އެމްޑީޕީގެ ކޮންގްރެސް އަންނަ މަހުގެ އެކަކުން ތިނަކަށް، މިމަހުގެ 20ގައި ރަޖިސްޓާވާން ހުޅުވާލަނީ

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެ ޕާޓީ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒާއި އިބްރާހިމް ވަހީދު: އެމްޑީޕީގެ ކޮންގްރެސް އަންނަ މަހުގެ އެކަކުން ތިނަކަށް މާލޭގައި ބާއްވަނީ --- ފޮޓޯ: އެމްޑީޕީ

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއިން އެ ޕާޓީގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ އެކަކުން ތިނަކަށް މާލޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒު ވިދާޅުވީ، އެ ޕާޓީއިން ކޮންގްރެސް ބޭއްވުމަށް ނިންމީ މާލޭ ސިޓީ ކައުންސިލްގެ ހޯލުގައި ކަމަށެވެ.

ޝިފާޒު ވިދާޅުވީ ސިޔާސީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނައުމަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ކޮންގްރެސް އެއް ބާއްވަން ޖެހޭ ކަމަށެވެ. އެގޮތުން މިފަހަރުގެ ކޮންގްރެސް އަންނަ އޮކްޓޯބަރު މަހުގެ އެކަކުން ތިނަކަށް، މާލޭ ސިޓީ ހޯލުގައި ކުރިއަށްގެންދާނެ ކަމަށް ޝިފާޒު ވަނީ ވިދާޅުވެފައެވެ. އަދި ކޮންގްރެސް މަންދޫބުން ކަނޑައެޅުމާއި ކޮންގްރެސްގެ މުޅި ވަފުދު ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވެފައެވެ.

ޝިފާޒު ވަނީ މިފަހަރުގެ ކޮންގްރެސްގައި ވަރަށް މުހިންމު ކަމެއްް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެއީ އެ ޕާޓީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށްވާ ގައުމަށް ލިބޭ އާމްދަނީ ދެގުނަ ކުރުމަށް ހަމަޖައްސާފައިވާ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕާޓީގެ އެންމެ ބޮޑު އެއް އަމާޒަކަށްވެސް ވެފައޮތީ، ލިބޭ އާމްދަނީ ދެގުނަ ކުރުމުގެ ވާހަކަ. އަޅުގަނޑުމެން މި ކޮންގްރެސްގެ ޝިއާރެއްގެ ގޮތުގައިވެސް މި ގެންގުޅެނީ ރަށްވެހި އުފެއްދުން. އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ގުޅިގެން، އެމްޑީޕީގެ މެމްބަރުން ތަމްސީލުކުރާ ކައުންސިލްތަކުގެ މަޝްވަރާގެ މަތީން މި ކޮންގްރެސްގަ އެއް ސެޝަން އެބަ ޚާއްސަކުރަން އިންވެސްޓްމެންޓް ފޯރަމްގެ ނަމުގަ. އެެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒު

ޝިފާޒު ވަނީ މިފަހަރުގެ ފޯރަމްގެ އެއް ސެޝަން އިންވެސްޓްމެންޓް ފޯރަމަކަށް ޚާއްސްކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އޭގެ މަގުސަދަކީ ކައުންސިލްތަކުން އެ ރަށެެއްގައި ހިންގާނެ މަޝްރޫތަކެއް ކަނޑައަޅައި އެ މަޝްރޫތަކަށް އިންވެސްޓަރުން ހޯދައި މަޝްރޫތައް ކުރިއަށްގެންދެވޭނެ ގޮތެއް ހަމަޖައްސައިދިނުންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޝިފާޒު ވަނީ މިހާރުވެސް 74 ޕްރޮޖެކްޓު ކައުންސިލްތަކުން އެމްޑީޕީގެ ސެކެޓްރިއޭޓާއި ހަވާލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ބަލަނީ ކޮންގްރެސް ފެށެންވާއިރަށް 100 އަށްވުރެ ގިނަ ޕްރޮޖެކްޓްލިބި، އިންވެސްޓްމެންޓް ފޯރަމުގައި ހިއްސާކުރެވޭނެ ކަމަށް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕާޓީގެ ޕްރޮޖެކްޓް އޮފީހުން މިހާރު ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ އެއީކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި އިންވެސްޓްމެންޓް ފޯރަމުގައި އަޅުގަނޑުމެން ބޮޑަށް މިބަލަނީ ރާއްޖޭގެ ވިޔަފާރިވެރިންނަށް، އަދި ރާއްޖޭން ބޭރުގެ ފަރާޓްތަކުގެ މެދުގައި ކައުންސިލްތަކުން ހިންގަން ގަސްތުކުރާ ޕްރޮޖެކްޓުތަކަށް އެބޭފުޅުންގެ ޝައުގުވެރިކަން ހުރި މިންވަރަކާ އެބޭފުޅުންގެ ބައިވެރިވުމެއް ލިބޭނެ ގޮތަކަށް މިކަންކަން ކުރިއަށްގެންދިއުމަށް. މިއީ ހުޅުވާލައިގެން ބާއްވާ ފޯރަމެއް. ޝައުގުވެރިކަން ހުރި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން އެބަ ދައުވަތު އަރުވަން. އެެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒު

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަޙީދު ވަނީ، އެ ޕާޓީގެ މިފަހަރުގެ ކޮންގެސް ބޭއްވުމަށް ޕާޓީގެ މަންދޫބުންނަށް އެއްކޮށް ވަދެ ޖަލްސާކޮށްލެވޭނެ ވަރުގެ ތަނެއް މި ސަރުކާރުން ނުދިން ކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ހުރިހާ ޑެލިގޭޓުންނަށް [މަންދޫބުންނަށް] އެއްކޮށް ވަދެ ޖަލްސާކޮށްލެވޭނެވަރުގެ އެއްވެސް ތަނެއް މި ސަރުކާރުން ނުދިން. އަޅުގަނޑުމެން މިކަމާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސާވެސް ބައްދަލުކުރިން. މާލޭގާ އަޅުގަނޑުމެންނަށް އެވަރުގެ ތަނެއް ނުލިބޭ ދެން ކިރިޔާވެސް އަޅުގަނޑުމެންނަށް މިވަރުގެ ކަމެއް ކުރެވެން އޮތީ ސިޓީ ކައުންސިލްގެ ގޯތިތެރޭގަ. އަޅުގަނޑުމެންގެ ކޮންގްރެސްއަކީ އަބަދުވެސް 1000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ ކޮންގްރެސްއެއް." އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

އޭނާ ވަނީ ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓާކުރުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ހުޅުވާލާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއަށްފަހު މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން މާލޭގައި ކޮންގްރެސްމަނުންނަށް ފާސް ދޫކުރުމުގެ ކަންކަންވެސް ކުރިއަށްގެންދާނެ ކަމަށް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް