ސެލީންގެ ތާރީޚީ އެނބުރި އައުމާއެކު އެތައް މިލިއަން ބަޔަކު ރޮއްވާލައިފި

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން -- ފޮޓޯ/ އެކްސް

ނާރުގެ ނާދިރު ބައްޔެއް ތަހައްމަލު ކުރަމުންދާ ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން، ހަ އަހަރަށްވުރެ ދިގު މުއްދަތަކަށްފަހު ފުރަތަމަ ފަހަރަށް ސްޓޭޖަށް އެރުމަށްފަހު އަސަރާއެކު ރޮވިއްޖެއެވެ.

ފްރާންސްގެ ޕެރިހުގައި ބޭއްވި މި ލައިވް ޝޯއަކީ، ސިއްހީ ހާލަތުގެ ސަބަބުން ލަވަކިޔުމާ ދުރުގައި ހުރުމަށްފަހު ސެލީން ޑިއޯން އެނބުރި އައިސް ދިން ފުރަތަމަ ފުރިހަމަ ޕާފޯމަންސެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ފުރިބާރުވެފައިވާ އޮޑިޓޯރިއަމްގައި އެއްވެ ތިބި އޯޑިއަންސާ މުޚާތަބުކޮށް، އަސަރާއެކު ޑިއޯން ބުނީ އޯޑިއަންސާ އެކު އެގޮތަށް އަލުން އެކުގައި ތިބެވުމަކީ ހައިރާންކުރުވަނިވި އުފަލެއް އޭނާއަށް އިހުސާސްކުރެވުނު ކަމެއް ކަމަށެވެ.

"އަހަރެން ވަޢުދެއްވިން. އަނބުރާ އަންނާނެ ކަމަށާއި، އަލުން ސްޓޭޖަށް އަރާނެ ކަމަށް ވައުދުވިން. މިހާރު މިހުރީ ތިޔަބޭފުޅުންނަށްޓަކައި އަދި އަހަރެންގެ އަމިއްލަ ނަފުސަށްޓަކައި ވެސް ލަވަކިޔައި ދޭން. ތިޔަބޭފުޅުން ދެއްވި އެއްބާރުލުމަށާއި ބެހެއްޓެވި ކެތްތެރިކަމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަހަރެން މިއަދު މި މަގާމުގައި މިހުރީ ތިޔަބޭފުޅުންގެ ލޯތްބާއި ހިތްވަރުގެ ސަބަބުން،" ޑިއޯން ބުންޏެވެ.

މަޝްހޫރު މި ލަވަކިޔުންތެރިޔާ އެންމެ ފަހުން ފުރިހަމަ ކޮންސަޓެއް ދީފައިވަނީ 2020 ވަނަ އަހަރު އޭނާ ކުރިއަށްގެންދިޔަ "ކަރޭޖް ވޯލްޑް ޓުއާ"ގައެވެ. ނަމަވެސް، ނާރުގެ ނާދިރު ބައްޔެއް ކަމަށްވާ "ސްޓިފް ޕާސަން ސިންޑްރޯމް" (އެސްޕީއެސް) ތަހައްމަލުކުރަން ޖެހުމާ ގުޅިގެން، 2022 ވަނަ އަހަރު އުތުރު އެމެރިކާގައި ބޭއްވުމަށް ތާވަލުކުރި ހުރިހާ ޝޯތަކެއް ކެންސަލްކުރަން އޭނާއަށް މަޖުބޫރުވިއެވެ.

ލަވަކިޔުންތެރިޔާ ސެލީން ޑިއޯން ފްރާންސްގެ ޕެރިހުގައި ބޭއްވި ޝޯގައި އޯޑިއަންސާ މުޚާތަބްކުރަނީ -- ފޮޓޯ/ އެކްސް

އެސްޕީއެސް އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން، ނާރުގެ ދުޅަހެޔޮ ސެލްތަކަށް ހަމަލާދީ، މަސްތައް ހަރުވެ އަދި ވަރަށް ބޮޑަށް ވާންވެ ތަދުވާ ބައްޔެކެވެ. މި ބައްޔަށް މިހާތަނަށް ފުރިހަމަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. މި ބަލި ދެނެގަނެވުނު ފަހުން އާންމުންގެ ތެރެއަށް ނުކުމެ އުޅުން މަދުކޮށްފައިވާ ޑިއޯން މީގެ ކުރިން ފެނިފައިވަނީ މަދު ހަރަކާތްތަކަކުންނެވެ. އެއީ ކޮވިޑް-19ގެ ދުވަސްވަރު ސިއްހީ ޚިދުމަތްތެރިންނަށް އެހީވުމަށް ބޭއްވި ވާޗުއަލް އިވެންޓަކުންނާއި، 2024ގެ ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުން އަދި ސައޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި ފެޝަން ޝޯއަކުންނެވެ.

ހޮނިހިރު ދުވަހުގެ ޝޯއަކީ ޕެރިހުގެ ޕްލެނިޓިއުޑް އެރީނާގައި ޑިއޯން ދިނުމަށް ހަމަޖެހިފައިވާ 26 ޝޯގެ ތެރެއިން ފުރަތަމަ ޝޯއެވެ. މި އިވެންޓަށް އޮތް ބޮޑު ތަރުހީބާ ގުޅިގެން ޝޯތަކުގެ އަދަދު އިތުރުކުރިއިރު، ވިއްކަން ހުޅުވާލި ގާތްގަނޑަކަށް 1.17 މިލިއަން ޓިކެޓް ވަނީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި މުޅިން ވިކި ހުސްވެފައެވެ.

comment ކޮމެންޓް