އޮޔާ ދިޔަ ބޯޓުތަކުން ފަރަށާއި ބްރިޖަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި

ދެ ބޯޓު އޮޔާ ދަނީ: އެ ބޯޓުތައް ފަރައި އަރައި ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށް އީއާރުއޭއިން ވަނީ ބުނެފައި ---

ބޮޑެތި ބޯޓުތަކެއް އޮޔާދިޔަ ހާދިސާގައި މާލޭގެ ފަރަށާއި ސިނަމާލެ ބްރިޖަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ރޭ ފުރަތަމަ ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ތެޔޮ ބޯޓުތައް މާލޭ އުތުރު ފަރާތު ކާނިވަލާ ދިމާލުން އޮޔާ ގޮސް، ބްރިޖާ ދިމާލަށް ދެއެވެ.

އަދި އޭގެ ފަހުން އާންމުވި މަންޒަރުތަކުން ފެންނަނީ އެ ބޯޓު ކޮންޓްރޯލުން ނެއްޓި ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރިފައިވާ ތަނެވެ.

އެންވަޔަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ސީއީއޯ ހައްސާން މުހައްމަދު މިއަދު 'ސަން'އަށް ވިދާޅުވީ، މި ހާދިސާގެ ކަންކަން އީއާރުއޭއިން ބަލަމުން އަންނަ ކަމަށެވެ. މިގޮތުން، ބޯޓުތައް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުން ބަލާނެ ކަމަށް ހައްސާން ވިދާޅުވިއެވެ.

https://sun.mv/227253

ނަމަވެސް، މިހާތަނަށް ލިބުނު ގެއްލުމެއް ސާފުވެފައެއް ނުވެއެވެ.

މިއަދު ހެނދުނު ވަނީ ބްރިޖަށް ލިބުނު ގެއްލުންތައް ވެސް ބެލުމަށް ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލުތައް އަދި ހާމައެއް ނުކުރެއެވެ.

އެމްއެންޑީއެފުން ރޭ ބުނި ގޮތުގައި، އެ ދެ ބޯޓަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ބޯޓުތަކެކެވެ. އަދި، އެ ބޯޓުތަކުގައި ތިބި މީހުން ސަލާމަތް ކޮށްފައިވާ ކަމަށް ރޭ އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

comment ކޮމެންޓް