ހަފުތާއެއްގެ ތެރޭގައި، ގަވާއިދާ ހިލާފަށް ޑޮލަރު ވިއްކާ 65 މައްސަލައެއް ރިޕޯޓުކޮށްފި

ރާއްޖޭން ގަވާއިދާ ހިލާފަށް ބޭރު ކުރަން އުޅެނިކޮށް ކުރިން އަތުލައިގަތް ޑޮލަރުތަކެއް -- ފޮޓޯ/ އޭވިއޭޝަން ކޮމާންޑް

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ފުލުހުން ގާއިމުކޮށްފައިވާ ހޮޓްލައިނަށް، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މައްސަލައެއް އާންމުން ހުށަހަޅައިފިއެވެ.

ހުއްދަނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޓާސްކްފޯހެއް ހަދައި، މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ ނަމްބަރެއް ފުލުހުން ހަމަޖެއްސީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެ ނަންބަރަކީ 9388733 އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި، ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީންނާއި ވިޔަފާރިތަކުގެ މައްސަލަތައް ހިމެނެއެވެ. އެގޮތުން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފްސީލަކީ:

  • ބިދޭސީ 27 މީހެއްގެ މައުލޫމާތު
  • ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނެއް
  • ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ހަތަރު ތަނެއް
  • މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއް

https://www.sun.mv/226841

މި މައުލޫމާތުތަކާ ގުޅިގެން ފުލުހުން މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، އެއް ބިދޭސީއަކު މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކުރުމަށްފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.

މި ފަހުން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރި ކުރާ ބިދޭސީންތަކެއް ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ހާމަކޮށްފައެވެ. އަދި ބައެއް ތަންތަން ބަލައި ފާސްކޮށްފައި ވެސް ވެއެވެ.

މިދިޔަ މަހުގެ 24ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތެއް ބެލިއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު