ވާރޭވެހި ނިމުމުން، ނުވަތަ ވާރޭވެހެން ފަށާ ވަގުތު ބިން މަތިން ނުވަތަ ބިމުގެ ފަސްގަނޑުން ދުވާ ވަހަކީ އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކަށް އެކަމާމެދު ޚާއްޞަ އިހުސާސެއް ކުރުވާ، އެތައް ހަނދާންތަކެއް އާކޮށްދޭ ވަހެކެވެ. ރޭގަނޑުގެ ހިމޭންކަމުގެ ތެރޭގައި ނުވަތަ ހޫނުގަދަ ދުވަސްތަކަކަށްފަހު ވެހޭ ފުރަތަމަ ވާރޭ ތިކިތަކާ އެކު ދުވާ މީރުވަހަކީ ހަމައެކަނި ތަބީޢީ އިހުސާސެއް ނޫނެވެ. މިއީ އޭގެ ފަހަތުގައި ވަރަށް ރީތި، ސައިންސީ ހަގީގަތްތަކެއް އެކުލެވިގެންވާ ކަމެކެވެ.
މި މީރު ވަހަށް ސައިންސާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޔައިއުޅޭ ނަމަކީ "ޕެޓްރިކޯ"އެވެ. މި ނަން އުފައްދާފައިވަނީ 1964 ވަނަ އަހަރު އޮސްޓްރޭލިއާގެ ދެ ސައިންސްވެރިން ކަމަށްވާ އައިސަބެލް ބެއާއާއި އާރުޖީ ތޯމަސްއެވެ. މި ވަސް އުފެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކުލެވުމަކީ "ޖިއޯސްމިން"ކިޔާ މާއްދާއެކެވެ.
މިއީ ފަސްގަނޑުގެ ތެރޭގައި އުޅޭ "ސްޓްރެޕްޓޯމައިސީސް" ނަމަކަށް ކިޔާ ކުދި މައިކްރޯބްސް ނުވަތަ ބެކްޓީރިއާތަކުން އުފައްދާ ކެމިކަލް މާއްދާއެކެވެ. ފަސްގަނޑު ހެދިފައިވާ ގޮތުން ހޫނުކޮށް އޮންނަ ވަގުތުތަކުގައި މި ވަހެއް އަޅުގަނޑުމެންނަކަށް ނުދުވައެވެ. ނަމަވެސް ވާރޭތިކިތައް ބިމުގައި ޖެހުމާއެކު މި މާއްދާ ވައިގެ ތެރެއަށް ބޭރުވެގެންދެއެވެ.
ނަމަވެސް ވާރޭގެ މީރުވަސް އުފެދެނީ ހަމައެކަނި ޖިއޯސްމިންއަކުން ނޫނެވެ. ގަސްގަހާގެއްސާއި ތަފާތު ގާތަކުން ހޫނު ދުވަސްވަރު ދޫކުރާ ގުދުރަތީ ތެޔޮތައް ފަސްގަނޑުގައި ހިފަހައްޓާފައި ހުރެއެވެ. ވާރޭގެ ތިކިތައް ފަސްގަނޑުގައި ޖެހޭ ހިނދު، ފަސްގަނޑުގައި ހުންނަ ވައިގެ ކުދި ބޮކިތައް މައްޗަށް އަރައި، މި ބުނެވުނު ތެލާއި ޖިއޯސްމިންގެ މާއްދާތައް އެކުވެ "އޭރޯސޯލް" ކުދި ތިކިތަކެއްގެ ގޮތުގައި ވައިގެ ތެރެއަށް ފެތުރިގެންދެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް އެ ދުވަނީ ސީދާ ވާރޭގެ ވަހެއް ނޫނެވެ. އެއީ ވާރޭ ތިކީގެ ސަބަބުން ބިމުގެ ތެރެއިން ވައިގެ ތެރެއަށް ދޫވެގެންދާ މާއްދާތަކުގެ ވަހެވެ.
ވާރޭގެ މޫސުމާ އެކު ދުވާ މީރުވަހަކީ ގުދުރަތީ މާހައުލާއި އިންސާނާގެ ނަފްސާ ހުރި ގުދުރަތީ ފުރިހަމަ ގުޅުމުގެ ނިޝާނެއް ކަމަށް ސައިންސްވެރިން ހާމަކުރޭ--ފޮޓޯ/ޕިންޓްރެސްޓްމި މީރުވަސް އެންމެ ގަދައަށް ދުވަނީ ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހި އޮތުމަށްފަހު ވެހޭ ފުރަތަމަ ވާރޭގައެވެ. ސަބަބަކީ އެ މުއްދަތުގެ ތެރޭގައި ފަސްގަނޑުގައި ޖިއޯސްމިން އާއި ގުދުރަތީ ތެލުގެ މާއްދާތައް ގިނަ އަދަދަކަށް އެއްވެފައި ހުންނާތީއެވެ. އެހެންކަމުން، މިއީ ހަމައެކަނި ހިތްގައިމު ވަހެއްގެ އިތުރުން، ބިމާއި ގުދުރަތުގެ ދިރުންތަކުގެ މެދުގައި ހިނގާ ވަރަށް ފުރިހަމަ ސައިންސީ މުއާމަލާތެކެވެ.
ހަގީގަތުގައި ވާރޭގެ މޫސުމާ އެކު ދުވާ މި މީރުވަހަކީ ހަމައެކަނި ސައިންސީ ބަދަލުތަކެއްގެ ނަތީޖާއެއް އެކަންޏެއް ނޫނެވެ. އެއީ ގުދުރަތީ މާހައުލާއި އިންސާނާގެ ނަފުސާ ހުރި ގުދުރަތީ ފުރިހަމަ ގުޅުމުގެ ނިޝާނެކެވެ. ވާރޭގެ ފިނިކަމާއެކު ޖެހިލާ ރޯޅި އާއި ބިމުން ދޫކުރާ މީރުވަހުގެ ސަބަބުން ސިކުނޑިއަށް ލިބޭ ހަމަޖެހުމާއި، ހިތަށް ވެރިވާ އުފާވެރިކަމަކީ ދިރިއުޅުމުގެ ވަގުތީ ތަކުލީފުތައް ހަނދާންނައްތާލައި، ގުދުރަތުގެ ފުރިހަމަކަމަށް ސަމާލުކަން ދިނުމަށް ލިބޭ އަގުހުރި ދައުވަތެކެވެ.