ވިލިމާލޭގައި މާރާމާރީ ހިންގި ދެ މީހަކު ޖޫރިމަނާކޮށްފި

ވިލިމާލޭގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ދެ މީހުން

ވިލިމާލޭގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ކ. މާލެ، މ. ހިއްސާ، އާތިފް ޢަބްދުލްޙަލީމް އާއި، ކ. މާލެ، ވ. ގާމާ، އިސްމާޢީލް ވިސާމް މުޙައްމަދުގެ މައްޗަށެވެ.

މި ހާދިސާ ހިނގާފައިވަނީ 2024 ޑިސެންބަރު 23 ވީ ދުވަހުގެ ހެނދުނު 08:10 ހާއިރު ވިލިމާލޭ ކަޅުތުއްކަލާ މަގުގައި ހުރި ޖޯއްޔެއްގައި ގއ. ގެމަނަފުށި، މީހަކު އިށީނދެގެން އިންދައެވެ. ޢާޠިފް އާއި ވިސާމް ވެގެން ގެމަނަފުށީ މީހާގެ މޫނުމަތީގައި ޖެހުމަށްފަހު، އޭނާ ފަހަތުން ދުވެ ގޮސް ބޮލުގައި ގަލަކުން ޖަހައި މާރާމާރީ ހިންގާފައިވެއެވެ.

މި ހާދިސާގައި އެ މީހާގެ ބޮލަށް އަނިޔާވެ ލޭ އައިސްގެން ވިލިމާލެ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

ގާޒީ މުޒައްމިލު ނާސިރު ބެއްލެވި މި މައްސަލައިގައި ދައުލަތުން އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއަށް އެ ދެ މީހުން އިންކާރު ކުރިނަމަވެސް، ހެކިންގެ ހެކިބަހުން ދެ މީހުން ވެސް މާރާމާރީ ހިންގިކަން ވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވެފައެވެ.

އެހެންނަމަވެސް، ލިބުނު އަނިޔާއަކީ ޤާނޫނުލްއުގޫބާތުގައި ބަޔާންކުރާ "ބޮޑު އަނިޔާ" ގެ މާނައިގެ ތެރޭގައި ހިމެނޭ އަނިޔާއެއްކަން ސާބިތުނުވާތީ، ކްރިމިނަލް ކޯޓުން ވަނީ ކުށް ޖުނަޙްގެ ދެވަނަ ދަރަޖައަށް ގިންތިކޮށްފައެވެ.

މި މައްސަލައިގައި އިސްމާޢީލް ވިސާމް މުޙައްމަދު ތަޙުޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ހޭދަކުރި 31 ދުވަސް އުނިކުރުމަށްފަހު، ތަންފީޒުކުރަންޖެހޭ އެއް މަހާއި 11 ދުވަހުގެ ޖަލު އަދަބު ވަނީ 8,200 ރުފިޔާއިން ޖޫރިމަނާކުރުމަށް ބަދަލުކޮށްފައެވެ.

އަދި ޢާޠިފް ޢަބްދުލްޙަލީމްގެ ކުށުގެ ރެކޯޑު އޮތުމުން އަދަބު އެއް ދަރަޖަ މަތިކުރުމަށްފަހު، ބަންދުގެ މުއްދަތު އުނިކޮށް ތަންފީޒުކުރަންޖެހޭ އެއް މަހާއި 29 ދުވަހުގެ ޖަލު އަދަބު ވަނީ 11,800 ރުފިޔާއިން ޖޫރިމަނާކުރުމަށް ބަދަލުކޮށްފައެވެ.

ކޯޓުން ވަނީ މި ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާސްކުރުމަށް އަންގާފައެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި މި ދެ މީހުންގެ ތެރެއިން އިސްމާޢީލް ވިސާމް މުޙައްމަދަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި މި މައްސަލައިގައި ހިމެނޭ ޢާޠިފް ޢަބްދުލްޙަލީމަކީ މީގެ ކުރިން ގޭންގުތަކުގައި ހަރަކާތްތެރިވާ ހަ މީހެއްގެ މައްޗަށް ހައިކޯޓުން ނެރުނު މޮނިކޮން އަމުރަކާއެކު ޓެގު އެޅުވި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް