ބާރްތީގެ ޝޯތަކަކީ އާއިލާއާ އެކު ބެލޭނެ، ސިޔާސީ އަދި ދީނަށް ޖޯކުޖެހުމާ ދުރު ޝޯތަކެއް

އިންޑިއާގެ މަގުބޫލު ކޮމީޑިއަން ބާރްތީ ސިންގް -- ފޮޓޯ/ ޓެލެގްރާފްއިންޑިއާ

އިންޑިއާގެ މަޝްހޫރު ކޮމެޑީއަން ބާރްތީގެ ހުށަހެޅުންތަކަކީ އާއިލާއާ އެކު ތިބެގެން ބަލައިލެވޭނެ ފަދަ އަދަބުވެރި، "ސާފު" އެއްޗަކަށް ހެދުމަށް އަބަދުވެސް އިސްކަންދޭ ކަމަށް އޭނާ ބުނެފިއެވެ.

ހަމައެއާއެކު ފުރިހަމަ މަޢުލޫމާތު ނެތް ސިޔާސީ އަދި ދީނީ މައުޟޫޢުތަކަށް ޖޯކުޖެހުމުން އޭނާ އަބަދުވެސް ދުރުހެލިވާ ކަމަށް ބާރްތީ ވަނީ ބުނެފައެވެ.

ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ބާރްތީ ބުނީ، ސްޓޭންޑް-އަޕް ކޮމެޑީއަށް ބެލުންތެރިން ޝައުޤުވެރިކުރުވުމަށްޓަކައި އަބަދުވެސް އައު އުފެއްދުންތެރި ގޮތްތައް ހޯދަން އޭނާއަށް މަޖުބޫރުވާ ކަމަށެވެ.

"މީހުން ހެއްވުމުގައި ކޮންމެ ފަންނާނެއް ވެސް ގެންގުޅޭ ޚާއްސަ އުކުޅުތަކެއް ހުރޭ. ބައެއް މީހުން އަދަބުކުޑަ ޖޯކުތައް ބޭނުންކުރާއިރު، އަނެއްބަޔަކު އިސްކަންދެނީ އަދަބުވެރި އަދި އާއިލީ ވާހަކަތަކަށް. އަހަރެން އަބަދުވެސް އިސްކަންދެނީ އާއިލާތަކަށް އެކުގައި ބަލައިލެވޭނެ ފަދަ މައުޟޫޢުތަށް ޝޯގައި ހިމެނުމަށް،" ބާރްތީ ބުންޏެވެ.

އިތުރަށް ވާހަކަދައްކަމުން ބާރްތީ ބުނީ، އަމިއްލަ މަންމަ ވެސް މި ޕްރޮގްރާމްތައް ބަލާނެކަން ހަނދާން ބަހައްޓައިގެން، ބައެއް ވާހަކަތައް އަމިއްލައަށް ސެންސަރުކުރާ ކަމަށެވެ. އަދި ފުރިހަމައަށް ހޭލުންތެރިނުވާ ސިޔާސީ އަދި ދީނީ ކަންކަމަށް ޖޯކު ޖެހުމުގެ ބަދަލުގައި، އާންމު ދިރިއުޅުމާއި ކާބޯތަކެތި ފަދަ ކަންކަމަށް ބިނާކޮށް މަޖާ ވާހަކަތައް ގެނެސްދިނުމަށް އިސްކަންދޭ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

ބާރްތީ އޭނާގެ ފިރިމީހާ ހަރްޝްއާ އެކު -- ފޮޓޯ/ ފޭސްބުކް

އިންޑިއާގެ އަމްރިތްސަރަށް ނިސްބަތްވާ ބާރްތީ ކޮމީޑިއަންއެއްގެ ގޮތުގައި އެ ދާއިރާއަށް ތަޢާރަފުވީ 2008 ވަނަ އަހަރު ދެއްކި "ދަ ގްރޭޓް އިންޑިއަން ލާފްޓަ ޗެލެންޖް"އިންނެވެ. އެ ޝޯގައި އޭނާ ކުޅުނު 'ލައްލީ'ގެ ރޯލަށް ބޮޑު ތަރުޙީބެއް ލިބި، މުބާރާތުގެ ތިންވަނަ ބާރްތީ ކާމިޔާބުކުރިއެވެ. ފަހުން އޭނާ ވަނީ 'ކޮމެޑީ ސާކަސް'، 'ދަ ކަޕިލް ޝަރުމާ ޝޯ' އަދި 'ދަ ޚަތުރާ ޚަތުރާ ޝޯ' ފަދަ މަޤްބޫލު އެތައް ޕްރޮގްރާމަކުން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައެވެ.

ކެރިއަރުގެ ކުރީކޮޅުގެ ތަޖުރިބާތަކާ ގުޅޭގޮތުން ބާރްތީ ބުނީ، އޭރު ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތުމުން ވަރަށް ބޮޑަށް ޖެހިލުންވި ކަމަށާއި، ނަމަވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ލޯތްބާއި ތަރުޙީބުގެ ސަބަބުން މަސައްކަތުގައި ކުރިއަށްދިއުމުގެ އިތުބާރު ބޮޑުވި ކަމަށެވެ. އޭނާ ދެކޭގޮތުގައި ހިނިތުންވުމަކީ އެންމެ މޮޅު ފަރުވާއެވެ. އަދި މީހުން ހެއްވައިދިނުމުގެ ފުރުޞަތު ލިބުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.

މުސްތަޤުބަލަށް އަލިއަޅުވާލަމުން ބާރްތީ ހާމަކުރި ގޮތުގައި، އޭނާގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ހާރްޝް ލިމްބާޗިޔާއާ އެކު އޯޓީޓީ (ސްޓްރީމިންގް) ޕްލެޓްފޯމަކަށް އެއް ގަޑިއިރުގެ ސްޓޭންޑް-އަޕް ކޮމެޑީ ޝޯއެއް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ދެމަފިރިން މިހާރު ހުށަހަޅައިދެމުން އަންނަނީ ސޮނީ އެންޓަޓެއިންމަންޓް ޓީވީން ދައްކާ 'އިންޑިއަން ގޭމް ޝޯ'އެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ފަރާތްތަކާއި ސޯޝަލް މީޑިއާ އިންފްލުއެންސަރުން ބައިވެރިވާ މަޖާ ގޭމް ޝޯއެކެވެ. ބާރްތީ ބުނިގޮތުގައި، މި ޝޯގެ މައިގަނޑު މަޤްޞަދަކީ އެއްވެސް ތަކުލީފެއް ނެތި، ބެލުންތެރިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުމެވެ.

comment ކޮމެންޓް