އެޕަލް ވޮޗުގެ ސިރީ ރީކެޕް ފީޗާއިން އަޑުއަހާ ވާހަކަތަކަށް ވާގޮތް އެޕަލްއިން ސާފުކޮށްދީފި

ސިރީ ރީކެޕަކީ އެކި ވަގުތުތަކުގައި ދެކެވޭ ވާހަކަތައް އަޑުއަހައި، އެޕަލް އިންޓެލިޖެންސް މެދުވެރިކޮށް އޭގެ ޚުލާސާއެއް އެކުލަވާލަދޭ ފީޗާއެއް ---

އެޕަލް ކުންފުނިން އަލަށް ނެރުނު އެޕަލް ވޮޗް ސީރީޒް 12 އަދި އަލްޓްރާ 4 ގައި ހިމަނާފައިވާ އައު "އޯޑިއޯ އިންޓެލިޖެންސް" ފީޗާތަކުގެ ތެރޭގައި ހިމެނޭ "ސިރީ ރީކެޕް" އިން އަޑުއަހާ ވާހަކަތަކުގެ ރައްކާތެރިކަމާ ގުޅޭގޮތުން އެ ކުންފުނިން ތަފުސީލީ މައުލޫމާތު ހާމަކޮށްފިއެވެ. މި އައު ފީޗާތައް އެކްޓިވޭޓް ކުރުމުން، ގަޑި އަޅައިގެން ހުންނަ މީހާގެ ވަށައިގެން ދެކެވޭ ވާހަކަތައް އަބަދުވެސް ރެކޯޑުނުކޮށް އަޑުއަހަމުންދާނެތީ އާންމުންގެ މެދުގައި އުފެދިދާނެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެޕަލްއިން ވަނީ ޒާތީ މައުލޫމާތާއި ޕްރައިވެސީ ރައްކާތެރިކުރާނެ ގޮތް ތަފުސީލުކޮށްދީފައެވެ.

ސިރީ ރީކެޕަކީ ދުވާލުގެ އެކި ވަގުތުތަކުގައި ދެކެވޭ ވާހަކަތައް އަޑުއަހައި، އެޕަލް އިންޓެލިޖެންސް މެދުވެރިކޮށް އޭގެ ޚުލާސާއެއް އެކުލަވާލަދޭ ފީޗާއެކެވެ. އެޕަލްއިން ބުނާ ގޮތުގައި މި ފީޗާގެ ބޭނުމަކީ ކަންކަން ހަނދާންކޮށްދިނުމަށް އެހީތެރިވެދީ، ފޯނާއި އެހެނިހެން ވަސީލަތްތަކަށް ސަމާލުކަން ނުދީ ވަގުތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް މަގުފަހިކުރުމެވެ.

މި ފީޗާ މަސައްކަތްކުރާއިރު އެއްވެސް މީހެއްގެ އަޑު ވަކިކޮށް، ވަކި މީހަކު ދެއްކި ވާހަކައެއްގެ ގޮތުގައި ފާހަގައެއް ނުކުރާނެއެވެ. ވާހަކައިގެ ތެރޭގައި މީހެއްގެ ނަން ބުނެފިނަމަ އެ ނަމެއް ޚުލާސާގައި ހިމެނިދާނެ ނަމަވެސް، ވާހަކަ ދެއްކި ވަކި މީހަކާ އެ ވާހަކައެއް ގުޅުވައެއް ނުލާނެއެވެ.

މީގެއިތުރުން ނަފުރަތު އުފެދޭ ވާހަކަތަކާއި، އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ވާހަކަތަކާއި، މާލީ މައުލޫމާތާއި، ރަސްމީ އައިޑެންޓިފަޔަރުތައް އަދި ޒާތީ ސިއްރު މައުލޫމާތުތައް ޚުލާސާގެ ތެރެއިން އުނިކުރާނެއެވެ. ނަމަވެސް، ޚުލާސާތަކުގައި ފުރިހަމަ ނޫން ނުވަތަ ކުށް މައުލޫމާތު ހިމެނިދާނެ ކަމަށާއި، ހުރިހާ ސިއްރު މައުލޫމާތެއް ފުރޭނިގެން ނުގޮސްދާނެ ކަމުގެ އިންޒާރުވެސް އެޕަލްއިން ދެއެވެ.

ސިރީ ރީކެޕުން ދެކެވޭ ވާހަކަތަކުގެ ފުރިހަމަ ޓްރާންސްކްރިޕްޓެއް ނުވަތަ ލިޔުމެއް ނުއުފައްދާނެ ---

ސިރީ ރީކެޕުން ދެކެވޭ ވާހަކަތަކުގެ ފުރިހަމަ ޓްރާންސްކްރިޕްޓެއް ނުވަތަ ލިޔުމެއް ނުއުފައްދާނެއެވެ. އޭގެ ބަދަލުގައި އުފައްދާނީ ވާހަކައަކަށްފަހު އަމިއްލައަށް ނޯޓުކޮށްލާ ފަދަ ކުރު ޚުލާސާއެކެވެ. މީގެއިތުރުން ދައްކާ ވާހަކަތަކުގެ އޯޑިއޯ އެއްވެސް ވަރަކަށް ރެކޯޑުކޮށް ރައްކާނުކުރާނެ ކަމަށާއި، އަޑު ޕްރޮސެސްކުރުމަށް ފޮނުވަނީ އެޕަލް ވޮޗާއި އައިފޯނުގައި ހުންނަ "ސެކިއޯ އެކްސްކްލޭވް" އަށް ކަމަށް އެޕަލްއިން ބުނެއެވެ. މި އަޑުތަކަކީ އޮޕަރޭޓިން ސިސްޓަމަށް، އެޕްލިކޭޝަންތަކަށް، ބޭނުންކުރާ ފަރާތަށް ނުވަތަ އެޕަލްއަށްވެސް ބެލޭނެ އެއްޗެއް ނޫނެވެ.

ވާހަކަތައް ޚުލާސާކުރުމަށްޓަކައި އެންކްރިޕްޓްކޮށް، އަސްލު ދެއްކި ވާހަކައިގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުރުކޮށްފައިވާ ލިޔުން ޕްރައިވެޓް ކްލައުޑް ކޮމްޕިއުޓަށް ފޮނުވައެވެ. މިގޮތަށް ފޮނުވާއިރު ވާހަކައިގެ އަސްލު މާނަ ނުގެއްލޭގޮތަށް ބޭކާރު ބަސްތަކާއި ތަކުރާރުވާ ވާހަކަތައް އުނިކުރާނެއެވެ. އަދި އެންމެ ފަހުގެ ޚުލާސާ ތައްޔާރުކުރަނީ ޕްރައިވެޓް ކްލައުޑް ކޮމްޕިއުޓްގައި ހިންގާ އެޕަލް ފައުންޑޭޝަން މޮޑެލްތައް ބޭނުންކޮށްގެން ކަމަށްވާތީ، އެ މައުލޫމާތުތަކަށް އެޕަލްއަކަށްވެސް އަދި އެހެން ފަރާތަކަށްވެސް ވާސިލެއް ނުވެވޭނެއެވެ.

މި ފީޗާއަކީ އަމިއްލައަށް އިޚުތިޔާރުކޮށްގެން (އޮޕްޓް-އިން) ބޭނުންކުރަންޖެހޭ ފީޗާއެކެވެ. އައިފޯނުގައިވާ އެޕަލް ވޮޗް އެޕް މެދުވެރިކޮށް މި ފީޗާ ވަކި ގަޑިތަކަކަށް ތާވަލުކުރެވޭނެއެވެ. މިސާލަކަށް ހަމައެކަނި އޮފީސް ގަޑީގައި މަސައްކަތްކުރާ ގޮތަށް ނުވަތަ ރޭގަނޑު އަޑުނާހާ ގޮތަށް ހަމަޖެއްސިދާނެއެވެ. އަދި ކޮންޓްރޯލް ސެންޓަރުން ފަސޭހައިން މި ފީޗާ އޮން އަދި އޮފް ކުރެވޭނެ ޓޮގްލެއްވެސް ހިމަނާފައިވެއެވެ.

އުފައްދާ ޚުލާސާތައް ސިރީ އެޕްގައި ސޭވް ނުކޮށްފިނަމަ ހަތް ދުވަސް ފަހުން އަމިއްލައަށް ޑިލީޓްވާނެއެވެ. އަދި ސިރީ އެޕްގައި ރައްކާކުރާ ޚުލާސާތައް ބޭނުން ވަގުތެއްގައި އެކައުންޓް ގުޅިފައިވާ ހުރިހާ ޑިވައިސްތަކުން ޑިލީޓްކޮށްލެވޭއިރު، ނޯޓްސް ފަދަ އެހެން އެޕްތަކަށް އެކްސްޕޯޓްވެސް ކުރެވޭނެއެވެ. މީގެއިތުރުން އައިކްލައުޑް މެދުވެރިކޮށް އެހެން ޑިވައިސްތަކާ ސިންކްވާއިރު މި މައުލޫމާތުތައް ހުންނާނީ އެންޑް-ޓު-އެންޑް އެންކްރިޕްޓްކޮށް، ހަމައެކަނި އިތުބާރުކުރެވޭ ޑިވައިސްތަކަށް ފެންނަ ގޮތަށެވެ.

އޯޑިއޯ ރެކޯޑުނުކުރި ނަމަވެސް އަދި ވަކި މީހަކު ދެއްކި ވާހަކައެއްގެ ގޮތުގައި ފާހަގަނުކުރި ނަމަވެސް، ޒާތީ އަދި ސިއްރު ވާހަކަތައް ދެކެވޭ މާހައުލުތަކުގައި ވަށައިގެން ތިބޭ މީހުންނަށް ސަމާލުވުމަށް އެޕަލްއިން ވަނީ ގަޑި އަޅާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ސިރީ ރީކެޕް ފީޗާ ބޭނުންކުރުމަށްޓަކައި އެޕަލް ވޮޗް ސީރީޒް 12 ނުވަތަ އަލްޓްރާ 4 ގެ އިތުރުން އައިފޯން 16 ނުވަތަ އޭގެ ފަހުގެ މޮޑެލެއް (އައިފޯން 16އީ ފިޔަވައި) ބޭނުންވާނެއެވެ. މި އައު ފީޗާ އާންމުކޮށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

comment ކޮމެންޓް