މެލޭޝިއާ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރައްވަނީ

މެލޭޝިއާ ބޮޑުވަޒީރު އަންވަރާއި ރައީސް މުއިއްޒު ސަލާންކުރައްވަނީ: މެލޭޝިއާ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މުހިންމު ދާއިރާތަކުގެ ފަހުމުނާމާތަކުގައި ސޮއިކުރައްވަން ވަނީ ހަމަޖެހިފައި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

މި ރަސްމީ ދަތުރުފުޅުގައި އަންވަރު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހަފުތާ ހޯމަ ދުވަހުގެ ރެއެވެ. އަދި ފުރާވަޑައިގަތުމަށް ނިންމަވާފައިވަނީ ޖެހިގެން އަންނަ އަންގާރަ ދުވަހުއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އަންވަރުގެ ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށެވެ.

https://sun.mv/227126

މި ވާހަކަފުޅުތަކުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ބޮޑުވަޒީރު އަންވަރާއި ރައީސް މުއިއްޒު --- ފޮޓޯ/ ރައީސް އޮފީސް

މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރައްވާނެ ކަމަށާއި އެ ރަސްމިއްޔާތުގައި ދެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެކަން ރައީސް އޮފީހުން ފާހަގަކުރިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރައްވަން ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، ދެ ޤައުމުގެ ދެމެދުގައި އަދި ދެޤައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، މަތީ ފަންތީގެ ބައްދަލުވުންތަކުގެ އިތުރުން ތަރައްޤީގެ އެކި ދާއިރާތަކުން ދެމިގެންވާ ގާތް ރަޙްމަތްތެރިކަމެއް ވަނީ ގާއިމުކުރެވިފައެވެ.

comment ކޮމެންޓް