މި އަންނަ މަހު ރިލީޒްކުރަން ތައްޔާރަށް އޮތް ބޮލީވުޑްގެ މަގުބޫލު ފްރެންޗައިސް 'ދްރިޝްޔަމް: ދަ ކޮންކްލޫޝަން' އޭގެ މަޅަޔާލަމް ފިލްމާ މުޅިން ތަފާތުވާނެ ކަމަށް އެކްޓަރު އަޖޭ ދޭވްގަން ބުނެފިއެވެ.
އެ ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ފިލްމުގެ ލީޑް އެކްޓަރު އަޖޭ ހާމަކުރި ގޮތުގައި، މި ފިލްމަކީ އަސްލު މަލަޔާޅަމް ފިލްމާ މުޅިން ތަފާތު ވިސްނުމަކަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.
ގިނަ ބެލުންތެރިންތަކެއް އިންތިޒާރުކުރަމުން އައި މި ފިލްމުގެ ރަސްމީ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު، މިއާއެކު ފިލްމާމެދު އޮތް ޝައުގުވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ. މަލަޔާޅަމް ބަހުން ނެރުނު "ދްރިޝްޔަމް 3"އިން އެ ވާހަކައިގެ އަސްލު ނިންމުން ގެނެސްދީފައި ވީނަމަވެސް، އެ ފިލްމު ނިންމާލާފައިވަނީ ކުރިއަށް އޮތްތަނުގައި އިތުރު ބައެއް އަތުވެދާނެ ކަމުގެ އިޝާރާތަކާއެކުގައެވެ.
ހިންދީ ބަހުން މީގެ ކުރިން ނެރުނު "ދްރިޝްޔަމް 1" އަދި "ދްރިޝްޔަމް 2" އަކީ އަސްލު މަލަޔާޅަމް ފިލްމުތަކުގައި ގެނެސްދިން ވާހަކައާ ވަރަށް އެއްގޮތްކަހަލަ ގޮތަކަށް އުފައްދާފައިވާ ދެ ފިލްމެވެ. ނަމަވެސް، މި ފަހަރު ފިލްމުގެ ޓީމުން ވަނީ އާ މިސްރާބެއް އިޚްތިޔާރުކޮށްފައެވެ.
އެގޮތުން، ފަސޭހަ މަގު ދޫކޮށްލުމަށްފަހު، މަލަޔާޅަމް ފިލްމުގެ ނިމުމާ ތަފާތު، މުޅިން އައު ނިމުމެއް މި ފިލްމަށް ގެނައުމަށް ވަނީ ނިންމާފައެވެ. މިކަން ކަށަވަރުކޮށްދެމުން އަޖޭ ބުނީ، މިއީ އެ ޓީމަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
'ދްރިޝްޔަމް: ދަ ކޮންކްލޫޝަން'ގެ ޕޯސްޓަރެއް--ފޮޓޯ/އެންޑީޓީވީ"ފުރަތަމަ ދެ ބައި ބިނާވެފައިވަނީ އަސްލު ސްކްރިޕްޓުގެ މައްޗަށް. އެކަމަކު މިއީ މުޅިން އައު ސްކްރިޕްޓަކަށް ތައްޔާރުކުރި ފުރަތަމަ ފަހަރު. މަލަޔާޅަމް 'ދްރިޝްޔަމް 3' އާއި އަހަރެމެންގެ ފިލްމަކީ މުޅިން ތަފާތު ދެ އުފެއްދުމެއް. މިއީ ހަމައެކަނި ބައެއް ބަދަލުތައް ގެނައުމެއް ނޫން، މިއީ މުޅިން އައު ވާހަކައެއް،" އަޖޭ ބުނެފައިވެއެވެ.
މީގެ އިތުރުން "ދްރިޝްޔަމް: ދަ ކޮންކްލޫޝަން" އަކީ މި ސިލްސިލާގެ އެންމެ ފަހު ބައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އަޖޭ އިތުރަށް ފާހަގަކުރި ގޮތުގައި، ވާހަކައަށް ގެނެވުނު ބޮޑެތި ބަދަލުތަކުގެ ސަބަބުން ކެރެކްޓާތަކުގެ ނިމުމަށް ފުން އަސަރުތަކެއް ކުރާނެއެވެ. އަދި މި ފިލްމު މޯހަންލާލް ބަލާނެ ކަމަށް އުންމީދުކުރާ ކަމަށާއި، މޯހަންލާލްގެ ނިންމުންތަކަށް އަބަދުވެސް ވަރަށް ބޮޑަށް އިހުތިރާމްކުރާ ކަމަށް އަޖޭ ވަނީ ބުނެފައެވެ.
ފިލްމުގައި ފުލުހެއްގެ ރޯލު ކުޅެފައިވާ ޖައިދީޕް އަހްލާވަތު ބުނި ގޮތުގައި، އޭނާގެ ކެރެކްޓާ ދެވަނަ ފިލްމުން ފެނުނު އަކްޝޭ ކަންނާގެ ކެރެކްޓާއާ އަޅާކިޔައިފާނެތީ އެއްވެސް ޖެހިލުމެއް ނުވެއެވެ. އަކްޝޭ ކަންނާ ފިލްމު ދޫކޮށްލުމާ ގުޅިގެން ޖައިދީޕް މި ޕްރޮޖެކްޓާ ގުޅުނީ މި އަހަރުގެ ކުރީކޮޅުގައެވެ. ޖައިދީޕް ފިލްމުގައި ކުޅެފައިވަނީ ކްރައިމް ބްރާންޗުގެ އެސްޕީ ރާޖްވީރު ސިންގް ތޯމަރުގެ ރޯލުންނެވެ. އޭނާ ބުނި ގޮތުގައި، ޑައިރެކްޓަރު އަބީޝެކް މި ކެރެކްޓާ ބައްޓަންކޮށްފައިވަނީ މުޅިން ތަފާތު މިޒާޖެއްގެ، އައު ގުޅުންތަކެއް އެކުލެވޭ ގޮތަށެވެ.
މި އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވާ މި ފިލްމުން ކުރީގެ މުހިންމު ތަރިންގެ އިތުރުން، ޖައިދީޕް އަހްލާވަތާއި ޕްރަކާޝް ރާޖް ފަދަ މޮޅެތި އެކްޓަރުން ފެންނާނެއެވެ.