ބިސްބުރު ޓީމު ގައުމީ ޖާޒީގައި ކުޅުނު މައްސަލަ ހޫނުވެ ބޮޑު ބަހުސަކަށް

ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާއި ބިސް ބުރު ބައްދަލުކުރި މެޗުގައި ބިސް ބުރުން ގައުމީ ޓީމުގެ ނޫ ކުލައިގެ ޖާޒީ ލައިގެން ކުޅެނީ-- ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަލަށް ޕްރޮމޯޓްވި ބިސް ބުރު ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ބައްދަލުކުރި މެޗުގައި، ބިސް ބުރު ސްޕޯޓްސް ކްލަބުން ގައުމީ ފުޓުބޯޅަ ޓީމުގެ ނޫ ކުލައިގެ ޖާޒީ ބޭނުންކުރި މައްސަލަ ހޫނުވެއްޖެއެވެ.

މިއީ ދިވެހި ފުޓުބޯޅައިގެ ތާރީޚުގައިވެސް އާންމުކޮށް ފެނިފައިނުވާ އަދި ހިނގައިގެންވާނެ ކަމެއް ނޫން ކަމަށް ބުނެ، ގިނަ ފަރާތްތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މި މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ގައުމީ ޓީމުގެ ޖާޒީ ބޭނުންކުރަން ޖެހުނު މައިގަނޑު ސަބަބަކީ، އެ މެޗަށް ބިސް ބުރުން ތައްޔާރުކޮށްގެން ގެނައި ޖާޒީގެ ކުލަ، އިދިކޮޅަށް ކުޅުނު އީގަލްސްގެ އޮރެންޖް ޖާޒީއާ އެއްގޮތްވުމުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާއި ބިސް ބުރު ބައްދަލުކުރި މެޗުގައި ބިސް ބުރުން ގައުމީ ޓީމުގެ ނޫ ކުލައިގެ ޖާޒީ ލައިގެން ކުޅެނީ-- ފޮޓޯ: އެފްއޭއެމް

ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގައި ޖާޒީގެ ކުލަ އެއްގޮތްވެ، މެޗު ނުކުޅެވިގެން ގައުމީ ޓީމުގެ ޖާޒީއެއް ބޭނުންކުރަންޖެހުމަކީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކާއި ކްލަބްތަކުގެ އިންތިޒާމީ ފެންވަރާމެދު ގިނަ ސުވާލުތަކެއް އުފެދިގެންދިޔަ ކަމެކެވެ. ގައުމީ ކޮންމެ ކުޅުންތެރިއަކުވެސް ގައުމީ ޖާޒީގައި ކުޅެނީ ބޮޑު ފަޚުރަކާއި ޝަރަފަކާއެކުގައެވެ.

މި މައްސަލައާ ގުޅިގެން ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސިފަކޮށްފައެވެ.

"އަހަންނަށް ގަބޫލުކުރެވެނީ މިއީ ސީރިއަސް ކަމެއްގެ ގޮތުގައި. އެއީ ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ޖާޒީއަށް އެ ކުރެވުނީ ބޭއިހުތިރާމު" ނިޒާމްބެ ގެ ފޭސްބުކް ސްޓޭޓަސްގައި ވެއެވެ.

ގައުމީ ޖާޒީގައި ގައުމު ތަމްސީލުކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ފަޚުރުވެރިކަމާއެކު ކުރާ ކަމެއް ކަމަށާއި، އެ ނޫން ހައިސިއްޔަތަކުން އެ ޖާޒީ ބޭނުންކުރުމަކީ އަޅާނުލައި ދޫކޮށްލެވިގެންވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާއި ބިސް ބުރު ބައްދަލުކުރި މެޗުގައި ބިސް ބުރުން ގައުމީ ޓީމުގެ ނޫ ކުލައިގެ ޖާޒީ ލައިގެން ކުޅެނީ-- ފޮޓޯ: އެފްއޭއެމް

އޭގެ އިތުރުން ނިޒާމްބެ ވަނީ މިއީ ހަމައެކަނި މެޗެއްގެ ތެރޭގައި ހިނގާދިޔަ ކަމެއްގެ ގޮތުގައި ދޫކޮށްނުލައި، އެކަމުގެ އަޑީގައިވާ އިދާރީ މައްސަލަތަކަށް އަލިއެޅުވުމަށް ގޮވާލާފައެވެ.

"އެ ހިނގާދިޔަ ކަންތަކުން ސީރިއަސް ސުވާލުތަކެއް އުފެއްދޭނެ ޖާގަ އެބައޮތް. އެއީ އޮގަނައިޒް ކުރުމުގެ ފެންވަރާ ދޭތެރޭ އުފެދޭ ސުވާލު. އަދި ގައުމީ ޓީމުގެ އޮނިގަނޑު ތެރޭގައި ޕްރޮފެޝަނަލްކަން އޮތް މިންވަރާއި އެންމެ މަތީ ފަންތީގެ މުބާރާތްތަކުގެ ހައިބަތާ ދޭތެރޭ އުފެދޭ ސުވާލު. ގައުމީ ޖާޒީއަކީ ޒިންމާއާއި ގަދަރު އަދި އިހުތިރާމު ރަމްޒުކޮށްދޭ ޖާޒީއެއް. އެކަމަށް ކުޅުންތެރިންނާއި އޮފިޝަލުން އަދި އެޑްމިނިސްޓްރޭޓަރުންނާއި ގައުމީ އެސޯސިއޭޝަނުންވެސް ވިސްނަން ޖެހޭނެ،" ނިޒާމްބެ ބުންޏެވެ.

މި މައްސަލަ ސްޕޯޓްސް ކައުންސިލާއި ސްޕޯޓްސް މިނިސްޓްރީންވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެކަމަށް ޒިންމާވާންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިޒާމްބެ ވަނީ ގޮވާލާފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސްއާއި ބިސް ބުރު ބައްދަލުކުރި މެޗުގައި ބިސް ބުރުން ގައުމީ ޓީމުގެ ނޫ ކުލައިގެ ޖާޒީ ލައިގެން ކުޅެނީ-- ފޮޓޯ: އެފްއޭއެމް

ނަމަވެސް މިކަން ދިފާއުކޮށް ބައެއް ފަރާތްތަކުން ވަނީ މިއީ ބޮޑު ކަމެއް ނޫންކަމަށް ބުނެފައެވެ. ނަން ހާމަކުރަން ބޭނުންނުވާ ފުޓުބޯޅައިގެ އިސް ފަރާތެއް ބުނީ މިފަދަ ހާލަތްތަކުގައި މިއީ ކުޅެވޭނެ ގޮތެއް ކަމަށް ދެކޭ ކަމަށެވެ.

ދިވެހި ފުޓުބޯޅައިގެ ނަން ދެމެހެއްޓުމަށާއި، ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދުމަށްޓަކައި، އެންމެ މަތީ ފެންވަރުގެ މުބާރާތްތަކުގެ އިންތިޒާމުތައް މިއަށްވުރެ ހަރުދަނާކޮށް، ޒިންމާދާރުކަމާއެކު ކަންކަން ކުރުމަކީ މަޖުބޫރު ކަމެކެވެ.

comment ކޮމެންޓް