ހައްލު ނުވެ ހުރި ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި ދެން ގޮތެއް ނުނިންމާނަން, އެކަން ކުރާނީ އޭޖީ: މުއްތަލިބު

އެކި ސަބަބުތަކާ ހުރެ ހައްލުނުވެ ދުވަސްވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި ސީދާ މިނިސްޓްރީން ގޮތް ކަނޑައެޅުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު މިއަދު ވިދާޅުވީ، މީގެ ފަހުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ކަމަށެވެ.

ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެ ނިންމުން ނިންމީ ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި އަމަލުކުރުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތަކުގައި މިނިސްޓްރީން އަމަލުކުރާނީ އޮފީސް ފޯ ސިވިލް ރައިޓްސްއިން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

މި ބަދަލު ގެނެސްފައި މި ވަނީ، ހުޅުމާލެއިން ހަތަރު ލައްކަ ރުފިޔާއަށް މީހަކަށް ބިމެއް ވިއްކި މައްސަލައެއް އާންމުންގެ ތެރޭގައި ބޮޑުވެފައި ވަނިކޮށެވެ. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއީ މީގެ 23 އަހަރު ކުރިން، 22 ޑިސެންބަރު 2003 ގައި އޭރުގެ ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން އަޙްމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ލިބުނު ގޯއްޗެއްގެ މައްސަލަ ކަމަށެވެ. ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޭރު އޭނާއަށް ކަނޑައެޅީ 904 އަކަފޫޓުގެ ބިމެކެވެ. އަދި އޭގެ އަގަކީ 339،000 ރުފިޔާއެވެ.

https://sun.mv/227168

ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި ތަފާތު ސަރުކާރުތަކަށް ހުށަހަޅައިގެން ވެސް އެ ބިން ހަވާލުކުރެވިފައި ނުވާތީ، މި ސަރުކާރުން އެ މައްސަލަ ހައްލުކޮށްދިނުމަށް ނިންމީ އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، ކުރިން އެއްބަސްވެފައިވާ ވިޔަފާރި އުސޫލުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އަޙްމަދު ޒާހިރަށް ވިއްކަން ނިންމީ ކުރީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" ގެ ދަށުން ދޫކުރި ބިންތަކުގެ ތެރެއިން ޝަރުތު ހަމަނުވާ މީހަކަށް ދީފައިވާތީ އެއްބަސްވުން ބާތިލުކޮށްފައިވާ ބިމެކެވެ. އަދި އެ ބިން ދޭން ނިންމީ، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އޭނާއަށް ލިބިފައިވާ ޕްލޮޓްގެ ހައްގުތައް ދޫކޮށްލަން އެއްބަސްވުމުންނެވެ.

ނަމަވެސް، މި ނިންމުމުގައި އުސޫލާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށް މިނިސްޓްރީގެ އަމިއްލަ އިސްނެގުމަށް އެ މައްސަލަ މިހާރު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައި ކަމަށް އިއްޔެ މިނިސްޓްރީން ބުންޏެވެ. ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އޭސީސީގެ ބަހެއް ހޯދައި، ގާނޫނީ ލަފާ ލިބުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން މި މައުލޫމާތު އާއްމު ކުރީ ސޯޝަލް މީޑިއާ އާއި ބައެއް ނޫސްތަކުން މި ޚަބަރު ގެނެސްދިނުމުންނެވެ.

މާލެ ސަރަހައްދުގެ ބިންތަކަކީ ނުހަނު އަގުބޮޑު ބިންތަކަކަށް ވެފައި، އެއް ހާސް އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއްގެ އަގު އެތައް މިލިއަން ރުފިޔާއަކަށް އަރައެވެ. މީގެ އިތުރުން، ވިޔަފާރި އުސޫލުން ދޫކުރާ އެޕާޓްމަންޓުތަކާއި ސޯޝަލް ހައުސިން ފްލެޓުތަކުގެ އަގު ވެސް ދެ މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދާއިރު، ނިސްބަތުން ހެޔޮ އަގެއްގައި ހުޅުމާލެއިން ބިމެއް ވިއްކުމުގެ މި މުއާމަލާތާއެކު އާންމުންގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

މިފަދަ ބަދަލުތައް ދިނުމަކީ ކޯޓުތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ނިންމަންޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް