އިންޑިއާގައި ކުޑަކުއްޖަކަށް ބިރުދައްކައިގެން 17 ލައްކަ ރުޕީސްގެ ފައިސާއާއި ރަން ފޭރިގެންފި

އިންޑިއާގެ ބެންގަލޫރުގެ ޓީ ދާސަރަހައްލީ ސަރަހައްދުގައި އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކަށް ބިރުދައްކައި، އިންޒާރުދީގެން ހަ ލައްކަ ރުޕީސްގެ ނަގުދު ފައިސާއާއި 150 ގްރާމުގެ ރަން ގަހަނާ ފޭރިގެންފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެންޑީޓީވީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ގްރޭޑް އަށެއްގައި ކިޔަވަމުންދާ މި ކުއްޖާގެ އަތުން މި ތަކެތި ފޭރިގެންފައިވަނީ 10 މީހުންގެ މައްޗަށް އެކުލެވޭ ގްރޫޕަކުންނެވެ. މި މައްސަލަ ބެންގަލޫރުގެ ބަގަލަގުންޓޭ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ އާދިލް ޕާޝާއެވެ.

ފުލުހުން ބުނާ ގޮތުގައި މި ހާދިސާ ފެށިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން އެ ކުއްޖާގެ ގޭ ކައިރީގައި އޮންނަ ހުސް ބިމަކަށް އާންމުކޮށް ގޮސްއުޅޭ ޕްރަކާޝް ނަމަކަށް ކިޔާ މީހަކު، މި ކުއްޖާއާ ރަހުމަތްތެރިކަން އުފެއްދި ކަމަށް ވެއެވެ. އަދި އޭގެ ފަހުން، އޭނާގެ ސައިކަލަށް ކުއްޖާ ގެއްލުން ދިން ކަމަށް ދޮގު ތުހުމަތުކޮށް، ބަދަލުގެ ގޮތުގައި 50،000 ރުޕީސް ދިނުމަށް ކުއްޖާއަށް މަޖުބޫރުކުރިއެވެ. ބިރުން ހުރެ އެ ކުއްޖާ، އޭނާގެ މައިންބަފައިންގެ އަލަމާރިން ފައިސާ ނަގައި އޭނާއަށް ދިނީ ކަމަށް އެންޑީޓީވީގައި ރިޕޯޓުކޮށްފައިވެއެވެ.

އޭގެ ފަހުން، ޕްރަކާޝް އިތުރަށް ފައިސާއަށް އެދެމުން ގޮސް، ސާގަރު ކިޔާ މީހަކަށް އެ ކުއްޖާ ތައާރަފްކުރިކަމަށް ވެއެވެ. އަދި އެއް ދުވަހަކު ޖަލަހައްލީ ކްރޮސް ކައިރިއަށް ކުއްޖާ ގެންގޮސް ވަޅިން ބިރުދައްކައިގެން އިތުރު 50،000 ރުޕީސް ފޭރުނުކަމަށް ވެއެވެ. މީގެ އިތުރުން ފައިސާ ނުދީފިނަމަ ކުއްޖާއާއި އޭނާގެ މައިންބަފައިން މަރާލާނެ ކަމަށް ބުނެ އިންޒާރުދީ، އެ މީހުންގެ އެކުވެރިންތަކެއް ފޮނުވައިގެން ސްކޫލް ނިންމާފައި ގެއަށްދާ މަގުމަތީގައި ކުއްޖާ ހުއްޓުވައިގެން ތަކުރާރުކޮށް ފައިސާ އަތުލަމުން ދިޔަކަމަށް ވެއެވެ. މިގޮތުން ޖުމްލަ ހަ ލައްކަ ރުޕީސްގެ ނަގުދު ފައިސާ އެކި ފަހަރު މަތިން އެ މީހުން އަތުލައިފައި ވާކަމަށްވެއެވެ.

ގޭގައި ހުރި ފައިސާ ހުސްވުމުން، ދެން އެމީހުން އެދުނީ ރަން ގަހަނާ ދިނުމަށް ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ގޭތެރެއަށް ވަދެ މައިންބަފައިން މަރާލުމަށްފަހު މުދާތައް ފޭރިގަންނާނެ ކަމަށް ބުނެ ބިރުދެއްކުމުން، ކުއްޖާ ވަނީ އޭނާގެ މަންމަގެ ކަންފަތުލާ މުދި، އަތުކުރި، ހާރު، އަދި އަނގޮޓި ފަދަ ތަކެތި ހިމެނޭހެން 150 ގްރާމުގެ ރަން ގަހަނާ އެމީހުންނާ ހަވާލުކޮށްފައި ކަމަށް ވެއެވެ.

މި މައްސަލަ ފެންމަތިވީ މި މަހުގެ 2 ވަނަ ދުވަހު، އަލަމާރީގައި ހުރި ފައިސާއާއި ގަހަނާތައް މަދުކަން މަންމައަށް ފާހަގަކުރެވިގެން ސުވާލުކުރުމުންނެވެ. ފޭރިގެންފައިވާ ފައިސާއާއި ރަނުގެ ޖުމްލަ އަގު 17.5 ލައްކަ ރުޕީސް ނުވަތަ ގާތްގަނޑަކަށް 21،000 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ވެސް ވެއެވެ.

އެންޑީޓީވީގައިވާ ގޮތުން މި މައްސަލައިގައި މި މަހުގެ 10ވަނަ ދުވަހު ފުލުހުން ވަނީ 10 މީހެއްގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ. މި މައްސަލަ ރަޖިސްޓްރީކޮށް، ފުލުހުން މިހާރު ދަނީ އިތުރު ތަހުގީގުތައް ހިންގުމަށްފަހު ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންކަމަށް ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް