ބޮލީވުޑްގެ ބަތަލާ ފަރިނީތީ ޗޯޕްޅާގެ ފުރަތަމަ ވެބް ސީރީޒް "ޝައްކު: ޓްރަސްޓް ނޯ ވަން"ގެ ޓްރެއިލާ އާންމުކޮށްފިއެވެ. ރެންސިލް ޑިސިލްވާ ޑައިރެކްޓްކޮށްފައިވާ މި ސީރީޒް ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
އިއްޔެ ނެރުނު މި ސީރީޒްގެ ޓްރެއިލާއިން ފެނިގެންދަނީ، ރޯޔަލް ޝިމްލާ ހޮސްޕިޓަލުން ދަރިފުޅު ގެއްލުނުތާ ނުވަ އަހަރު ފާއިތުވެގެން ދިޔައިރުވެސް، އެ ދަރިފުޅު ހޯދުމަށް މައަކު ކުރާ ހިތްވަރުގަދަ އަދި ކެކުޅުންތެރި މަސައްކަތްތަކެކެވެ. ގިނަ އަހަރުތަކެއް ވޭތުވެދިޔަ ނަމަވެސް، ދަރިފުޅު ދިރިހުރި ކަމަށް ކުރާ އުންމީދު ދޫނުކޮށް އޭނާ ކުރާ މަސައްކަތުގެ ތެރެއިން، ހަގީގަތާއި ހިޔާލީ ކަންކަން ވަކިކުރަން އުނދަގޫވާ ފަދަ ހާދިސާތަކަކާ ކުރިމަތިލާންޖެހޭ މަންޒަރު މި ޓްރެއިލާއިން ސިފަކޮށްދެއެވެ.
ވެބް ސީރީޒް "ޝައްކު: ޓްރަސްޓް ނޯ ވަން"ގެ ޕޯސްޓަރު--ފޮޓޯ/ޓެލެގްރާފްއިންޑިއާމި ސީރީޒްގައި ފަރިނީތީގެ ފިރިމީހާގެ ރޯލުން ފެންނާނީ ތާހިރު ރާޖް ބާސިންއެވެ. މީގެއިތުރުން ޖެނިފާ ވިންގެޓް، ސޯނީ ރަޒްދާން، ސުމީތު ވިޔާސް އަދި އަނޫޕް ސޯނީ ފަދަ ފަންނާނުން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
އެލްކެމީ ފިލްމްސްގެ މި އުފެއްދުމަކީ ރެންސިލް ޑިސިލްވާ އާއި ސިދާތު ޕީ މަލްހޯތުރާ ގުޅިގެން ގެނެސްދޭ، ބެލުންތެރިން ޝައުގުވެރިކުރުވާނެ ފަދަ ސަސްޕެންސް ތްރިލާ ސީރީޒެކެވެ. ފިލްމު "އިޝަޤްޒާދޭ"އިން ބޮލީވުޑަށް ތައާރަފްވި ޕަރިނީތީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ޑައިރެކްޓަރު އިމްތިޔާޒު އަލީ އުފެއްދި ފިލްމު "އަމަރް ސިންގް ޗަމްކީލާ"އިންނެވެ.
ވެބް ސީރީޒް "ޝައްކު: ޓްރަސްޓް ނޯ ވަން" އަކީ ޕަރިނީތީގެ ފިލްމެއް ބެލުންތެރިންނަށް ނުފެންނަތާ ގާތްގަނޑަކަށް ދެ އަހަރު ފަހުން ގެނެސްދޭ އުފެއްދުމެކެވެ.