އެންޑްރޮއިޑް ފޯނުތަކުގައި ބޭނުންކުރާ އެޑްވާންސްޑް ޕްރޮޓެކްޝަންގެ ވަކިވަކި ސެކިއުރިޓީ ފީޗާތައް އަމިއްލައަށް ކޮންޓްރޯލްކޮށް، ބޭނުން ގޮތަކަށް ބަދަލުކުރުމުގެ ފުރުސަތު ޔޫޒަރުންނަށް ދިނުމަށް ގޫގުލް އިން މަސައްކަތްކުރަމުންދާ ކަން ހާމަވެއްޖެއެވެ.
ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ އެންޑްރޮއިޑް އޮތޯރިޓީން ގޫގުލް ޕްލޭ ސާވިސަސްގެ ވާޝަން 26.36.30 ގެ އޭޕީކޭ ޓިއާޑައުންއަކުން ދެނެގަތް ގޮތުގައި، މި ބަދަލުތައް ގެނައުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ގޫގުލް އިން އެންޑްރޮއިޑް 16 އާ އެކު ތައާރަފުކުރި "އެންޑްރޮއިޑް އެޑްވާންސްޑް ޕްރޮޓެކްޝަން މޯޑް" (އޭއޭޕީއެމް) އަކީ ސައިބާ ހަމަލާތަކާއި، ނުރައްކާތެރި އެޕްތަކާއި ޒާތީ މައުލޫމާތު ވަގަށް ނެގުމުން ރައްކާތެރިވުމަށް ހަމަޖައްސާފައިވާ ވަރުގަދަ ނިޒާމެކެވެ. ނަމަވެސް، މިހާރުގެ ގޮތުން މި މޯޑް އެކްޓިވޭޓް ކުރުމުން އޭގެ ދަށުން ހިމެނޭ ގިނަ ފީޗާތައް ވަކިވަކިން އޮން ނުވަތަ އޮފް ކުރުމުގެ އިހުތިޔާރެއް ޔޫޒަރުންނަކަށް ނޯވެއެވެ. މިވަގުތު އަމިއްލައަށް އިހުތިޔާރުކުރެވެނީ ހަމައެކަނި "އިންޓްރޫޝަން ލޮގިން" އެކަންޏެވެ.
ޔޫއެސްބީ ޕްރޮޓެކްޝަން މިހާރު ވެސް ޕިކްސެލް 6 އާއި އަލަށް އުފައްދާ މޮޑެލްތަކުގައި ލިބެން ހުންނާނެ ----މި އާ ބަދަލާ އެކު އެޑްވާންސްޑް ޕްރޮޓެކްޝަން ސެޓިންގްސްގެ ތެރޭގައި "އެކްސްޕާޓް ފީޗާސް" ގެ ނަމުގައި އާ ބައެއް އިތުރުކުރެވޭނެ ކަމަށް ބެލެވެއެވެ. މި ބައިގެ ދަށުން "އިންޓްރޫޝަން ޑިޓެކްޝަން" އާއި "ޔޫއެސްބީ ޕްރޮޓެކްޝަން" އަދި "އަންސެކިއޯޑް ވައިފައި ނެޓްވޯކްސް" ފަދަ މުހިންމު ސެކިއުރިޓީ ފީޗާތައް ވަކިން ކޮންޓްރޯލް ކުރެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
ލީކުވެފައިވާ ސްކްރީންޝޮޓްތަކުން ދައްކާ ގޮތުގައި، މި އެކްސްޕާޓް ފީޗާތަކުން މަތީ ދަރަޖައިގެ ރައްކާތެރިކަމެއް ލިބުނު ނަމަވެސް ބައެއް އިތުރު ހިފެހެއްޓުންތައް ކުރިމަތިވެދާނެއެވެ.
ޔޫއެސްބީ ޕްރޮޓެކްޝަން ފީޗާއަކީ ޕިކްސެލް 6 އަދި އޭގެ ފަހުގެ މޮޑެލްތަކުގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ފީޗާއެކެވެ. މި ފީޗާގެ ސަބަބުން ފޯނު ލޮކްވެފައި ހުންނައިރު އާ ޔޫއެސްބީ ކަނެކްޝަންތައް ހުއްޓުވައިދޭއިރު، ފޯނު އަންލޮކް ނުކުރަނީސް ފާސްޓް ޗާޖިން ލަސްވުން ފަދަ ކަންކަން ދިމާވެއެވެ. ނަމަވެސް މިއީ އޮޕްޝަނަލް ފީޗާއަކަށް ހެދުމުން، މައިގަނޑު ސެކިއުރިޓީ ރައްކާތެރިކަން ދަމަހައްޓަމުން މި ފީޗާ އެކަނި ނިއްވާލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހަމައެއާއެކު، ރައްކާތެރިކަން ކުޑަ އޮޕަން، ޑަބްލިއުއީޕީ ނުވަތަ އޯޑަބްލިއުއީ ވައިފައި ނެޓްވޯކްތަކަށް ފޯނު އޮޓޮމެޓިކުން ގުޅުން ހުއްޓުވާ ފީޗާވެސް އޮޕްޝަނަލް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ ސަބަބުން މިފަދަ ނެޓްވޯކްތަކަށް ގުޅުމުގައި ހުރި ހުރަސްތައް ޔޫޒަރުންނަށް އަމިއްލައަށް ކަނޑައެޅޭނެއެވެ.
އެންޑްރޮއިޑް އެޑްވާންސްޑް ޕްރޮޓެކްޝަން މޯޑަކީ މޯބައިލް ފޯނުގެ އިތުރުން ގޫގުލް އެކައުންޓް ވެސް މެލްވެއާ އާއި ފިޝިން އަދި ހުއްދަނެތް ވަގު ވަނުންތަކުން ރައްކާތެރިކުރުމަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މީގެ ދަށުން ގޫގުލް ކްރޯމް، ގޫގުލް މެސެޖަސް އަދި ފޯން ބައި ގޫގުލް ފަދަ އެޕްތަކުގެ އިތުރުން ތިންވަނަ ފަރާތްތަކުގެ އެޕްތަކަށް ވެސް ރައްކާތެރިކަން ފޯރުކޮށްދެއެވެ.
މީގެ އިތުރުން، މި މޯޑުން ގޫގުލް ޕްލޭ ޕްރޮޓެކްޓް މަޖުބޫރުކޮށް، ނޭނގޭ މަސްދަރުތަކުން ސައިޑްލޯޑްކޮށްގެން އެޕް އެޅުން ހުއްޓުވައެވެ. އަދި ފޯނު ވަގަށް ނަގައިފިނަމަ ދެނެގަތުމާއި، އޮފްލައިންކޮށް ފޯނު ލޮކްކުރުމާއި، ގޯސް ޕާސްވޯޑް ތަކުރާރުކޮށް ޖެހުމުން ފޯނު ލޮކްވުމުގެ އިތުރުން އޭއައި ބޭނުންކޮށްގެން ސްކޭމްތައް ދެނެގަތުމާއި ރައްކާތެރިކަން ކުޑަ 2ޖީ ނެޓްވޯކްތަކަށް ގުޅުން ހުއްޓުވުން ފަދަ ގިނަ ފިޔަވަޅުތަކެއް މި ނިޒާމުގައި ހިމެނެއެވެ.