"ކޮންމެ ހެނދުނަކީވެސް ހަޔާތުގެ ހުސް ސަފުހާއެކެވެ. އަމިއްލަ އިޚުތިޔާރާއި މަސައްކަތްކޮށް އެ ސަފުހާ ރީތިކޮށް ލިޔުމުގެ ފުރުސަތު ލިބިފައިވެއެވެ. ވިސްނުންތެރިކަމާއިއެކު ވަގުތު ބޭކާރުނުކޮށް އާޚިރަތަށް އިސްކަން ދީގެން އެ ސަފުހާ ފުރައިލަން މަސައްކަތްކުރަންވާނެއެވެ."
***
"ސިފްރާންގެ ލޯ ސީދާވީ މިލްހާގެ އަތުގައި އޮތް ފޮތަށެވެ.
ކުޑަ ސިކުންތުކޮޅަކަށް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭރުވެސް އޭނާގެ ލޯ ހުއްޓިފައިވަނީ އެފޮތަށެވެ.
"އަހަރެންނަށް މި ބަލައިލަން ގެންދެވިދާނެތަ؟" މިލްހާ އެހިއެވެ.
"ނޫން....." ޖަވާބު އައިލެއް ނިކަން އަވަހެވެ.
ސިފްރާނަށް އޭނާގެ އަޑުގައި ހުރި ހަރުކަށިކަން އިހުސާސްވީފަދައަކުން ދުރަށް ބަލައިލިއެވެ. "ތި ނޫން އެއްޗެއް...."
މިލްހާގެ ނަޒަރު ހުއްޓުނީ އެ ބާ ފޮތަށެވެ. "ކީއްވެ؟"
ސިފްރާންގެ ނަޒަރު އަނެއްކާވެސް އެފޮތަށް ދަތުރުކުރިއެވެ. ކުޑަވަގުތުކޮޅަކަށް އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުރިއިރު އެލޮލުން ފެނުނު ޝުއޫރުތައް ކިޔައިލަން ފަސޭހައެއް ނޫނެވެ. ފުން ކަނޑެއްފަދައިން ސިއްރުން ފުރިފައެވެ. އެލޮލުގެ ތެރެއަށް ގެނބިގެންވެސް ބައެއްފަހަރު ސިއްރެއް ހޯދަން އުދަގޫވާނެފަދައެވެ. އޭނައަށްވެސް ހަތަރުކަޅި ހަމަކުރަން ފަސޭހައެއް ނުވާ ދެލޮލެވެ. ސިފްރާންގެ ލޯ އޭނަގެ އިނގިލި ދޭތެރޭގައި އޮތް ހިކިފައިވާ މަލަށް ހުއްޓުމާއެކު ކޮންމެވެސް ވަރަކަށް ބުމަ ކައިރިވެލިހެން ހީވިއެވެ.
"އަހަރެންގެ އެއްޗެއް ނޫން ވީމަ ކިހިނެއް ދޭނީ؟"
އޭނަ މަލާއި ދިމާލަށް ބަލައިލުމަށްފަހު ފަރުވާތެރިކަމާއެކު އަނެއްކާވެސް ފޮތުގެ ސަފުހާތަކުގެ ދެމެދަށް އެ ލައިފިއެވެ."މިއީ މަންމަގެ ފޮތެއްތަ؟ އެކަމަކު މަންމަގެ ނަން ފެށެނީވެސް އޭ އަކުން ނޫން...ފަހަތުގައި އެޗް އޮތީމަ......އަނެއްކާ ސިފްރާންގެ ކޮއްކޮއެއްގެ ތަ؟"
"ވަރަށް ގިނައިން ސުވާލު އެބަ ކުރަން....އެކަން އަމިއްލައަށް އެނގޭތަ؟" ސިފްރާން ޖަވާބު ދޭކަށް ނޫޅުނެވެ.
"މާފުކުރާތި..ކޮންމެހެން އެހާވަރުން ކޮންނަންވެގެނެއް ނޫން...."އޭނަ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. ހަގީގަތުގައި ސިފްރާން ބުނީ ދޮގެއް ނޫނެވެ. އޭނަ އެތަނަށް އައިފަހުން އެތައް ސުވާލެއްކޮށްފިއެވެ. ކައިވެންޏަށްފަހު ސުވާލުތަކުގެ ބައި އެތައް ގުނަ އިތުރުވިއެވެ. ބީރައްޓެހިކަން ނޫނީ ކަންބޮޑުވުން އިހުސާސްވާ ވަގުތު އޭނަ ސުވާލުތައް ކުރެއެވެ. އަމިއްލަ ޚިޔާލުތަކުގައި ތާށިވެ އެހެން އިނުމަށްވުރެ ސިކުނޑިއަށް ލުއިވަނީ އެގޮތުންހެން އޭނައަށް ހީވަނީއެވެ.
"ތިހިރީ ވަރަށް ނުތަނަވަސްވެފައި..."ސިފްރާން އޭނަ ކާޓޫނެއްހެން ހުއްޓުން އަރާފައި ހުރިތަން ފެނިގެން އިރުކޮޅެއްވާންދެން ބަލަން ހުރެފައި ބުނެލިއެވެ.
އޭނަގެ ހިނިތުންވުން ފަނޑުވެގެން ދިޔުމާއެކު މަޑުމަޑުން ނޭވާއެއް ދޫކޮށްލެވުނެވެ. ތަޅުންގަނޑާއި ދިމާލަށް ބަލައިލިއެވެ.
"މި ހުރިހާކަމަކީވެސް މުޅިން އާ ކަންތައް.....މި ގައުމު. މޫސުން....މި ގެއާއި ސިފްރާން އަދި އާއިލާ....ހުރިހާކަމެއް...މި ދިރިއުޅުން ހަމަ ވަރަށް ތަފާތު...." އޭނަ ލައިބްރަރީގެ ފޮތްތަކާއި ދިމާލަށް އިޝާރާތްކޮށްލިއެވެ."އަހަރެން މިތަނުން އެކަކުވެސް ނުދަންނަން....އެހެންވެ...ގިނައިން ސުވާލުކުރިވަރަކަށް ބީރައްޓެހިކަން ކުޑަވާނެކަމަށް ހީކޮށްގެން....."
"އެހެންވެ މި ހިމޭންކަން ފިލުވަދޭން އުޅެނީ..." ސިފްރާންގެ މޫނުމަތިން ފެނުނީ ހަމަޖެހުމުގެ ކުލަވަރެވެ.
"އާނ...."އޭނައަށް ބުނެވުނެވެ.
"އެކަން ކާމިޔާބުވޭތަ؟" ސިފްރާން ސުވާލުކުރިއެވެ.
"ބައެއް ފަހަރު." އޭނަ ވިސްނާލާފައި ޖަވާބު ދިނެވެ.
"އިތުރު އެއްޗެއް އަހާލިޔަސް އެންމެ ރަގަޅުތަ؟" އޭނަގެ އަޑުގައި ޔަގީންކަމެއްނެތެވެ.
"އަހާބަލަ...." ސިފްރާން ބުނެލިއެވެ.
"ކީއްވެ؟މި އާއިލާއިން އަހަރެން ހޮވީ؟"
ސިފްރާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ކުޑަކޮށެވެ. ނަމަވެސް އޭނާއަށް އެކަން ފާހަގަވާވަރު ވިއެވެ.
"ތީގެ މާނައަކީ؟"
"އަހަރެން މިބުނީ........" މިލްހާ ޖުވާބުދޭން ފަސްޖެހުނުފަދައެވެ. "ސިފްރާންއަށް ކޮންމެ އަންހެންކުއްޖަކާއިވެސް ކައިވެނިކުރެވިދާނެ..."
ސިފްރާން ހުރީ ހިމޭނުންނެވެ. އޭނަ ކިޔާ އެއްޗެއް ނިމެންދެން އަޑުއަހަން ހުރުމުގެ ހިތްވަރާއި ކެތްތެރިކަން ހުރިކަން ޔަގީނެވެ.
"މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އަންހެންކުއްޖެއް... މިފަދަ ބޮޑު ގަނޑުވަރެއްގައި އުޅެން އެނގޭނެ ކުއްޖެއް......"
"އެކަމަކު އެހެނެއްނޫން އެކަން ހިނގީ... އޭގެ ބަދަލުގައި ސިފްރާން ތި ހޮވީ ކުރިން މިފަދަ ގެއެއް ކައިރިން ވެސް ދެކެފައިނުވާ ކުޑަކުޑަ ރަށެއްގެ ފަގީރު އަންހެން ކުއްޖަކާއި......" އޭނާގެ އަޑުގައި އެއްވެސް ކަހަލަ ކުށްވެރިކުރުމެއް ނެތެވެ. ހަމަ އެކަނި ހައިރާންކަމުގެ އިންތިހާއެވެ. "ކީއްވެ؟"
"އަހަރެންގެ މައިންބަފައިން ބޭނުންވީ އަހަރެން ދިވެއްސަކާ ކައިވެނިކުރަން. އެއީ އެއް ސަބަބު. ކީއްވެ؟ މި ކައިވެންޏަށް އެއްބަސްވެވުނީތީ އަނެއްކާ ހިތާމަކުރަނީތަ؟" ސިފްރާން ހީވަނީ އޭނާގެ ހުރިހާ ސުވާލުތަކަށް ޖަވާބުދިނުމުން އެއްކިބާވާން އުޅޭހެންނެވެ.
ސިފްރާނާއި އިތުރަށް އެކަމާ ބެހޭގޮތުން ސުވާލުނުކުރަން އޭނަ ނިންމިއެވެ. އޭނާގެ މަންމަ އޭނާއަށްޓަކައި ހޯދަދިނީ އެންމެ ރީތި އަންހެންކުއްޖާ ކަމަށް ސިފްރާން ބުނެފިނަމަ ކިހިނެއްވާނެ ހެއްޔެވެ؟ އެފަދަ ވާހަކައެއް އަހަން އޭނާ ހުރީ ތައްޔާރަކަށް ނޫނެވެ. އަމިއްލަ ޚިޔާލުތަކުން އޭނާ އަށް ހީނުގަނެވުނީ ހަމަ ކިރިޔާއެވެ.
"އެހެން ކަމެއްވެސް އެބައޮތް.... އަހަރެންގެ އާއިލާއަށް ގުޅާނީ ކިހިނެއް؟"
ސިފްރާންގެ މޫނުމަތީގެ އަސަރުތައް މަޑުމަޑުން ބަދަލުވިއެވެ.
"އަހަރެން މި ގައުމަށް އައިފަހުން އެމީހުންނާއި ވާހަކައެއް ނުދައްކަން........"
ސިފްރާން މިލްހާއަށް ބަލަހައްޓައިގެން ހުއްޓެވެ. "މެއިލް ފޮނުވިދާނެ......"
އޭނައަށް އެސްފިޔަތައް ޖަހައިލެވުނެވެ."ސިޓީ؟"
ސިފްރާން ބަލައިލީ އެ ޖަވާބަކީ އެންމެންނަށްވެސް އެނގެންޖެހޭނެ އެއްޗެއް ކަމަށް ދެކޭފަދަ ގޮތަކަށެވެ. "އާނ."
އޭނާ ކުޑަވަގުތުކޮޅަކަށް ސިފްރާނަށް ބަލަހައްޓައިގެން ހުއްޓެވެ. "މާނައަކީ... ސިޓީއަކުން؟"
"ހްމްމްމމް..."
އޭނަގެ ބުމަ ގާތްވިއެވެ. "އެކަމަކު... އަހަރެން ބުނީ މަންމަމެންނާއި ފޯނުން ވާހަކަދެއްކޭނެ ގޮތެއް ނެތް ހެއްޔޭ....."
"އަހަރެމެން މިތާގައި ފޯނެއް ބޭނުމެއް ނުކުރަން........" ސިފްރާންގެ ޖަވާބުން އޭނައަށް ލޯ ބޮޑުކޮށްލެވުނެވެ.
"އެކަމަކު ސިފްރާން ދުރުގައި ތިބޭ މީހުންނާއި ވާހަކަދައްކަނީ ކިހިނެއް؟"
"އަހަރެމެން ނުދައްކަން....." ސިފްރާން ޖަވާބުދިނެވެ.
ސިފްރާން އެހެން ބުނީ މަޖަލަކަށްކަމަށާއި ހިނިތުންވެލާނެ ކަމަށް މިލްހާ އިންތިޒާރުކުރިއެވެ. އެކަމަކު އޭނާގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ.އޭނާ ގެ ވާހަކަތަކުގައި ސަމާސާއެއްނުވެއެވެ.
އޭނާ ލައިބްރަރީ ވަށައިގެން ބަލައިލީ ކޮންމެވެސް ފޮތް ހަރުގަނޑެއްގެ ފުރަގަހުން ނަމަވެސް މިކަމުގެ ސަބަބު ފެނިދާނެ ހެން ހީވާފަދަ ނަޒަރަކުންނެވެ.. "އެކަމަކު ކޮންމެވެސް މީހަކާއި އިމަޖެންސީކޮށް ވާހަކަދައްކަން ވެއްޖެއްޔާ ކިިހިނެއް ހަދަނީ؟"
"ސިޓީ ފޮނުވަނީ."
މިލްހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. "ސިޓީ ލިބެން ދުވަސްތަކެއް ނަގާނެެއްނު."
"އަހަރެމެންގެ މިތާ ކުދިކުދި ގަވާއިދުތަކެއް ހުންނާނެ. ވަގުތުޖެހުމުން އެކަން އެނގޭނެ. މިހާރު ކެއުމުގެ ވަގުތު މިއޮތް ޖެހުނީ........"
މިލްހާ ގަބޫލުކުރަން ދަތި ނަޒަރަކުން ބަލައިލުމަށްފަހު ސިފްރާން ފަހަތުން ލައިބްރަރީން ނުކުތެވެ. އޭނަގެ ތަގުދީރުގައި ކުރިއަށް ފޮރުވިފައިވާ ސަފުހާތަކާއިމެދު ޝައުގުވެރިވާއިރު ކޮންމެވެސް ވަރަކަށް ނުތަނަވަސްކަމެއްވެސް އިހުސާސްކުރެވުނެވެ.
***
ރޭގަނޑުގެ ކެއުން ދިޔައީ ވަރަށް ހިމޭންކޮށެވެ. ކާބޯތަކެތީގެ ފެންވަރު ކިތަންމެހާވެސް ރަގަޅެވެ. އޭގައި އަތްލަންވެސް ނުކެރޭހާ ރީއްޗެވެ. އެކި ބާވަތްތަކުގެ ކާނާތަކުން ސުފުރާ މުއްސަދިވެފައެވެ. ވަރަށް ފަރުވާތެރިކަމާއެކު ތައްޔާރުކޮށް އަގުބޮޑު ތަށިތަކެއްގައި ސަރވްކޮށްފައިވާ ކުޅުދިޔާވާފަދަ ކާ ތަކެއްޗެވެ.
ގޭގެ ކެއުމާއި ހާސްބައި ތަފާތެވެ. މިހާ ގިނަ ކާނާއާއި އާދަޔާ ޚިލާފަށް ރީތި ތަށިތައް އެމީހުން ބޭނުމެއް ނުކުރެއެވެ. ނަމަވެސް ކޮންމެވެސްގޮތަކުން އެގޭގައި އަބަދުވެސް އުފާވެރިކަން އޮވެއެވެ. ލަގްޒަރީ ކެއުންތަކަށްވެސް މާހައުލުގައިވާ ހުސްކަން ނައްތައެއް ނުލެވެއެވެ.މިހާ ބޮޑު ނިއުމަތްތަކުގެ ތެރޭގައި އުޅޭއިރުވެސް ހިތުގެ ހަމަޖެހުން ގެއްލިފައިވާފަދައެވެ.
އޭނާގެ ކޮޓަރިއަށް ވަދެވުނުއިރު މުޅި ގޭތެރެއަށްވަނީ އިތުރަށް ހިމޭންކަން ވެރިވެފެވެ. ކެއުމަށް ދިޔަ ވަގުތުކޮޅުގެ ތެރޭގައި ހީވާގޮތުން ޚާދިމާއިން ވަނީ އޭނާގެ ކޮޓަރި ތައްޔާރުކޮށްފައެވެ. މިލްހާ އެތެރެއަށް ވަދެ ވަށައިގެން ބަލައިލިއެވެ. ކޮޓަރީގައި ހުރީ މަޑު ފިޔާތޮށި ކުލައެކެވެ.ސީލިންގައި އަގުބޮޑު ސަމޭދާންއެއް ވިދާބަބުޅާއިރު ކޮންމެ ފަރުނީޗަރަކާއި ރީތިވާ މޭޒުވެސް ހަމަ އާޝޯޚުވާހާ ނަލައެވެ. ތާޒާ ރަޖާތަކާއި ބާލީސްތަކުގައިވެސް މީރުވަސް ހިފާލާފައިވިއެވެ. އޭނާގެ ސާމާނުތައްވަނީ ވަރަށް ރީތިކޮށް އިންތިޒާމުކޮށްފައެވެ.
އެގޭގައިވީހާ ވަގުތު އޭނާ މަސައްކަތްކުރީ އޭނަގެ ގޭގެ މަތިން ހަނދާން ނުކުރުމަށެވެ. ނަމަވެސް ކޮޓަރިއަށް ވަނުމާއެކު އޭނާގެ ސިކުނޑި އަވަދިކޮށްލާނެ އިތުރު އެއްވެސް ކަމެއް ނެތެވެ. އޭނާގެ މަންމަގެ ހަނދާންތައް ސިކުނޑިއަށް ވެރިވިއެވެ. މަންމަ މިހާރު ކުރާނީ ކޮންކަމެއްބާވައެވެ. ރޭގަނޑުގެ ކެއުމަށްފަހު ގޭގައި އިނދެ އެހެން މީހުންނާ ވާހަކަދައްކަނީ ކަމަށްވެސް ވެދާނެއެވެ. މިލްހާ ކައިފިތޯ ބަލަން އޭނާ ވިސްނަނީކަން ނޭނގެއެވެ. އެ ޚިޔާލުން އޭނާގެ މެއަށް ތަދުވިއެވެ. މިލްހާ ކަކުލު ހުޅު ކައިރިކޮށްލައިގެން ކަކުލުގައި ދަތްދޮޅި ޖައްސައިލިއެވެ. އޭނާއަށް މިތާ ހުރިހާ އެއްޗެއްވެސް ހަމަޔަށް އެބަހުއްޓެވެ. ރީތި ކޮޓަރިއެކެވެ. މީރު ކާނާއެވެ. އޭނާ ހީކުރިވަރަށްވުރެވެސް މާ ބޮޑުގެއެކެވެ. އެކަމަކު މިހުރިހާ އެއްޗެއް ހުރިގެއަށްވުރެ ރަށުގައި އެކަނި އިނދެ އެއަށްވުރެ މާ މަދު އެއްޗެއް ލިބިފައިވާ މީހުންނާއެކު އުޅުނުއިރު އޭނާ ކިހާ އުފާވިކަން ައޭނާއަށް ވިސްނެމުންދިޔައެވެ.
އާދައިގެ ކުދި ކަންތައްތައް އޭނާ ހަނދާންވިއެވެ. މަންމަގެ އަޑެވެ. އާއިލާ މީހުންގެ ހިނިގަނޑެވެ. އެންމެން އެއްފަހަރާ ވާހަކަދައްކާ އަޑެވެ. އިންނަންވީ ކޮންތާކުކަމާއި ބުނަންވީ ކީކޭކަމާއި އަދި ގެންގުޅެންވީ ކޮން ޤާނޫނެއްކަން ވިސްނަން ނުޖެހި އުޅުމުގެ ނަސީބު އޭނާ މިހާރު މިވަނީ ގެއްލިފައެވެ.
މަންމަ އަބަދުވެސް ހަނދާންކޮށްދޭ އެއްޗެއް އޭނާއަށް ހަނދާނަށް އައެވެ: އެއީ ގިނައިން ލިބުމަކީ އަބަދުވެސް ގިނަ ބަރަކާތް ލިބުން ނޫން ކަމެވެ.
މިލްހާ އަވަސްއަވަހަށް ލޯ ފުހެލިއެވެ. އޭނާ ރޯން ބޭނުމެއް ނޫނެވެ. އޭނާއަށް މިތާ ހޭދަވީ މަދު ވަގުތުކޮޅެކެވެ، ނަމަވެސް ގޭމަތިން ހަނދާންވެގެން އޭނާއަށް މިހާރުވެސް ހުރެވުނީ ކުށްވެރިވާގޮތްވެފައެވެ.
ބޮޑުވަމުން އައިއިރު އޭނާއަށް ވަރަށް ގިނައިން އަޑުއިވިފައިވާ އާޔަތެއް ހަނދާނަށް އައެވެ: "ހިތްތަކަށް ހަމަޖެހުން ލިބެނީ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (ގުރުއާން 13:28)
އޭނާ ތެދުވެ ވުޟޫކުރިއެވެ. ކުޑަ ވަގުތުކޮޅެއްފަހުން ކުޑަދޮރު ކައިރީގައި ނަމާދުކުރާދާ މުސައްލާ ފަތުރައިލިއެވެ. ބޭރުގައި ވައިޖެހޭ މަޑު އަޑު ނޫން އެހެން އެއްވެސް އަޑެއް ކޮޓަރިއަކު ނެތެވެ. އޭނާ ދެ އަތް ހިއްލައި ނަމާދަށް ފެށިއެވެ. ސަޖިދައަށް ގޮސް އޭނާ އާއްމުކޮށް ހޭދަކުރާވަރަށްވުތެ ގިނަ ވަގުތު މަޑުކޮށްލިއެވެ.
ނިދުމުގެ ކުރިން އޭނާއަށް ދަސްކޮށްދީފައިވާ ފަދައިން މުއައްވިޛާތައިން ކިޔަވައި ރައްކާތެރިކަން ޔަޤީންކުރިއެވެ. އޭނާ ރަޖާގަނޑު ދަށަށް ވަދެ ކުޑަދޮރާ ދިމާލަށް އެނބުރުނެވެ. ރޭގަނޑުގެ އެ ވަގުތު ކުރިން ކުރެވުނު ފަދަ ބިރުވެރިކަމެއް އެ ހިމޭން ކަމުގެ ތެރެއިން އޭނާއަށް އިހުސާސެއް ނުވެއެވެ.
ލޯމެރެމުން ދަނިކޮށް އޭނާގެ ކޮޓަރީގެ ބޭރުން ކޮންމެވެސް ތަނަކުން މަޑު ތިން ފަހަރު ޓަކިޖަހާލި އަޑެއް އިވުނެވެ. މިލްހާ ދެލޯ ހުޅުވައިލިއެވެ. ކުޑަ ވަގުތުކޮޅަކަށް އޭނާ ހަމައެކަނި އަޑުއަހަން އޮތީ އިތުރު އެހެން އަޑެއް އިވިދާނެކަމަށްޜަކައެވެ. ނަމަވެސް އިތުރު އެއްވެސް އަޑެއް ނީވުނެވެ. އޭނާ ތެދުވެ އިށީނދެ ދޮރާ ދިމާލަށް ބަލައިލިއެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އޭނާ އެދޮރު ލެއްޕިކަން ޔަގީނެވެ. ނަމާދުކުރަން ހުރި ވަގުތެއްގައި ނަސްރީން ވަދެ ރަނގަޅަށް ދޮރު ލައްޕަން ހަނދާންނެތުނީ ކަމަށް އޭނަ ނިންމިއެވެ.. އެ ޚިޔާލުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަދި އޭނާ އެނދުން ފައިބައިގެން ދިޔައެވެ. އޭނަ ފެން ބޮވައިގެން ފެން ބޯންވެސް ބޭނުންވިއެވެ.
އޭނާ މަޑު ޓަކިޖަހާ އަޑަށް ތަބާވަމުން ދިޔައެވެ. ކޮރިޑޯގައި އަލިކަން ހުރީ ބޮޑެތި ކުޑަދޮރުތަކުން ވަންނަމުން ދިޔަ ހަނދުގެ އަލިންނެވެ. ރޭގަނޑު ގޭގައި ބޮކިތައް ދިއްލާފައި ނުހުންނަނީ ކީއްވެ ހެއްޔެވެ؟ މި އާއިލާއަށް އެއަށްވުރެ މާ ބޮޑު ޚަރަދެއްވެސް ކޮށްލެވޭނެއެވެ.
ދެން އަނެއްކާވެސް އެ އަޑުއިވުނެވެ. މަޑު ތިން ޓަކިއެވެ. މިފަހަރު އެ އަޑުއިވުނީ ކުރިއަށް އޮތް ހިސާބުންނެވެ. މިލްހާ ހުއްޓުން އެރިއެވެ. އޭނާގެ ސިކުނޑިއަށް އެންމެ ފުރަތަމަ އައި ޚިޔާލަކީ އެހެން މީހަކުވެސް ހޭލާ ހުރީ ކަމަށެވެ. ކޮންމެވެސް ޚިދުމަތްތެރިއަކު އެއް ކޮޓަރިއަކުން އަނެއް ކޮޓަރިއަށް އެއްޗެއް ގެންދަނީ ކަމަށެވެ. އޭނާ އިތުރު ފިޔަވަޅުތަކަކާއެކު އެ އަޑަށް ތަބާވެގެން ދިޔައެވެ. އެ އަޑު އޭނާ ގެންދިޔައީ ކޮރިޑޯގެ އެންމެ ފަހު ކޮޅަށެވެ. އެތަނުން އުސް ކަބަޑެއްގެ ހިޔަނީގެ ފުރަގަހުގައި ކުޑަކޮށް ފޮރުވިފައިވާ ހަނި ދޮރެއް އޭނާއަށް ފާހަގަވިއެވެ. އޭނަ ބުމަ އަރުވައިލިއެވެ. އޭނާ ކުރިން މި ކޮރިޑޯއިން ހިނގާފައި ދިޔައިރު މިފަދަ ދޮރެއް ފެނުނުކަމެއް ހަނދާނެއް ނެތެވެ.
އޭނާގެ ފަހަތުން ތަޅުންގަނޑުގެ ފިލައެއް ކުދި އަޑަކާއެކު ގުޑައިލިއެވެ. މިލްހާ ފަސްއެނބުރި ބަލައިލިއެވެ. ކޮރިޑޯގެ އަނެއް ކޮޅުގައި އަންހެނަކު ހުއްޓެވެ.
އުމުރުން ދުވަސްވީ އެ އަންހެންމީހާ ކުޑަަ އުއްބައްތިއެއް ހިފައިގެން ހުރިއިރު އެ އަލީގެ ސަބަބުން އޭނާގެ މޫނުމަތީގެ ކުލަވަރު ދެނެގަތުން އުނދަގޫވިއެވެ. ނަމަވެސް އޭނާގެ ލޯ އެ ދޮރަށް ހުއްޓުނު ވަގުތު، އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ މޫނު ކަފަކޮޅެއްހާ ހުދުވިއެވެ.
"މެޑަމް....." އޭނާ މަޑުމަޑުން ބުންޏެވެ.
މިލްހާއަށް ހިންދިރުވައިލެވުނެވެ."އާނ؟"
"މިތާ ހުންނާކަށްނުވާނެ... ނުވާނެ." އޭނަގެ އަޑު މަޑު ނަމަވެސް ކޮންމެވެސް ވަރެއްގެ އަވަސްކަމެއް ވެއެވެ.
"ކީއްވެ؟"
އެ އަންހެންމީހާ އެ ސުވާލަށް ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި އޭނާ މިލްހާއާ ދިމާލަށް އަވަސްއަވަހަށް އައެވެ.
"ޕްލީޒް." އެ މީހާ އަޑު މަޑުކޮށްލިއެވެ. "ކޮޓަރިއަށް އެނބުރި ދޭ....."
ނުނިމޭ