"ނަމާދާއި ޒިކުރުން ކެތްތެރިކަން ހޯދަން މަސައްކަތްކުރާށެވެ. ދުނިޔޭގައި ކުރިމަތިވާ އިމްތިހާންތަކާއި ކުރިމަތިލާން ފަސޭހަވާނީ އޭރުންނެވެ."
***
އެނުރައްކާތެރި ވަގުތުކޮޅު ވައިރޯޅިއެއް ފަދައިން އައި މީހަކު އޮލީވިއާގެ ކުރިމައްޗަށް އެރިއެވެ. އެމީހެއްގެ އަތުގައި އޮތް އައްޑަނަ ނެގުމާއެކު އެ ޖަނަވާރުގެ ހަމަލާތަކުން އޮލީވިއާ ސަލާމަތްކޮށްދޭން މަސައްކަތްކުރިއެވެ. އެޒުވާނާގެ ހަށިގަނޑުގައި ހުރި ބާރުގަދަކަމާއި މޫނު ނިވާކޮގެން ހުއްޓަސް އެ ލޮލުގައި ހުރި ހިތްވަރު ފެނި އޮލީވިއާގެ ހިތްވެސް ހުއްޓުނުފަދައެވެ. ޒުވާނާ އެ ޖަނަވާރާ ދެކޮޅަށް ކުރި ހަނގުރާމަ ހީވީ ހުނަރުވެރި ނެށުމެއް ހެންނެވެ. އެންމެ ފަހުން އެޒުވާނާ އެ ޖަނަވާރަށްވެސް އަނިޔައެއްނުދީ ދުރަށް ފޮނުވާލުމަށްފަހު އޮލީވިއާގެ ކައިރިއަށް އައިސް އިހުތިރާމާއެކު އަތް ދިއްކޮށްލިއެވެ.
"ފަޔަށް އަނިޔާއެއްވިތަ؟ ހިނގޭނެތަ؟"
"ނޫން....އަނިޔާއެއްނުވޭ..."އޮލީވިއާ މަޑުމަޑުން ވިދާޅުވިއެވެ.
"އެކަމަކު ހިތަށް އަނިޔާވެއްޖެ.."އެ ޖުމްލަވީ އެކަމަނާގެ ހިތްޕުޅުގައެވެ.
ލަޝްކަރު ކޭމްޕްކޮށްފައިވާ ހިސާބަށް ވަޑައިގަންނަވަން މަގު ދައްކާދީފައި އެޒުވާނާ ދިޔައިީ އޮލީވިއާގެ ހިތްޕުޅުވެސް ހިފައިގެންނެވެ. އެކަމަނާއަކީ ޖެހިލުންކުޑަ ކެރޭ ބޭފުޅަކަށްވިޔަސް އެ ޒުވާނާގެ މައުލޫމާތު އަހާނެ ހިތްވަރެއްވެސް ލިބިވަޑައެއް ނުގެންނެވިއެވެ. ފޭލިގެއަށް ވަޑައިގަތްއިރު މަންމާފުޅުވެސް އިންނެވީ އެކަމަނާގެ ޚަބަރެއްނުވެގެންނެވެ. ފަރިއްކޮޅު ތައްޔާރަށް ހުއްޓަސް ފަރިއްކުޅުއްވުމެއްނެތި އޮށޯވެ ވަޑައިގެން ހުވަފެނީ އާލަމެއްގައި އޮންނެވިއެވެ. އެހެން އޮންނެވިއިރު އެ ޒުވާނާގެ މައުލޫމާތު ނުހޯދެއްވުނީތީ އަމިއްލަ ނަފުސަށް މަލާމާތްކުރެއްވިއެވެ. ޚިޔާލަށް އަންނަނީ އެ ޒުވާނާގެ ބާރުގަދަކަމެވެ. އެޖަނަވާރާއި ޖެހިލުމެއްނެތި ކުރިމަތިލާ ބަލިކޮށް އެސޮރު ކިޔަމަންކުރުވާފައި ވަލުތެރެއަށް ފޮނުވައިލުމުން އަދި ވަކިން ހިތްޕުޅަށް އަސަރުކުރިއެވެ. ބަސްފުޅެއް ވިދާޅުނުވެ އޮތުމުން އާލާސްކަންފުޅާއިކަމަށް ހީކޮށް މާގްރެޓް ސުވާލުކުރެއްވިއެވެ. އެކަމަނާގެ ޖަވާބަކީ ހާލު ރަަގަޅުކަމަށެވެ. މައްސަލަ އުޅެނީ ހިތުގައޭ މަންމައަރިހު ދަންނަވާކަށް ނުކެރުނެވެ.
***
ޒާއިމް ނަމާދުފުޅު ޖަމާއަތުގައި ކުރެއްވުމަށްފަހު ފޭލިގެކޮޅަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނު އެތަނުގައި ހޭދަކުރައްވާ ވަގުތުތައްވެސް ތަފާތެވެ. އެތަނުގެ މާހައުލުވަނީ އަމާންކަމުން ފުރިފައެވެ. މުސައްލަމަތީގައި އިށީދެވަޑައިގެން ފުން އަޑަކުން ﷲގެ ކަލާމްފުޅު ކިޔަވާ ވިދާޅުވަމުން ދިޔައީ މަޚުރަޖުންނެވެ. އެ އަޑުފުޅުގައިވަނީ އަޑުއެހި ކޮންމެ މީހަކު ސިހުރުގައ ޖައްސައިލާފަދަ އަސަރެކެވެ.
"ﷲގެ ޙަޟުރަތުން ވާގި އެދެން.... އަޅަމެންގެ ހިތްތަކަށް ހަމަޖެހުން ދެއްވާށިއެވެ...އަދި ނަސްރު ދެއްވާދޭވެ..."
އެމަނިކުފާނު ޤުރުއާން ކިޔަވާ ވިދާވެ ނިމުމުން ކަނޑިކޮޅު ނަންގަވައި ސާފުކުރައްވަން ފެށްޓެވިއެވެ. އެ ކަނޑީގެ ތޫނުކަމާއިއެކު އެމަނިކުފާނުގެ ހަށިކޮޅުގެ ވަރުގަދަކަމުން ދައްކައިދެނީ ކޮންމެ ފަދަ ހަނގުރާމައަކާ ވެސް ކުރިމަތިލައްވާން ތައްޔާރު ހުންނެވި ޒުވާން ބޭފުޅެއްކަމެވެ.
ޒާއިމްއާއި ހާލާއަށް ފަރިއްކޮޅު ހިފައިގެން ޚާދިމާއެއް އައުމުން ފަރިއްކުޅުއްވަން އިށީދެވަޑައިގެންނެވިތަނާ ޒައިމްގެ ފައިންޕުޅުގައި އޮޅާލާފައިވާ ފޮތިގަނޑު ލޭފޮދުން ދެމެމުންދާތަން ފެނި ހާލާ ސިހިވަޑައިގަތެވެ. އެއީ ހަގީގަތުގައި އޮލީވިއާ ސަލާމަތްކުރުމުގެ ތެރޭގައި ލިބިވަޑައިގެންނެވި ޒަޚަމެކެވެ. ހާލާގެ މޫނުފުޅުމަތީގައި ވަނީ ކަންބޮޑުވުމެވެ.
"ޒާއިމް.........ތިޔަ ޒަޚަމް މިހާރު ފެންނަނީ ވަރަށް ފުންކޮށް.....އަދި ތިޔަ ހުންނެވީ ވަރަށް ފިނިވެސް ވެފައި..ބޭސް އަޅާދޭނަން........"ގާލާ އެމަނިކުފާނުގެ ނިތްކުރީގައި އަތްޕުޅު ޖައްސަވާލެއްވިއެވެ.
"އިހަށް ކައިގެން އެހެން ކަމަކާއި އުޅޭނީ." ޒާއިމް އެކަމަނާގެ އަތްޕުޅުގައި ހިފަހައްޓަވައިލެއްވިއެވެ."ހަގުރާމަ ނުފަށަނީސް މިފަދަ ގޮތަކަށް ޒަޚަމް ވީމަ ހާލާ ކީކޭ ހިތަށް އެރީ؟"
"އެއްގޮތަކަށްވެސް ނޭގުނު...ވިދާޅުވީމަ އެނގޭނީ....ބޭސްވެރިއަކު އަންބެއްކަމުގައިވީމަ އެއްވެސް ކަމެއް ސިއްރުކުރައްވާކަށް ނުވާނެ...."
"މިއީ އާދައިގެ ޒަޚަމެއް.."އެމަނިކުފާނު ހިނިފުޅު ވަޑުވައިލެއްވިއެވެ.
އެމަނިކުފާނު ޖަންގަލިތެރެއިން ދިމާވެ ވަޑައިގަތް ހާދިސާ ކިޔާދެއްވިއެވެ. ހާލާ ހުންނެވީ ހައިރާންފުޅުވެފައެވެ. ޒާއިމްގެ ކުޅަދާނަކަމަކީ އެންމެންވެސް ހައިރާންކޮށްލާފަދަ ކަމަކަށްވެފައި އެހާ ޒުވާން އިރު އެތައް މުސްލިމުންނެއްގެ ބަތަލަކެކެވެ. ނަމަވެސް ވަލު ޖަނަވާރަކު އެގޮތަށް ބަލިކުރައްވާފައި އެސޮރު ފިލައިގެން ދިޔުމަކީ ހަމަ އަޖައިބުކުރުވަނިވިކަމެކެވެ. ހާލާ ލަސްނުކޮށް އެކަމަނާގެ އަތްޕުޅުގައިވާ ހަކީމީ ދަބަސް ހުޅުވާލެއްވުމަށްފަހު ގަސްތަކުން ހަދާފައިވާ ބޭސްފަރުވާގެ މާއްދާތައް ނެންގެވިއެވ.ޒަހަމްމަތީގައި އުނގުޅައިލެއްވުމުން ފިނިކަމައި އަރާމުކަން އިހުސާސްވެ އެމަނިކުފާނު ލޯފުޅު މަރައިލެއްވުނެވެ.
"ހަށިގަނޑުގެ ހޫނުކަން ހިފަަހައްޓައިދޭނެ މި ހޫނު ގަހުވައިން..."
"މިހާވަރަށް ލޯބިވާ އަޅާލާ އަންބަކު ލިބުމަކީ ހަމަ ވަރަށް ބޮޑު ނިއުމަތެއް..... ހިތްވަރެއް..."ޒާއިމް ވިދާޅުވިއެވެ. ދެ ބޭފުޅުންވެސް އޮށޯވެ ވަޑައިގެން ތިއްބެވީ ފޭލިގޭގައި ހަދާފައިވާ ދާންކޮޅުމަތީގައެވެ. ބޭރުގައި ރޯކޮށްފައިވާ އަލިފާންގަނޑުން ހޫނާއި އެކު ކޮންމެވެސް ވަރެއްގެ އަލިކަމެއް ފޯރުކޮށްދެއެވެ.
"މިހާރު މަނިކުފާނުގެ ޕްލޭނަކީ ކޮބައިތޯ "
"މިވިސްނަނީ ހަމަ މާދަމާވެސް ދުޝްމިނުންނަށް ހަމަލާދިނުން.....އަދި ރަސްގެފާނު އިތުރު ލަޝްކަރެއް ފޮނުވާނެކަމުގެ އުއްމީދު އެބައޮތް...މި ލަޝްކަރުގައިވެސް އެބަތިބި ކުޅަދާނަ އަސްވާރުން....ހިތްވަރުގަދަ ތަޖުރިބާހުރި ހަގުރާމަވެރިން....މޮޅުވާނީ އަދަދު ގިނަވެގެނެއްނޫން...އެކަނިހުއްޓަސް ދީނުގެ މަގުގައި މި ކުރާ ހަނގުރާމަ ހުއްޓައެއްނުލާނަން...."ޒާއިމްގެ ސިކުނޑީގެ ޚަޒާނާގައި ބައްޕާފުޅުގެ ވާހަކަތައް ރައްކާކުރައްވާފައިވެއެވެ. އެހެން މީހަކާއި ހިއްސާނުކުރެއްވިކަމުގައި ވިޔަސް ބައްޕަ ކުއްލިއަކަށް އަވަހާރަވުމަކީ ގުދުރަތީ ކަމެއް ނޫންކަމާއި އެހެންމީހެއްގެ އަތެއްކަމުގައިވާ ކަމެއް ގަބޫލުކުރެވި އެމީހަކު ނޫނީ ބަޔަކު ހޯއްދަވަންވެސް ސިއްރިއްޔާތުގައި މަސައްކަތްކުރައްވައެވެ.
"އަޅުގަނޑު ހަމަ ހިތަށް އަރަނީ ބޭބޭފުޅު އާލާސްކަންފުޅާއި ކަމަށް ވިދާޅުވެ އުޒުރުދެއްކެވީ ކީއްވެގެންތޯ؟ ބޭބޭފުޅު ހަމަ ބަރާބަރަށް ހުންނެވީ..ސިއްހަތު ރަގަޅުކަމަށް ފެންނަނީ......"
ޒާއިމް ހިނިފުޅު ވަޑުވައިލެއްވިއެވެ.
އާލަމްއަކީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅުކަމުގައިވިޔަސް އެ ދޭތެރޭގައި ފޮރުވިފައިވާ އުދަގޫ އިހުސާސްތަކެއްވެއެވެ. އާލަމް އުޅުއްވަނީ ބީރައްޓެއްސެއްފަދައިންނެވެ. ދީނީ ކަންތައްތަކާއި ދުރުހެލިވެ އެމަނިކުފާނު ގެންދަވަނީ ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލެމުންނެވެ. ހަގުރާމައާއި ޖިހާދަކީ އާލަމް ގަބޫލުކުރައްވާކަމެއްނޫނެވެ. ކާފަރުންގެ އަޅެއްގެ ގޮތުގައި ހުންނެވުންވެސް އެއަށްވުރެ އާލަމްއަށް ރަގަޅެވެ. ނަމަވެސް ޒާއިމް ހާލާގެ ހިތްޕުޅު ކިލަބުކުރައްވަން ބޭނުންފުޅެއްނުވިއެވެ.
***
ހަނގުރާމައިގެ ބިރުވެރިކަމާއި އަނދިރިކަމުގެ ހިޔަނި މުޅި މައިދާނަށް ވެރިވެފައިވާއިރު ވައިރޯޅިތައް ހަމަލާދެމުންދިޔައީ ކޭމްޕުގެ ދަނޑިތަކަށާއި ރޯކޮށްފައިވާ ބޮޑެތި އަލިފާންގަނޑުތަކަށެވެ. ހަނދުވަރުގެ އުޖާލާކަމުގެ ތެރޭގައި މުސްލިމް ހަނގުރާމަވެރިން ފިނިން ސަލާމަތްވާން ރަޖާތައް އޮޅާލައިގެން ތިބިއިރު ހިތްތަކުގައި ބިރުވެރިކަމާއި ވަރުބަލިކަން އުފެދެން ފަށާފައެވެ. ސަބަބަކަށްވީ ޖާސޫސެއްގެ ވާހަކައެވެ. އީސާއީން ހަނގުރާމައަށް އެކި ޝަހަރުތަކުން ހަނގުރާމަވެރިން އެއްކޮށް މުސްލިމުން އެއްކޮށް ނައްތައިލަން އުޅޭ ކަމަށް އެ ޖާސޫސް ބުނެފައިވިއެވެ.
ޒާއިމް އެންމެންގެ ކުރިމައްޗަށް ނުކުމެ ވަޑައިގެން ތަންކޮޅެއް އުސްކޮށް އޮތް ހިލަގަނޑެއްގެ މަތީގައި ހުއްޓިވަޑައިގަތެވެ. އެމަނިކުފާނުގެ އަރިހުގައި މޫނުފުޅު ފޮރުވައިގެން ހުންނެވީ ހާލާއެވެ.
ޒާއިމް ގެ އަތްޕުޅުގައިވާ ކަނޑިކޮޅު ހިލަމަތީގައި ޖައްސަވާލެއްވުމަށްފަހު މުޅި ލަޝްކަރަށް ނަޒަރު ހިންގަވައިލެއްވިއެވެ. އެމަނިކުފާނުގެ އަޑުފުޅުގައިވީ މުޅި ފަރުބަދަތައްވެސް ގުގުމައިގެންދާ ފަދަ ވަރުގަދަކަމެވެ. ޖޯޝާއި ފޯރިގަދަ ވައުޟެކެވެ.
"އަހަރެންގެ ލޯބިވާ އަޚުންނާއި އުޚުތުން.........." ޒާއިމްގެ އަޑުފުޅުގައިވަނީ އީމާންކަމުގެ ފުން އަސަރެކެވެ. "ތިޔަބައިމީހުންގެ ދެލޮލުން އަހަރެންނަށް މިވަގުތު މި ފެންނަނީ ކަންބޮޑުވުމާއި ހާސްކަން..އެކަމުގެ ސަބަބުވެސް އެނގޭ.... ދުޝްމަނުންގެ ލަޝްކަރުގެ ބޮޑުކަމާއި އެމީހުންގެ ދަނގަޑު ހެދުންތަކުގެ ގިނަކަން ފެނިގެން ހިތްތައް ރޫރޫއެޅިނަމަވެސް ހިތްވަރަކީ މުސްލިމުންގެ ހަތިޔާރު.... ހަނދާންކުރަންވީ އިސްލާމީ ތާރީޚުގައި މުސްލިމުން ކާމިޔާބު ހޯދީ އެމީހުންގެ ޢަދަދުގެ ގިނަކަމަކުންނެއް ނޫންކަމާއި އެމީހުންގެ ހަތިޔާރުގެ ވަރުގަދަކަމަކުން ނޫންކަން....."
ޒާއިމް އުޑުމައްޗަށް އިނގިލިފުޅު އުފުލާލެއްވިއެވެ.
"މުސްލިމުންނަށް ނަސްރު ދެއްވަނީ ﷲ ތައާލާ....ހުރިހާ މަދަދަކާއި ނަސްރެއް ދެއްވަނީ ހަމަ އެފަރާތުން...ﷲގެ މަގުގައި ހަނގުރާމަކުރާ މުޖާހިދުންނަށް ނަސްރު ދެއްވާނެކަން ތާރީޚު ހެކިކޮށްދޭ..."
"ބަދްރުގެ މައިދާނުގައި ތިންސަތޭކަ ތޭރަ މުޖާހިދުން ހާހަކަށްވުރެ ގިނަ ދުޝްމަނުންގެ މައްޗަށް ނަޞްރު ހޯދީ ކިހިނެއް؟ އެއީ އެބޭކަލުންގެ ހިތްތަކުގައި ﷲ ތައާލާ އަށް އޮތް ނުގުޑާފަދަ އީމާންކަމުގެ ސަބަބުން....... ޔަރްމޫކާއި ގާދިސިއްޔާގެ މައިދާނުގައި ކާފަރުންގެ ބިޔަ އެމްޕަޔަރުތައް ބިމާހަމަކޮށްލީ..... މުސްލިމުން މަރަށް ބިރުނުގަނެ ﷲ ގެ މަގުގައި ޝަހީދުވުމަށް އޮތް ލޯބީގެ ބޮޑުކަމުން..އަހަރެމެން އެބޭކަލުން ހިންގެވި މަގުން ހިނގަންވީ....މުސްލިމުން ނިކަމެތިވިޔަނުދޭން އޮތް ހަމައެކަނި ގޮތަކީ އެއްބައިވަންތަކާއިއެކު އެންމެން އެކަތިގަނޑަކަށްވެ އެބޭކަލުންފަަދައިން އީމާންތެރިކަން ވަރުގަދަކޮށް ހިތްވަރުކުރުން........"
ހަނގުރާމަވެރިންގެ ދެލޮލުން ކަރުނަ ހިލި ހިތްތަކުގެ ތެޅުން އިތުރުވިއެވެ.
"އަހަރެމެން މިތިބީ ހަމައެކަނި ބިން ދިފާޢުކުރާކަށް ނޫން......." ޒާއިމްގެ އަޑުފުޅު އިތުރަށް ބާރުވިއެވެ. "އަހަރެމެން މި ކުރާ ހަނގުރާމައަކީ ޙައްޤާއި ބާޠިލުގެ ދެމެދުގައި ކުރެވޭ ހަނގުރާމައެއް..އަހަރެމެންގެ ފަހަތުގައިވަނީ އަހަރެމެންގެ ދީން. އަހަރެމެންގެ އާއިލާތައް..އަދި އަހަރެމެންގެ ޢިއްޒަތް..... މާދަމާގެ އިރުއަރާއިރު ދުޝްމަނުންނަށް ފެންނަންޖެހޭނީ މަރަށް ބިރުން ފިލާނެ ބަޔެއް ނޫން. އެމީހުންނަށް ފެންނަންޖެހޭނީ ﷲ ގެ ނަސްރަށް ފުރިހަމައަށް އިތުބާރުކޮށްގެން ތިބި... ސިންގާތަކެއް ފަދަ މުޖާހިދުން......"
"އަހަރެމެންގެ ކާބަފައިން މި އަންދަލުސްގެ ބިން ފަތަހަކުރި ގޮތް ތިޔަބައިމީހުން ހަނދާން އެބަހުރިހެއްޔެވެ؟"
ޒާއިމް ލަޝްކަރުގެ ކުރީ ސަފުގައި ތިބި ޒުވާނުންގެ މޫނުތަކަށް ބައްލަވައިލެއްވިއެވެ. "ތާރިގު ބިން ޒިޔާދަކީ ޒުވާން މުޖާހިދެއް...އެކަލޭގެފާނު ކުޑަ ލަޝްކަރަކާއެކީގައި މި ބިމަށް ފައިބާވަޑައިގެންފާ އޮޑިތަކުގައި އަލިފާން ޖައްސަވާ އަންދަވާލެއްވިކަމަށް ކިޔާ އުޅޭ..އެކަލޭގެފާނު ވިދާޅުވީ މިހެން..."ޢަހަރެމެންގެ ފަހަތުގައިވަނީ ކަނޑު..ކުރިމަތީގައިވަނީ ދުޝްމަނުން....އަހަރެމެންނަށް އޮތީ ސާބިތުކަމާއެކު ހަގުރާމަކުރުން..."
"އަޚުންނޭ...އެނގޭތަ؟ތާރިގުމެންނަށްވެސް ނަސްރު ލިބުނީ އަދަދު ގިނަވެގެނެއްނޫން..އެއީ ތަގުވާވެރިކަމާއު ﷲއަށް އޮތް ފުރިހަމަ ތަވައްކުލްގެ ސަބަބުން އިސްލާމީ އުންމަތަށް ލިބުނު އިއްޒަތެއް..އެދުވަހު ތާރިގު ވެ ވަޑައިގެންނެވި ގުރުބާނީ ހަނދާންނައްތަލާފައި މުސްލިމުން މިއަދު މިވަނީ ދުނިޔޭގެ ދަޅަތަކަށް ހެއްލެމުން.."
ޒާއިމްގެ އަޑުފުޅު މަޑުވެ މާޔޫސްކަމުގެ ނިޝާނެއް ހިނދުކޮޅަކަށްނަމަވެސް ލޯފުޅުން ފެނިގެންދިޔައެވެ.
"ނަމަވެސް މިއަދު އަހަރެމެންގެ ޙާލަތާމެދު ނިކަން ވިސްނާލަބަލަ.... އަހަރެމެންނަށް ނާކާމިޔާބީއާ ކުރިމަތިލާން މިއަދު މިޖެހުނީ ކީއްވެ؟ އެއީ މުސްލިމުންގެ ހިތްތަކުން ﷲ ގެ ބިރުވެރިކަން ކުޑަވުމުން..އަހަރެމެންގެ ވެރިންނާއި ރައްޔިތުން ރަލުގެ މަސްތުގެ ތެރެއަށް ގެނބި ފާޙިޝް ކަންކަމާއި ދުނިޔޭގެ އެދުންވެރިކަމުގައި ޣާފިލުވަމުން މިދަނީ......ﷲ ގެ ދީނަށް އަހަރެމެން ފުރަގަސްދިނުމުން އެކަލާނގެ އަހަރެމެންގެ މައްޗަށް ދުޝްމަނުން ބާރުވެރިކުރެއްވީ..."
މުޅި ލަޝްކަރަށް ކުއްލި މަޑުމޮޅިކަމެއްވެރިވުމާއެކު އިސްޖެހި ތައުބާގެ ކަރުނަ ދެލޮލުން ހިލެން ފެށިއެވެ.
"އެކަމަކު އުންމީދު ކަނޑާލާކަށް ނުވާނެ....އަދިވެސް ވަގުތު އެބައޮތް އިންޝާﷲ..........."ޒާއިމް ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. "ހަނގުރާމައިގެ މައިދާނުގައި ނަޞްރު ލިބުމާއި ބަލިވުމަކީ އިމްތިޙާނެއް..... ބަދްރުގައި ނަޞްރު ލިބުނު ފަދައިން އުޙުދުގައި މުސްލިމުންނަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު..... ހަގީގީ މުޖާހިދަކަށް އެ ދެހާލަތަކީވެސް ނިޢުމަތެއް..... ނަޞްރު ލިބިއްޖެނަމަ އެއީ ދީނާއި ވަތަނަށް ލިބޭ ޝަރަފެއް......އަދި ހަނގުރާމައިގައި ނާކާމިޔާބުވެ ގުރުބާންވާންޖެހުނަސް އެއީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި އެންމެ އުފާވެރި ނިޢުމަތް.އެއީ ޝަހާދަތުގެ ދެކަލިމައިގެ އަހުލުވެރިންނަށްވުމުގެ މަތިވެރި މަގާމު......."
"ޝަހީދުންނަކީ މަރުވެފައިވާ ބަޔެއް ނޫން..... އެއީ އެމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ރިޒުގު ލިބިލިބި ދިރިތިބި ބަޔެެއް....."
"އަޚުންނޭ.....އަވަހަށް ތެދުވެ ފާފަތަކަށް ތައުބާވެ ހިތްތައް ސާފުކުރޭ......މާދަމާގެ އިރުއަރާއިރު އަހަރެމެންގެ ހިތްތަކުގައި އޮންނާނީ އަންދަލުސްގެ ކާބަފާއިންގެ އެ ވަރުގަދަ އީމާންކަން......ދުޝްމަނުންގެ ކުރިމަތީގައި ސާބިތުވާންވީ.... ނަޞްރު ވަނީ މާތްﷲ ގެ ހަޟްރަތުގައި..... اللهُ أَكْبَرُ......"
ޒާއިމްގެ އެ ފުން ދީނީ ޢިބުރަތުން ފުރިގެންވީ ވާހަކަތަކުން މުޅި ލަޝްކަރުގެ ހިތްތަކުގައި އީމާންކަމުގެ އަލިފާން ރޯވެ އެންމެން އެކުގައި "اللهُ أَكْبَرُ!" ކިޔައި ތަކުބީރު ގޮވާލިއެވެ.
ހާލާ އެކަމަނާގެ ކަނޑިކޮޅު އުފުލާލަމުން މުޅި ލަޝްކަރަށް އިޝާރާތްކުރެއްވިއެވެ. "އަޅުގަނޑުމެން ވާގި އެދެނީ ﷲގެ ހަޟުރަތުން......އެކަލާނގެ ހަޟްރަތުން ނޫނީ ނަޞްރެއް ނުލިބޭނެ..........."
***
ވިލާ ތައް ބޯވެ ވަޔާއެކު ދުންތައް އުފެދެމުންދިޔަ ބޮޑު މައިދާނުގައި ދެ ލަޝްކަރު ތިބީ ކުރިމަތިލައިގެންނެވެ. އެއްފަރާތުގައި މުސްލިމުންގެ ހިތްވަރުގަދަ ލަޝްކަރުގެ ކުރީގައި އަސްމަތީގައި ޒާއިމްއެވެ. އެމަނިކުފާނުގެ އަރިހުގައި ކަނޑި ހިފައިގެން ސާބިތުކަމާއެކު ހުންނެވީ ހާލާއެވެ. އަނެއްފަރާތުގައި ރޮޑްރިގޯގެ ނުރައްކާތެރި ބިޔަ ލަޝްކަރެވެ. އެ ލަޝްކަރުގެ ކުރީގައި ކަޅުކުލައިގެ ދަނގަޑު ހެދުމެއްގައި ތޫނު ކަނޑިއެއް ހިފައިގެން ހުރީ އޮލީވިއާއެވެ.
ހަނގުރާމައިގެ ތާޅަފިލި ފުމެލުމާއެކު ދެލަޝްކަރު އެކަކު އަނެކަކަށް ހަމަލާދޭން އަސްތައް ދުއްވައިލިއެވެ. ކަނޑިތަކުގެ އަޑާއި އަސްތަކުގެ ކޯޅުންތަކުން މުޅި މައިދާން ގުގުމައިގެން ދިޔައެވެ.
ޒާއިމް އާއި ހާލާ ކައިރިކައިރީގައި ތިއްބަވާ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްކާތެރިކަން ދެއްވަމުން ދުޝްމަނުންގެ ސަފުތައް ފޫއަޅުވަމުން ކުރިއަށް ވަޑައިގަރެވެ. ހާލާގެ ކުޅަދާނަކަމާއި ހިތްވަރުފުޅު ފެނިވަޑައިގެން ޒާއިމްގެ ހިތްޕުޅުގައި އޮތް ލޯބިފުޅު އިތުރަށް ވަރުގަދަވިއެވެ.
މައިދާނުގެ ތެރެއިން ޒާއިމްގެ ހަރަކާތްތަކަށް ބަލަން ހުންނެވި އޮލިވިއާގެ ނަޒަރު ޒާއިމްއަށް ހުއްޓިވަޑައިގަތެވެ. ޒާއިމްގެ ހައިބަވަންތަކަމާއި ހަނގުރާމަކުރުމުގައި އެ ގެންގުޅުއްވާ އުކުޅުތަކާއި ކުޅަދާނަކަން ފެނިވަޑައިގެން އޮލިވިއާގެ ހިތްޕުޅު އާދަޔާޚިލާފު ގޮތަކަށް ތެޅިގަތެވެ އަމިއްލަ ނަފްސަށް ނަފްރަތުކުރައްވާ އަބަދު ހިތާމައިގައި އުޅުއްވާ އޮލިވިއާއަށް ޒާއިމް ފެނިވަޑައިގަތް ފުރަތަމަ ސިކުންތުގައިވެސް އެ ހިތްޕުޅުގައި މުޅިން އާ އިޙްސާސެއް އުފަންވިއެވެ.
"މިއީ ކާކު؟" އޮލިވިއާގެ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. "އެހާ ހިތްވަރުގަދަ އެހާ ފުރިހަމަ ފުރާނައެއް މުސްލިމުންގެ ތެރޭގައި ވަނީ ކީއްވެ؟ހާދަހާ ރީތިވެސް މީހެކޭ...."
ޒާއިމްގެ އަރިހުގައި އަމިއްލަ ފުރާނަ ފަދައިން ރައްކާތެރިކުރައްވަމުން ގެންދެވި ހާލާ ފެނި ވަޑައިގަތުމާއެކު އޮލިވިއާގެ ހިތްޕުޅުގައި ވަގުތުން ޙަސަދަވެރިކަމުގެ އަލިފާން ރޯވިއެވެ.
އޮލިވިއާ އަސްކޮޅު ބާރަށް ދުއްވާލުމަށްފަހު ސީދާ ޒާއިމްއާ ދިމާލަށް ކަނޑިކޮޅު ހިފައިގެން މިސްރާބުޖެެއްސެވިއެވެ. ޒާއިމްވެސް ވަގުތުން އެކަން ފާހަގަކުރައްވާ އޮލިވިއާގެ ކަނޑީގެ ހަމަލާއިން ދިފާޢުވުމަށް އައްޑަނަ އުފުއްލެވިއެވެ. ދެބޭފުޅުންގެ ކަނޑިކޮޅު ޖެހި އަލިފާން ކަނިތައް ބުރައިގެން ދިޔައެވެ.
ދެލޯ ސީދާ ބައްދަލުވި ވަގުތު އޮލިވިއާއަށް ހުއްޓުން އަރާ ވަޑައިގަންނަވާގޮތްވިއެވެ. އެކަމަނާގެ މުގާބަލާ މިކުރައްވަނީ މަރުގެ އެތިފަހަރަކުން އެކަމަނާ ސަލާމަތްކޮށްދެއްވި ޒުވާނާއާއިއެވެ.
"ތިޔައީ ކާކު؟" އޮލިވިއާ ތުރުތުރުއަޅާ އަޑަކުން އެއްސެވިއެވެ.
"އަހަރެން މިއީ މި ބިމާއި އަހަރެންގެ ލޯބި ދިފާޢުކުރާ މުޖާހިދެއް......" ޒާއިމް ސާބިތުކަމާއެކު ވިދާޅުވިއެވެ.
ހާލާ ވަޑައިގެން އޮލިވިއާގެ ފަހަތުން ހަމަލާދެއްވާން އުޅުއްވުމުން އޮލިވިއާ ފަހަތަށް ޖެހިވަޑައިގެން އަސް އަނބުރާލެއްވިއެވެ. ނަމަވެސް އެކަމަނާގެ ނަޒަރު ޒާއިމްގެ މޫނުފުޅުން ނެއްޓޭގޮތެއް ނުވިއެވެ.
ނުނިމޭ