ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލް އިން ރޭ ބޭއްވި އިވެންޓުގައި ތައާރަފުކުރި އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ 4 އާ އެކު، އާންމުން އެންމެ ބޮޑަށް ޝައުގުވެރިކުރުވި "ސިރީ ރީކެޕް" އަދި "ލައިވް ރިވައިންޑް" ފީޗަރު ރަސްމީކޮށް ދައްކާލައިފިއެވެ. މި އައު ދެ ފީޗަރަކީ ގަޑީގެ "އޯޑިއޯ އިންޓެލިޖެންސް" ނިޒާމުގެ ދަށުން، ކައިރީގައި ދެކެވޭ ވާހަކަތައް ދެނެގަނެ، އެ ވާހަކަތައް އަލުން ބަލާލުމާއި ޚުލާސާކުރުމަށް އެޕަލް އިން ގެނެސްދިން އިންގިލާބީ ބަދަލެކެވެ.
މީގެ ތެރެއިން "ލައިވް ރިވައިންޑް" ފީޗަރަކީ ދިރިއުޅުމުގެ އާންމު ހާލަތްތަކުގައި މީހަކު ދެއްކި ވާހަކައެއް ސާފުނުވެގެން ނުވަތަ ހަނދާން ނެތިގެން އުޅެންޖެހޭ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ފީޗަރެކެވެ. މި ފީޗަރުގެ އެހީގައި ފާއިތުވި 15 ސިކުންތުގެ ތެރޭގައި ދެކެވުނު ވާހަކަތައް އަލުން ބަލާލުމުގެ ފުރުސަތު ލިބިގެންދެއެވެ.
މި ފީޗަރު މަސައްކަތްކުރަނީ ގަޑީގެ އަރިމަތީގައި އިންނަ ޑިޖިޓަލް ކްރައުން ބަޓަނަށް ދެ ފަހަރު ފިއްތާލުމުންނެވެ. އެއާއެކު، އެންމެ ފަހުން އިވުނު 15 ސިކުންތުގެ އޯޑިއޯ ލިޔުމަކަށް ނުވަތަ ޓްރާންސްކްރިޕްޓަކަށް ބަދަލުކޮށް ގަޑީގެ ސްކްރީނުން ފެންނަން ހުންނާނެއެވެ. މިސާލަކަށް ރެސްޓޯރެންޓެއްގެ ވެއިޓަރު އަވަސްއަވަހަށް ކިޔައިދިން މެނޫގެ ބައިތައް ހަނދާން ނެތުނު ކަމުގައި ވިޔަސް، މި ފީޗަރު މެދުވެރިކޮށް އޭނާ ދެންމެ ބުނި ވާހަކަތައް ސްކްރީނުން ފަސޭހަކަމާއެކު ކިޔާލެވޭނެއެވެ.
ދެވަނަ ފީޗަރެއްގެ ގޮތުގައި ހިމެނޭ "ސިރީ ރީކެޕް" އަކީ މުޅި ދުވަހު ތިމާ ބައިވެރިވާ މީޓިންތަކާއި އޮފީސް މާހައުލުގައި ދެކެވޭ މުހިންމު ވާހަކަތައް އަމިއްލައަށް އަޑުއަހައި، އޭގެ އޭއައި ޚުލާސާއެއް ތައްޔާރުކޮށްދޭ ފީޗަރެކެވެ. މިއީ އަބަދު ހުޅުވާފައި ބެހެއްޓޭ ގޮތަށް ނުވަތަ ވަކި ހާއްސަ ވަގުތުތަކަކަށް ޝެޑިއުލް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. ވާހަކަދައްކައި ނިމުމުން އެޕަލް އިންޓެލިޖެންސްގެ ބޭނުން ހިފައިގެން މައިގަނޑު ނުކުތާތަކާއި އެކަށޭނަ ސުރުޚީއެއް ހެދުމަށްފަހު، އެ މައުލޫމާތުތައް އައު ސިރީ އެޕްލިކޭޝަނުގައި ރައްކާކޮށްދޭނެއެވެ.
މި ނިޒާމުން ރައްކާކުރާ ހުރިހާ ޓެކްސްޓް ޚުލާސާތަކެއް ހުންނާނީ އެންޑް-ޓު-އެންޑް އެންކްރިޕްޓް ކުރެވިފައި ----މި ދެ ފީޗަރަކީވެސް މީހުން ދައްކާ ވާހަކަތައް އަޑުއަހާ ފީޗަރުތަކަކަށް ވާތީ އަމިއްލަ މިނިވަންކަމާއި ރައްކާތެރިކަމާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އެޕަލް އިން ބުނަނީ ޔޫޒަރުންގެ ޕްރައިވެސީއަށް ފުރިހަމައަށް ރައްކާތެރިކަން ދީފައިވާނެ ކަމަށެވެ. އެގޮތުން އަޑުއަހާ އޯޑިއޯ ރެކޯޑިންތައް ގަޑީގައި ދާއިމީކޮށް ސޭވްކޮށްފައި ނުބަހައްޓާނެ ކަމަށާއި، ލައިވް ރިވައިންޑް ބޭނުން ނުކޮށްފި ނަމަ ވަގުތީ ބަފާގައި ހުންނަ އޯޑިއޯ ކޮޅު އަމިއްލައަށް ފޮހެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އޭގެ އިތުރުން ވަގުތުން ވާހަކަ ރެކޯޑުކުރާކަން ކައިރީގައި ތިބޭ މީހުންނަށް އަންގައިދިނުމުގެ ގޮތުން، ލައިވް ރިވައިންޑް ބޭނުންކުރާ ކޮންމެ ފަހަރަކު ގަޑިން ހާއްސަ އަޑެއް އިވޭނެއެވެ. އަދި ހަމައެއާއެކު ގަޑީގެ ސްކްރީނުން މައިކްރޯފޯނުގެ ނިޝާން ދިއްލިފައި ހުންނާނެތީ އެ ވަގުތު އެ ފީޗަރު މަސައްކަތްކުރާކަން ވަށައިގެން ތިބޭ މީހުންނަށް ސާފުކޮށް އެނގޭނެއެވެ.
މި ނިޒާމުން ރައްކާކުރާ ހުރިހާ ޓެކްސްޓް ޚުލާސާތަކެއް ހުންނާނީ އެންޑް-ޓު-އެންޑް އެންކްރިޕްޓް ކުރެވިފައި ކަމަށްވާތީ، އަމިއްލަ އެޕަލް ކުންފުންޏަށްވެސް އެ ލިޔުންތައް ނުކިޔޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި އަމިއްލައަށް ސޭވް ނުކުރާ ރީކެޕްތައް ހަތް ދުވަސް ފަހުން އަމިއްލައަށް ފޮހެވިގެންދާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
އެޕަލްގެ މި އައު ފީޗަރުތައް އާންމުންނަށް ލިބެން ފަށާނީ މިއަހަރުގެ ފަހުކޮޅު ނެރޭ ބީޓާ ވާޝަނަކާ އެކުގައެވެ. އަދި މި ފީޗަރުތައް ފުރަތަމަ މަރުހަލާގައި މަސައްކަތްކުރާނީ ހަމައެކަނި އިނގިރޭސި ބަހުންނެވެ.