އިވެންޓްތަކަށް ދައުވަތު ދެވޭ އާ ފީޗާއެއް ސްނެޕްޗެޓްގައި ތައާރަފުކޮށްފި

މިގޮތަށް ހަދާ އިވެންޓްތަކަށް އާއިލާގެ މީހުންނާއި ރައްޓެހިން ހިމެނޭގޮތަށް 200 މީހުންނަށް އިންވައިޓް ފޮނުވޭނެ ---

ސްނެޕްޗެޓްގެ ޗެޓް ވިންޑޯތަކުގެ ތެރެއިން ސީދާ އިވެންޓްތައް އުފެއްދޭ ގޮތަށް ފަރުމާކޮށްފައިވާ އާ ފީޗާއެއް ކަމަށްވާ "ސްނެޕްޗެޓް ޕްލޭންސް" އެ ކުންފުނިން ތައާރަފްކޮށްފިއެވެ.

ހުކުރު ދުވަހު ތައާރަފްކުރި މި ފީޗާއަކީ އެޕްލިކޭޝަން މެދުވެރިކޮށް އިވެންޓްތައް ރާވައި ހިންގުމަށް ގެނެވުނު އާ ބަދަލެކެވެ.

ސްނެޕްޗެޓުން ހާމަކޮށްފައިވާ ގޮތުގައި މި އާ ފީޗާ ބިނާކޮށްފައި ވަނީ އެޕް ބޭނުންކުރާ ފަރާތްތަކުގެ އާދަތަކުގެ މައްޗަށެވެ. އެގޮތުން، ދާދި ފަހުން ކުރި ސާވޭއަކުން ދައްކާގޮތުގައި 13 އަހަރާއި 24 އަހަރާ ދެމެދުގެ 35 އިންސައްތަ ޔޫޒަރުން، ހަގީގީ ދިރިއުޅުމުގެ އިވެންޓްތައް ރާވައި އިންތިޒާމުކުރުމަށް ގްރޫޕް ޗެޓްތައް ބޭނުންކުރެއެވެ.

މި ފީޗާގެ ސަބަބުން ރައްޓެހިންނަށް އިވެންޓް ދައުވަތު ފޮނުވުމާއި ލިބުމުގެ އިތުރުން، އިވެންޓް އޮންނަ ގަޑިއާއި ތާރީޚު އަދި ބައިވެރިވާ މީހުންގެ މައުލޫމާތު ފަސޭހައިން ބަލައިލެވޭނެއެވެ. އަދި ހުރިހާ އިވެންޓްތަކެއް އެޕްގެ އެއް ތަނަކުން ފެންނަން ހުންނާނެކަމަށް ސްނެޕްޗެޓުން ބުނެއެވެ. މީގެ އިތުރުން ވަރަށް އަވަހަށް ސީދާ ޗެޓް ވިންޑޯއެއްގެ ތެރެއިން އިވެންޓްތައް އުފެއްދޭނެ ގޮތް ވެސް ހަމަޖެހިގެންދާނެއެވެ.

ޕްލޭންސްގެ އިންވައިޓްތައް ޔޫޒަރުންނަށް ލިބޭނީ ވަކިވަކި ޗެޓް ވިންޑޯތަކުގެ ތެރެއިން --

ސްނެޕްޗެޓް ޕްލޭނެއް ހެދުމަށްޓަކައި އެންމެ ފުރަތަމަ އިވެންޓަށް ނަމެއް ދިނުމަށްފަހު، ތާރީޚާއި ގަޑި ޚިޔާރުކުރާނީއެވެ. މިގޮތަށް ހަދާ އިވެންޓްތަކަށް އާއިލާގެ މީހުންނާއި ރައްޓެހިން ހިމެނޭ ގޮތަށް 200 މީހުންނަށް އިންވައިޓް ފޮނުވޭނެއެވެ. އަދި އިވެންޓް އިތުރަށް ފުރިހަމަކުރުމަށްޓަކައި ބިޓްމޯޖީ ކަވަރު އާޓް އެއްވެސް ލެވޭނެއެވެ. މި ކަވަރު އާޓް، އިވެންޓްގެ ކަންކަން ކުރިއަށްދާ ވަރަކަށް އޮޓަމެޓިކުން އަޕްޑޭޓްވަމުން ދާނެއެވެ.

ޕްލޭންސްގެ އިންވައިޓްތައް ޔޫޒަރުންނަށް ލިބޭނީ ވަކިވަކި ޗެޓް ވިންޑޯތަކުގެ ތެރެއިންނެވެ. އިންވައިޓް ލިބޭ މީހުންނަށް، ކުރިއަށްދާ ޗެޓަށް އެއްވެސް ބުރޫއެރުމެއް ނެތި، ދާނަން، ފަހަރެއްގައި ދާނަން، ނުވަތަ ނުދެވޭނެ ކަމަށް ބުނެ ސީދާ ޕްލޭނަށް ޖަވާބު ފޮނުވޭނެއެވެ.

މި ބަދަލާއެކު ސްނެޕްޗެޓްގައި "މައި ޕްލޭންސް" ގެ ނަމުގައި އާ ބައެއް ވަނީ ހިމަނާފައެވެ. މި ބައިން މިހާރު ކުރިއަށްދާ ޕްލޭންތަކާއި، ކުރިއަށް އޮތް އަދި ނިމިފައިވާ ޕްލޭންތައް ބަލައިލެވޭނެއެވެ. އަދި އެހެން ޔޫޒަރުންނާ ގުޅިގެން ހަދާފައިވާ ޕްލޭންތައް "އަވާ ޕްލޭންސް" އިން ފެންނަން ހުންނާނެއެވެ. ޕްލޭނެއް ހެދުމަށްފަހު، އެއަށް ބަދަލު ގެނައުމާއި އިވެންޓަށް ދާ މީހުންގެ ލިސްޓު ވެސް މައި ޕްލޭންސް އިން ބަލައިލެވޭނެއެވެ.

މީގެ އިތުރުން، އިވެންޓް ފެށުމުގެ އެއް ގަޑިއިރު ކުރިން ސްނެޕްޗެޓް ޕްލޭންސް އިން ހަނދާންކޮށްދިނުމުގެ ގޮތުން ރިމައިންޑާއެއް ވެސް ފޮނުވާނެއެވެ.

comment ކޮމެންޓް