައްކަ ރުފިޔާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާހިސާބުތަކުން ދައްކައިފިއެވެ.

އެ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހަފުތާގައި ސްކޭމްގެ 53 މައްސަލަ ރިޕޯޓުކުރިއެވެ. އެ މައްސަލަތަކުގައި ޖުމުލަ، 640،071.73 ރުފިޔާ ވަނީ ގެއްލިފައެވެ. ފުލުހުންނަށް އެ މުއްދަތުގައި އަނބުރާ ހޯދުނީ، 307285.54 ރުފިޔާއެވެ.

ޒަމާނަށް އަންނަ ބަދަލުތަކާ އެއްކޮށް، މަކަރާ ހީލަތުން ފައިސާ ހޯދާ މީހުންގެ އުކުޅުތައް ވެސް އަންނަނީ ބަދަލުވަމުންނެވެ. އެ އުކުޅުތަކާއެކު، ގިނަ ފަހަރަށް ސްކޭމްތަކުގައި މީހުން ޖެހޭލެއް އަވަހެވެ.

އެގޮތުން ބަލާއިރު، މިދިޔަ ހަފުތާގައި ސްކޭމްތައް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ހިމެނެނީ، އޮންލައިން މެސެޖިން މަންސަތަކާއި އައިބޭއާއި ޓިކްޓޮކާއި ފޯން ކޯލާއި ފިޝިން ލިންކުގެ އިތުރަށް ފޭސްބުކް މާކެޓް ޕްލޭސްއެވެ.

މީހަކު ލެޕްޓޮޕަކާ ކުޅެނީ --- ފޮޓޯ/ ރެމިޓްލީ. ކޮމް

މިދިޔަ ހަފުތާގައި އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ، އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްގެ މައްސަލަތަކެވެ. އެ ބާވަތުގެ 20 މައްސަލަ ހުށަހަޅާފައިވާއިރު، ފައިސާ މާރުކުރުމުގެ 11 މައްސަލައާއި ބުކިން ކެންސަލޭޝަން އަދި ރިފަންޑް ސްކޭމްގެ ނުވަ މައްސަލަ ހުށަހެޅިއެވެ.

މީގެ އިތުރުން، އިންވެސްޓުމަންޓާ ގުޅުންހުރި ހަތް މައްސަލައާއި އިންޕާސަނޭޝަންގެ ދެ މައްސަލައާއި އެހެނިހެން ހަތަރު މައްސަލަ މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ސްކޭމްތަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ގެއްލިފައިވަނީ މިދިޔަ މެއި މަހުގައެވެ. އެގޮތުން އެ މަހު ސްކޭމަރުން ވަނީ 2.27 މިލިއަން ރުފިޔާ އަތުލައިފައެވެ.

އޮންލައިން ވިޔަފާރި ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި މުދާ ލިބުމުން ފައިސާ ދެއްކުމުގެ އުސޫލު (ކޭޝް އޮން ޑެލިވަރީ) އިޚުތިޔާރުކުރުމަށް އިސްކަންދޭންވާނެކަން ފުލުހުން ހަނދާންކޮށްދިނެވެ. އަދި މާލީ މުއާމަލާތެއް ފެށުމުގެ ކުރިން، ވިއްކާ ފަރާތުގެ އެކައުންޓް ރަޖިސްޓްރީކޮށްފައިވާ ތާރީޚާއި ގުޅޭނެ މައުލޫމާތުގެ އިތުރުން އެހެން ކަސްޓަމަރުންގެ ފީޑްބެކް ބެލުން މުހިންމުކަން އެ މުއައްސަސާއިން ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް