ދ. ކުޑަހުވަދޫގައި އަމިއްލަ ކުންފުންޏަކުން ހިންގާ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ނިންމައިފިއެވެ.
މަންތާ އެއާއިން ހިންގާ އެ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަން އަންގާފައިވާ ކަމަށް ކުޑަހުވަދޫ ކައުންސިލުން މިއަދު ވަނީ ބުނެފައެވެ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސަލީމް "ސަން" އަށް ވިދާޅުވި ގޮތުގައި، މޯލްޑިވިއަންއާއެކު މަޝްވަރާކުރަން ފެށީ މަންތާގެ ޝެޑިއުލް ދަތުރުތައް ނޯންނާތީއެވެ. އަދި އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން މޯލްޑިވިއަންއިން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސީދާ އެގެޒެކްޓް ތާރީޚެއް ނޭންގެ ސީދާ މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށާނެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާފަ އިނީ މިމަހުގެ 13 (މިއަދު) އާއި 17 އާއި ދެމެދުގެ ތާރީޙެއްގައި ދަތުރުތައް ފަށާނެކަމަށް. ދެން މޯލްޑިވިއަން އިން ވިދާޅުވެފަ އޮތީ 13 ވަނަ (މިއަދު) ދުވަހުން ފެށިގެން ބުކިން ލިސްޓަށް ޕޯޓަލް އިން ނަން ނޯޓުކުރެވޭނެ ކަމަށް. އެކަން އެބަ ވޭ އެހެން ނަމަވެސް އަދި ޝެޑިއުލް އެއް ނުފެނޭ ޕޯޓަލް އަކުން،" ސަލީމް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ވެބްސައިޓުގައި ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި މިހާރު ކުޑަހުވަދޫ ވަނީ ހިމަނާފައެވެ. ކުރިން އެ އެއާޕޯޓެއް އެ ވެބްސައިޓްގެ ބުކިން ބައިގައި ނީނދެއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ އޮފިޝަލުންނާ ސުވާލުކުރުމުން، ވަރަށް އަވަހަށް އެ ތަފްސީލުތައް ހާމަކުރާނެ ކަމަށް ވިދާޅުވުން ފިޔަވައި އިތުރު ތަފްސީލެއް ނުދެއްވައެވެ.
އަނެއްކޮޅުން، މަންތާ އެއާގެ އޮޕަރޭޝަންސްއަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން އެ ކުންފުނިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މަންތާ އެއާގެ ޑޮމެސްޓިކް ދަތުރުތައް މި ފަހުން މަދުކޮށްފައިވާއިރު، މޯލްޑިވިއަންއިން އަންނަނީ މަންތާއިން އެދިގެން ކުޑަހުވަދުއަށް ޗާޓަރު ދަތުރުތަކެއް ކުރަމުންނެވެ. ކުޑަހުވަދޫ އެއާޕޯޓަކީ އެ އަތޮޅުގެ މަތީ ފަންތީގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމަށާއި، މާލެއާއި އަތޮޅާ ދެމެދު ދަތުރުކުރާ ދިވެހިންނަށް ވަރަށް މުހިންމު އެއާޕޯޓެކެވެ. މީގެ ކުރިން އެ އެއާޕޯޓަށް ދަތުރުކުރަމުން ދިޔައީ ހަމައެކަނި މަންތާ އެއާއިންނެވެ. އެއީ އެ އެއާލައިންގެ ހަބެވެ.