ވޭލްވްގެ ސްޓީމް ފްރޭމް ވީއާރު ހެޑްސެޓް ނެރެނީ، ފެށޭއަގު 1059 ޑޮލަރު

ހެޑްސެޓް ގަންނަ ފަރާތްތަކަށް "ހާފް-ލައިފް: އެލިކްސް" ގެ ވައުޗަރެއް ލިބޭނެ ---

ވޭލްވް ކުންފުނިން އަލަށް ނެރޭ "ސްޓީމް ފްރޭމް" ވީއާރު ހެޑްސެޓްގެ އަގުތައް އިއުލާނުކޮށްފިއެވެ. ކޮންޓްރޯލަރުތަކާއެކު ލިބޭ މި ހެޑްސެޓްގެ 256 ޖީބީގެ މޮޑެލްގެ އަގަކީ 1059 އެމެރިކާ ޑޮލަރެވެ. އަދި 1 ޓީބީގެ މޮޑެލްގެ އަގަކީ 1299 އެމެރިކާ ޑޮލަރެވެ. މި ފައިސާ ދެއްކުމުން، ހެޑްސެޓްގެ އެތެރެއިން އެއްކޮށް ކުޅެވޭ ގޮތަށް އަލުން ފަރުމާކޮށްފައިވާ ވޭލްވްގެ 2020 ވަނަ އަހަރުގެ ޕީސީ ވީއާރު ގޭމް ކަމަށްވާ "ހާފް-ލައިފް އެލިކްސް" ވެސް ލިބޭނެއެވެ.

މި ހެޑްސެޓާއެކު އިތުރަށް ގަނެވޭނެ ބައެއް ތަކެތި ވެސް ވޭލްވް އިން ވަނީ އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި 21.6 ވޮޓްގެ ބެޓެރީ ޗާޖުކުރުމަށް ބޭނުންކުރާ ޕަވާ ސަޕްލައި ޔުނިޓް (ޕީއެސްޔޫ) 29 ޑޮލަރަށް ލިބެން ހުންނާނެއެވެ. ނަމަވެސް ބާރުގަދަ ޔޫއެސްބީ-ސީ ޗާޖަރެއް ހުރިނަމަ މިއީ ގަންނަން މަޖުބޫރު އެއްޗެއް ނޫނެވެ. މީގެ އިތުރުން ފޭސް ގޭސްކެޓާއި، ބޮލުގައި އަޅުވާ ކުޝަން އަދި ލައިޓް ބްލޮކާ ހިމެނޭ އެކްސެސަރީ ރިޕްލޭސްމަންޓް ކިޓެއް 49 ޑޮލަރަށް ލިބެން ހުންނާނެއެވެ. އަދި ދެ ކޮންޓްރޯލާ ހޭންޑް ސްޓްރެޕާއި، ދެ ބެޓެރީ ކަވަރާއި، ހެޑްސެޓްގެ މަތީ ސްޓްރެޕް އަދި ބޮޑު ލައިޓް ބްލޮކާ ހިމެނޭ އާގޮނޮމިކް އެކްސެސަރީސް ކިޓެއް 59 ޑޮލަރަށް ގަންނަން ލިބޭނެއެވެ.

ކުރިއަށް އޮތް ތަނުގައި ޒެނީ އޮޕްޓިކަލް އިން ލޯމަތީގެ ނަންބަރު އައިނު (ޕްރިސްކްރިޕްޝަން ލެންސް) އަދި އާކްޓޫރަސް އިން އާރުޖީބީ ކެމެރާއެއް މި ހެޑްސެޓަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި ތަކެތީގެ އަގުތައް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ވޭލްވް އިން ވަނީ އާ ފީޗާތަކެއް ވެސް ހެޑްސެޓަށް އިތުރުކޮށްފައި ---

ސްޓީމް މެޝިން ނެރުނުއިރު ދިމާވި ލަސްތައް މިފަހަރު ނުވި ނަމަވެސް، މިއަށް އޯޑަރު ކުރުމުގެ ކަންކަން ކުރިއަށްދާނީ ރިޒަވޭޝަން ސިސްޓަމެއްގެ ދަށުންނެވެ. ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 (ޕީޓީ) ގެ ކުރިން ބޭނުންވާ މޮޑެލްއަކަށް ރަޖިސްޓްރީ ކުރުމުން، ވޭލްވް އިން ގުރުއަތުން އޯޑަރުތައް ތަރުތީބުކުރާނެއެވެ. އަދި 17 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ރިޒަވޭޝަން ލިސްޓުގައި ނުވަތަ ވެއިޓްލިސްޓުގައި ހިމެނުނުކަން އަންގާނެއެވެ. 17 ވަނަ ދުވަހުގެ ފަހުން ރަޖިސްޓްރީކުރާ ފަރާތްތައް ދާނީ ވެއިޓްލިސްޓުގެ އެންމެ ފަހަތަށެވެ. ވޭލްވް އިން ލަފާކުރާ ގޮތުގައި ފުރަތަމަ އޯޑަރުތައް ގަތުމުގެ އީމެއިލްތައް ސެޕްޓެމްބަރު 18 ވަނަ ދުވަހު ފޮނުވަން ފަށާނެއެވެ. އަދި ސްޓޮކް ހުރި މިންވަރަކުން އީމެއިލްތައް ފޮނުވަމުން ގެންދާނެއެވެ.

ސްޓީމް ފްރޭމް ރިވިއުކުރަން ފެށިފަހުން ވޭލްވް އިން ވަނީ އާ ފީޗާތަކެއް ވެސް މިއަށް އިތުރުކޮށްފައެވެ. އެގޮތުން ވަކިން ކުޅެވޭނެކަން ޔަގީންކޮށްފައިވާ ގޭމްތަކުގެ އަދަދު 130 އަށް ވަނީ އިތުރުވެފައެވެ. އަދި ޑޭޝްބޯޑުގެ ތެރެއިން 2ޑީ ގޭމްތަކަށް ޚާއްސަ ގޭމްޕޭޑް މޯޑެއް ފުރަތަމަ ފަށާއިރު ލިބެން ހުންނާނެއެވެ. މީގެ އިތުރުން މަލްޓި-ލިންކް ސްޓްރީމިން، އިންޕުޓް ފޯކަސް، ޑެޕްތް ޕްރޮޖެކްޝަން އަދި ވިޝުއަލް ޝާޕްނެސް ވަނީ ކުރިއަށްވުރެ ރަނގަޅުކޮށްފައެވެ.

ހެޑްސެޓް ގަންނަ ފަރާތްތަކަށް "ހާފް-ލައިފް: އެލިކްސް" ގެ ވައުޗަރެއް ލިބޭނީ ސްޓީމް ފްރޭމް އަށް ލޮގިންވެ ސެޓިންގްސް އަށް ދިއުމުންނެވެ. ނަމަވެސް ވޭލްވް އިން އެންމެ ފަހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ހެޑްސެޓް ނެރޭ ދުވަހު މި ގޭމް ނުލިބޭނެއެވެ. އޭގެ ބަދަލުގައި ގޭމް ލިބެން ހުންނާނީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު