ސަލާމްގޮވައިލަން އުޅުނު ވަގުތު، އެއްފަރާތަށް ވާ ގޮތަށް އެތެރެއަށް ވަދެވޭ ގޮތަށް ހުރި ދޮރެއް ހުޅުވައިލައިފައި، މީހަކު ނުކުމެއްޖެއެވެ.

ނަހާ އުންމީދުކޮށްގެން ހުރީ އެއީ ކުރިން އޭނާއާ ދިމާވި ޒުވާނާއަށް ވާނެކަމަށެވެ. އެހެންނަމަވެސް ވީ އެހެންނެއް ނޫނެވެ. އެ ތަނުން ނުކުތީ ފިރިހެނެކެވެ. ބަލާބެލުމަށް ފަންސާހަކަށް އަހަރު ވެދާނެއެވެ. ލާފައިހުރީ ގޮޅިޖެހި ގަމީހަކާއި ފަޓުލޫނެކެވެ. ނުރަޖަހާފައިވާ ބޮލާއި ތުނބުޅިން އޭނާގެ ތަޖުރިބާ ހާމަކޮށްދެމުން ދިޔަފަދައެވެ. އޮޅަލި ކުލައެއްގެ ހަންގަނޑެއް ލިބިފައިވާ އެ ފިރިހެންމީހާގެ ލޮލުގައި ނަހާ އަޅައިގަތުމާ އެކު، އޭނާ ކުރިއަށް ޖެހިލިއެވެ.

"ކޮއްކޯ! ކިހިނެއްވީ؟" އޭނާ ސުވާލުކޮށްލިއެވެ.

"މީ... ސައިކަލު... ބަލާ..." އެ ތަނުގައި ހުރި ރަތްކުލައިގެ މެޓު ސްކޫޕީއަށް އިޝާރާތްކޮށްލާފައި ނަހާ ބުނެލިއެވެ.

"އާނ. ސައިކަލު މިހާރު އެ ހުރީ ސަރވިސްކޮށް ދޮވެ ހަދާފަ." އެ މީހާ ބުނެލިއެވެ.

"ކިހާވަރެއް؟" ނަހާ ސުވާލުކޮށްލިއެވެ.

އެއާއެކު އެ މީހާ ކައިރިވެލީ އެ ތަނުގައި ހުރި މޭޒަކާއެވެ. އޭގެ މަތީގައި ބާއްވާފައި އޮތް ފެހިކުލައިގެ މޮނިޓަރު ފޮތެއް ހުޅުވައިލުމަށް ފަހު، ކޮންމެ ވެސް އެއްޗެއް ބަލައިލިއެވެ. އެއަށްފަހު އަގު ކިޔެވެ. ވޮލެޓުގައި އެވަރަށް ލާރި ނެތުމުން، އެ ތަނުގެ ފާރުގައި ހަރުކޮށްފައި ހުރި ކިއުއާރުކޯޑު ސްކޭންކޮށްލުމަށް ފަހު، ފައިސާ ޖަމާކޮށްލިއެވެ.

"އެ ނަންބަރަށް ސްލިޕްކޮޅު ވައިބާކޮށްލައްޗޭ!" ކިއުއާރުކޯޑުގެ ތިރީގައި ހަރުކޮށްފައިވާ ނަންބަރަށް އިޝާރާތްކޮށްލާފައި އެ މީހާ ބުނެލިއެވެ. އެއާއެކު ނަހާ ބޯ ޖަހައިލިއެވެ. އޭނަ ވައިބާކޮށްލުމަށް ފަހު، ފޯނުން ސްލިޕްކޮޅު ދައްކައިލިއެވެ.

އެ މީހާ ޝުކުރު އަދާކުރަމުން ނަހާއަށް ފަސޭހަވާނެހެން ސައިކަލު އަނބުރައިލަދިނެވެ. ނަހާ ސައިކަލު މަގުމައްޗަށް ނެރިލިއެވެ. އެއަށް ފަހު، ޝުކުރު އަދާކޮށްފައި، ސައިކަލު ދުއްވައިލިއެވެ. ނަހާ ދިޔުމާ އެކު އެ މީހާ އަނެއްކާ ވެސް ކައިރިވީ މޭޒާއެވެ.

އޭނާގެ ނަމަކީ ތައިމޫރެވެ. "ތައިމޫރު ގަރާޖަކީ" އޭނާގެ އުމުރުން ވަރަށް ޒުވާން އިރުން ފެށިގެން ހިންގަމުން އަންނަ ގަރާޖެކެވެ. މާލޭގައި މިހާ އުޅަނދުތައް ގިނަ ނޫން ޒަމާނުއްސުރެ ހިންގަމުން އަންނަ އެ ގަރާޖަކީ، މަޝްހޫރު ތަނެކެވެ. މިހާރުގެ ބައެއް ޒުވާނުންނަށް އާ ވިޔަސް ތައިމޫރު ގަރާޖޭ ބުނުމުން ނުދަންނަ މީހުން މާލޭގައި ވަރަށް މަދުވާނެއެވެ. އެހާ ދުވަސްވީ އިރު ވެސް ތައިމޫރު ގަރާޖު ވެފައިވަނީ މަސައްކަތުގެ ކޮލިޓީ ހިފަހައްޓާ ތަނެއްގެ ގޮތުގައެވެ.

ތައިމޫރަކީ މާލޭ މީހަކަށް ވީ ނަމަވެސް، އޭނާއަކީ މުއްސަނދި މީހެއް ނޫނެވެ. މެދު ފަންތީގެ ޢާއިލާއަކުން އައިސްފައިވާ ތައިމޫރަށް އޭނާގެ ޒުވާން ދުވަސްވަރު މާ މޮޅަށް ކިޔެވޭ ގޮތެއްނުވިއެވެ. ގްރޭޑު ހަތެއް ނިންމިތަނާ ހެން، ބައްޕަ ނިޔާވުމާ އެކު، މަންމަގެ ޒިންމާތައް އޭނަ އުފުލަން ޖެހުނެވެ. އޭނައަކީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިއަށް ވުމާ އެކު، އެހީތެރިވާނެ އިތުރު މީހަކު ވެސް ނެތެވެ. އެހެންކަމުން ކިޔެވުން ދޫކޮށްލާފައި އޭނާ މި މަސައްކަތްކުރަން ފެށީ އެ ދުވަސްވަރު މާލޭގައި މި މަސައްކަތް ކުރާ މީހުން މަދުވީތީ އާ ވެސް އެކުގައެވެ. އަދި ރަނގަޅު އާމްދަނީއެއް ލިބޭތީއާ ވެސް އެކުގައެވެ. ގަރާޖަށް ބޭނުންވާ ސާމާނުތައް މަހުންމަހަށް ގަނެ މަސައްކަތް ފުޅާކުރީ ހިތްވަރާއި މިންނަތް މަސައްކަތުންނެވެ. މިއަދު މީހުންގެ މެދުގައި އެ ގަރާޖަށް ލިބިފައިވާ މަޤްބޫލުކަމުގެ ސިއްރަކީ ވެސް މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި ކޮލިޓީއެވެ.

ގަރާޖު ހިންގަނީ އޭނާގެ އަމިއްލަ ގޭގެ ތިރީގައެވެ. އެއީ ތައިމޫރުގެ ބައްޕަ އަހުމަދުގެ ގޯއްޗެކެވެ. އަދި މިހާރު އޭނާއަށް ވާރުތަ ވެފައިވާ ގޯއްޗެއް ވެސް މެއެވެ. ތައިމޫރު މީހަކާ އިނީ އުމުރުން އެންމެ 17 އަހަރުގައެވެ. އަންހެނުން ޒައިނަބާ އިނދެގެން ފުރަތަމަ ކުއްޖާ ލިބުނުތަނާ މަންމަ ވެސް ނިޔާވީއެވެ. މިހާރު އޭނާގެ 3 ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އަންހެން ކުއްޖަކާއި ދެ ފިރިހެން ކުދިންނެވެ. ގަރާޖާ އިންވެގެން އަޅިކުލަ ލާފައި ހުރި ދޮރާއްޓަކީ ގެއަށް ވަދެވޭ ދޮރެވެ. މާލޭގެ އުސް އިމާރާތްތަކާ ޚިލާފަށް އެ ގެއަކީ، އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. ތައިމޫރަކީ އޭނާ ޤަބޫލުކުރާ އުސޫލުތަކެއްގައި ހިފަހައްޓާ މީހެކެވެ. ރިބާ ހިމެނޭ ލޯނެއް ނަގައިގެން ގެ ހެދުމަކީ އޭނާ ރުހޭކަމެއް ނޫނެވެ. މާލޭގައި ބިންކޮޅެއް އޮތުމަކީ ރަނާ ޖަވާހިރަށް ވުރެ ވެސް އަގު ބޮޑު އެއްޗެއްކަމަށް އޭނާގެ އެކުވެރިން އަބަދު ވެސް ބުނާނެއެވެ. ބެންކުން ލޯނެއް ނަގައިގެން ގެ ހެދުމަށް އަބަދު ވެސް ނަޞޭހަތްދޭނެއެވެ. ފަހުން ވާނެ ފައިދާއަކަށް ވިސްނައިދޭން މަސައްކަތްކުރާނެއެވެ. އެހެން ނަމަވެސް، ތައިމޫރު އެ ހުންނަނީ އޭނާގެ ގޮތުގައެވެ. ކިތަންމެ މުހިންމު ކަމަކަށް ފައިސާ ހޯދިޔަސް އެ ފައިސާ ވާން ޖެހޭނީ ހަލާލު ގޮތުގައި ހޯދާ ފައިސާއަށްކަމުގައި ތައިމޫރު ޤަބޫލުކުރެއެވެ. އެއް އިރެއްގައި ވެސް ރިބާ ލޯނެއް ނަގަން ބޭނުންނުވި ސަބަބަކީ ވެސް އެއީއެވެ. މިހާރު އިސްލާމިކް އެކިއެކި ސްކީމްތައް ހުއްޓަސް އޭރު އޮންނަ ހަމައެކަނި ގޮތަކީ ބެންކުން ލޯނެއް ނެގުމެވެ. އެހެންކަމުން އެ ގޮތަށް ކަންތައްކުރަން ބޭނުންނުވީއެވެ. އެހެން ނޫނަސް އޭނާ މިހާރު އެ ވަނީ އަމިއްލަ މަސައްކަތުން އާއިލާއަށް އުޅެލެވޭ ވަރަށް ގެ ހަދާފައެވެ.

ގޭގެ ގޯތިތެރެއިން ގަރާޖަށް ވަދެވޭ ގޮތަށް ހުރި ދޮރު ހުޅުވައިލާފައި، އެތެރެއަށް ވަނީ ތައިމޫރުގެ ފިރިހެން ދަރިފުޅު ޒަރޫންއެވެ. އޭނާ ހުރީ ފެންވަރައި ތާޒާވެލައިގެންނެވެ. އިސްތަށިގަނޑު "މެސީމިޑްލް ޕާޓް ސްޓައިލަށް" ކޮށާލާފައިވާ އިރު، ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން އޭނާގެ ހަތަރެސްކަން މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެމުން ދިޔައެވެ. އޮޅަލިކުލައިގެ ހަންގަނޑެއްގެ ވެރި އެ ޒަރޫން ލައިފައި ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި، ޖީންސްއެކެވެ. އަތުގެ މުލައްދަނޑި ހާމައަށް އޮތް އިރު ނާރުތައް ކުޑަކޮށް ފުއްޕާލާފައިވާ ގޮތުންނާ، ގޮޅި އަރައިފައިވާ ބަނޑުގެ މަސްތަކަށް، ލައިގެން ހުރި ޓީޝާޓު ހިފާލައިފައިވާ ގޮތުން ޤަވައިދުން ކަސްރަތުކޮށް ބަލަހައްޓަމުންދާ ހަށިގަނޑެއްކަން ޔަޤީންވެއެވެ.

"ދަރިފުޅު ބޭރަށް ދަނީތަ؟" ތައިމޫރު އޭނާގެ ޒުވާން ދަރިފުޅަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. ފުރާ ފުރިހަމަވެފައިވާ އޭނާގެ އެ ދަރިފުޅަކީ ދެލޮލުގެ ނޫރެވެ. އެއީ އެ ޢާއިލާގެ ދިރުމެވެ.

"ބައްޕަ ކޮނޑުގަ އަދި ވެސް އެހާ ރިއްސާތަ؟ އެހާ ބުރަ މަސައްކަތް ނުކުރައްޗޭ! އަނެއްހެން ނެތެއްނު ކުރަންޖެހޭ މާ ބޮޑުކަމެއް ވެސް ދެން." ޒަރޫން ބުނެލިއެވެ. އުމުރުން 28 އަހަރުވެފައިވާ ޒަރޫންއަކީ އާއިލާގައި މެދަށް ހުރި ކުއްޖާއެވެ. ޒިންމާދާރު، މައިންބަފައިންނާއި ޢާއިލާއާ މެދު ވިސްނާ ޒުވާނެކެވެ. ދުވަހަކު ވެސް ކަންކަމުގައި އަމިއްލަ އެދުން އިސްކޮށްފައެއްނުވެއެވެ. ޢާއިލާގެ އުފަލަށް އިސްކަންދެއެވެ.

"ސައިކަލު ގެންދިޔައީ ދޯ!" ޒަރޫން ބުނެލިއެވެ. އެއާއެކު ތައިމޫރު ބޯ ޖަހައިލިއެވެ.

"ދަރިފުޅު ބަލައިލައްޗޭ ރުފިޔާ ފޮނުވާފަ އިންތޯ. ބުނިން ސްލިޕްކޮޅު ވައިބަރ ކުރާށޭ!" ތައިމޫރު ބުނެލިއެވެ. "ބައްޕަމެންނަކަށް ތި ހުރިހާކަމެއް ނޭނގޭނެ ވިއްޔަ. ފައިސާ އަތުން ގެންގުޅުނު ޒަމާނުގަ ހާދަ ފަސޭހައޭ..."

"މި ޒަމާނުގަ މީހުންނެއް އަތަކު ފައިސާއެއް ނުގެންގުޅޭނެ. އަންނަ މީހުންނަށް ވެސް މިހާރު ކިހާ ފަސޭހަ ޓްރާންފަރ ކުރެވޭ ގޮތަށް ހަދާލާފަ ކިއުއާރްކޯޑާ އެއްޗެހި، ހިއްޕާލީމަ." ޒަރޫން ބުނެލިއެވެ. "ދަނީ އިނގޭ ބައްޕާ."

އެހެން ބުނެލައިފައި ޒަރޫން ގޮސް ނުކުމެއްޖެއެވެ. ގަރާޖުގެ ކުރިމަތީ މަގުގައި ޕާކުކޮށްފައި ހުރި ކަޅުކުލައިގެ އެއަރ ބްލޭޑް ސައިކަލަށް އެރުމާ އެކު، ސްޓާރޓްކޮށްލިއެވެ.

*****

ޖެހިގެން އައި ދުވަހު ކަމްރާން އޮފީހަށް ދިޔުމަށް ފަހު، އެންމެ ފުރަތަމަ ގުޅީ ނަހާއަށެވެ. ތަޅު ދަނޑި ހަވާލުލޮށްލުމުގެ ބޭނުމުގައެވެ. ނަހާ ވެސް ގިނައިރުތަކެއް ނުވެ އައިސް ތަޅުދަނޑި ނަގައިފިއެވެ.

"ކަމެއް ބޭނުމިއްޔާ ނުބުނެ ނުހުންނައްޗޭ!" އިތުރު ވާހަކަތަކެއް ދެއްކުމެއް ނެތި ނަހާ ދާން ހިނގައިގަތުމުން މި ފަހަރު ވެސް ކަމްރާން ވާހަކަ ދެއްކިއެވެ. ނަހާ އޭނާއާ މެދު ބަހައްޓާ ދުރުކަމުން ކަމްރާންގެ ހިތަށް އުނދަގޫވެއެވެ. އެ ގުޅުން ރަނގަޅުކުރަން ބޭނުންވެފައިވާ މިންވަރު އޭނާގެ ވާހަކަތަކުންނާއި، ނަހާއަށް ބަލައިލާ އިރު އެ މޫނުމައްޗަށް އަރާ ފައިބާ ކުލަވަރުތަކުން އެކަނި ވެސް ދޭހައެވެ.

"މި ވަގުތު ދެން އިތުރުކަމެއް ބޭނުމެއް ނޫން!" ނަހާ ބުނެލިއެވެ. ކަމްރާން ވެސް ބޯ ޖަހައިލިއެވެ.

ނަހާ ގޮސް ކެބިންއިން ނުކުތުމުން ކަމްރާންއަށް ގޮނޑިއަށް ލެނގިލެވުނެވެ. ފުން ޚިޔާލަކަށް އޭނާ ގެނބިގެން ދިޔައެވެ. ހަށިފުރާ ލީ ނޭވާއާ އެކު އޭނާއަށް ސީލިންގާ ދިމާލަށް، ބޯ އުފުއްލައިލަމުން، ލޯ މަރައިލެވުނެވެ.

އެ ތަނުން ނުކުމެގެން އެންމެފުރަތަމަ ވެސް ނަހާ ދިޔައީ ގުދަން ބަލައިލުމުގެ ބޭނުމުގައެވެ. ހެންވޭރު، އާރޓްފިޝަލް ބީޗު ކައިރީގައި ހުރި ދެ ފަންގިފިލާގެ އިމާރާތް ކައިރިއަށް ސައިކަލު ހުއްޓައިލުމަށް ފަހު، އެއްފަރާތުގައި ޕާކުކޮށްލިއެވެ. ފައިބައިގެން ގޮސް ތަޅުދަނޑި ޖަހައިލުމަށް ފަހު، ދެފަރާތަށް ހުޅުވޭ ގޮތަށް ހުރި ލަކުޑި ދޮރު ހުޅުވައިލުމަށް ފަހު، އެތެރެއަށް ވަދެލިއެވެ. ހިރަފުހުގެ ސަބަބުން ނަހާގެ ނޭވާއަށް އުނދަގޫވާގޮތް ވިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ނުހުޅުވާ ހުރުމުން ފާޑެއްގެ ވަހެއް ވެސް ތަނުގައި ހަރުލާފައި ހުއްޓެވެ. މުޅިތަނުގައި ވެސް ވަނީ ހުސް ހިރަފުހެވެ. ބަލާ ބެލުމަށް ބޮޑަށް ވައްތަރީ ސިމެންތި ކަހަލަ އެއްޗެހި ގުދަންކޮށްފައި ސާފުނުކޮށް ހުރިހެންނެވެ. މަކުނުވަލުގެ އަސަރު ކޮންމެ ވެސް ވަރަކަށް ހުރި ނަމަވެސް އުނދަގޫ ވާވަރެއް ނޫނެވެ. މައްޗައް އަރަން ހުރި ލަކުޑި ސިޑިމަތީގައި ވެސް ވަނީ ހުސް ހިރަފުހެވެ. ހުދުކުލަ ލާފައިވާ ފާރުތައް ވަނީ ބާވެ ރަތްވެފައެވެ. ހީކުރި ވަރަށް ވުރެ ބޮޑަށް މަރާމާތުކުރަން ޖެހޭނެކަން ތަނުގެ ޙާލަތަށް ބަލައިލުމުން އެނގުނެވެ. ނަހާ ވިސްނައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް އަތުގައި ރައްކާކޮށްފައި ހުރި ފައިސާކޮޅާއި، ބައްޕަ އަތުން ނެގި ފައިސާއާ އެކު އެ ތަން މަރާމާތު ކުރެވޭނެއެވެ. އެންމެ ކުރިން އެ މަސައްކަތްކުރަން ގަސްތުކުރި އިރު ވެސް، ފައިސާ ޚަރަދުވާނެކަން އޭނާއަށް އެނގެއެވެ. ވީއިރު، ކޮންމެގޮތެއް ވިޔަސް އެ ކަންތައް ކުރަން ނަހާ ހުރީ ނިންމައިގެންނެވެ.

ސިޑިން މައްޗަށް އެރުމަށް ފަހު މަތީގެ ޙާލަތު ވެސް ނަހާ ބަލައިލިއެވެ. އެ ތަނުގެ ޙާލަތު ތިރިއާ ބަލައިފައި ރަނގަޅުހެން ހީވެއެވެ. ކުޑަ ޓެރެސްއެއް ވެސް ހުރި، އެ ތަން ތަން ރަނގަޅަށް ބަލައިލުމަށް ފަހު، ދެން ކަންތައްކުރާނެ ގޮތަކާ ދޭތެރޭ ވިސްނަމުން އޭނާ ސިޑިން ތިރިއަށް ފޭބިއެވެ. އެއަށް ފަހު ގޮސް ނުކުމެ ދޮރު ތަޅުލިއެވެ. އޭނާ އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ ކުންފުނީގެ ވެރިޔާއާ ނަހާ ގުޅީ، ގެއަށް ގޮސް ހަމަޖެހިލައިގެންނެވެ. ނަސީބަކުން، އެ ދުވަހު ހަވީރު އެ ތަން ބަލަން ދާން އެ މީހުން އެއްބަސްވިއެވެ.

ނަހާ އިށީނީ ކޮޓަރީގައި ހުރި މޭޒު ކައިރީގައެވެ. އެއްފަރާތުގައި ބާއްވާފައި އޮތް ނޯޓު ފޮތެއް ނަގައި ހުޅުވައިލުމަށް ފަހު، ގަނޑުތައް އުކާލާފައި އޭނާ ބޭނުންވާ ޞަފްޙާ ހޯދައިލިއެވެ. އޭނާ ކެފޭއަށް ދޭ ނަން ވެސް ވަނީ މިހާރު ފައިނަލްކޮށް ނިންމާފައެވެ. ކުރިމަތީގައި ހުޅުވައިފައި އޮތް ޞަފްޙާގައި އެ ވަނީ އޭނާ ކެފޭއަށް ދޭން ފަރުމާކުރި ނަމާއި ޑިޒައިނެވެ. ނަހާ އޭނާގެ ސިކުނޑީގައިވާ ޚިޔާލުތައް ވެސް ފޮތުގައި ނޯޓުކޮށްލިއެވެ. ތަނުގެ މަސައްކަތްކުރަން ހަވާލުކުރާ މީހުންނާ ބައްދަލުކުރާ އިރު، އެއްވެސް ކަމެއް ހަނދާނުން ކައްސައިލާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ ކެފޭއަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ރީތި ތަނަކަށް ވާން ބޭނުންވެއެވެ. މި ޒަމާނުގައި ތަނެއްގެ ކާ އެއްޗެހި މީރުވެގެން އެކަންޏަކު ނުފުދޭނެއެވެ. އެ ތަނުގެ އިންޓީރިއަރ ވެސް ހުންނަން ޖެހޭނީ ހިތްގައިމު ގޮތަކަށް ޑިޒައިންކުރެވިފައެވެ. ތަން ރީތިވި ވަރަކަށް މީހުންގެ މެދުގައި އެ ތަނެއް މަޤުބޫލުވެއެވެ. ވިޔަފާރިއެއް ކާމިޔާބު ކުރުމަށްޓަކައި، އެކި ގޮތްގޮތަށް ވިސްނަންޖެހެއެވެ. ނަހާ ވެސް މަސައްކަތްކުރަމުން ދިޔައީ އޭނާއަށް ދަސްވި އެއްޗެއްގެ އަލީގައި އެ ކެފޭ ހުރިހައި ގޮތަކުން ވެސް ފުރިހަމަ ތަނަކަށް ހެދުމަށެވެ.

4 މަސް ފަސް

ގޭތެރޭގައި އަތްމަތި އަވަސްކޮށްލައިގެން އުޅުނު ޒައިނަބު އޭނާ ތައްޔާރުކުރި ފޮނި ކާތަކެތި ޑިސްޕޯސަބަލް ކޮންޓެއިނަރތަކަށް އަޅަމުން ދިޔަ އިރު، އިރުއިރުކޮޅުން ގަޑިއަށް ބަލައިލައެވެ. އޭރު އޭނާގެ ހެދުމުގެ އަތް ވަނީ އުޅަބޮއްޓާ ހިސާބަށް އޮޅައިލެވިފައެވެ. ބުރުގާ ވެސް ވަނީ ފަހަތަށް އެއްލާފައެވެ. އަށެއް ޖަހަން ވާއިރަށް، އެ މަސައްކަތްކޮށް ނިންމަން ޖެހެއެވެ. އެ އެއްޗެހި އޭނާއަށް ކެފޭއަށް ގެންގޮސްދޭން އަންނަ މީހާ ބަރާބަރު އަށެއް ޖަހާއިރަށް އަންނާނެއެވެ.

ޒައިނަބަކީ ހީވާގި އަންހެނެކެވެ. އޭނާއަކީ ގޭގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުންދާ މީހެކެވެ. އެ ގޮތުން ގޭގައި އަމިއްލައަށް ތައްޔާރުކުރާ ބައެއްކަހަލަ ފޮނި އެއްޗެހި އޭނާ ދަނީ އެ ގެއާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ކެފޭއަކަށް ލަމުންނެވެ. އެންމެ ކުރިން ފެށިގެން ވެސް ޒައިނަބު އެ މަސައްކަތްކުރެއެވެ. ފުރަތަމަ އެ އެއްޗެހި ލާން ފެށީ އޭނާގެ ފިރިމީހާ، ތައިމޫރުގެ އެކުވެރިއެއްގެ ރެސްޓޯރެންޓަކަށެވެ. އެހެންނަމަވެސް އެ ތަން ބަންދުކުރި ފަހުން، އެހެން ކެފޭއެއް ހޯދައިގެން، ހުއްޓާނުލާ ޒައިނަބު އަދިވެސް ދަނީ އެ މަސައްކަތްކުރަމުންނެވެ.

"ދަރިފުޅާ. ތި ގޭމުކުޅުން ހުއްޓާލާފަ ދޭބަލަ މި އެއްޗެހި ހިފައިގެން ތިރިއަށް." އުމުރުން 18 އަހަރުގެ އޭނާގެ ހަގު ދަރިފުޅު ޒަލަފްއަށް ބަލައިލުމަށް ފަހު އުނަގަނޑުގައި އަތް ވިއްދައިލި ޒައިނަބު ވާހަކަ ދެއްކިއެވެ. އޭރު ޒަލަފް އިނީ ސޯފާގައި ފޯނުން ގޭމެއް ކުޅެންވެގެންނެވެ. ހެނދުނު ހޭލިގޮތަށް އައިސް ކޮފީއެއް ބޮއިގެން ސޯފާގައި އެ ޖައްސައިލި ގޮތަށް އަދި އެތަނުން ހިއްލާނުލައެވެ. އޭނާ އިނީ ގޭމަށް ގޮސް ގެއްލި ހުސްވެފައެވެ.

"ވެއިޓް މަންމާ... މި ނިމެނީ އޭ... ދެ މިނެޓް ދީ..." ޒަލަފް ބުނެލިއެވެ. އޭނާ ފޯނުގެ ސްކްރީނުގައި ފަރިތަކަމާ އެކު އަތް ހިންގަމުން ދިޔަ މަންޒަރު ބަލަން ހުރި ޒައިނަބަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ޒަލަފް ނުދާނެކަން އެނގުނީ ކަންނޭނގެއެވެ. ޒައިނަބު ތިރިއަށް ދާންވެގެން ނިންމިއެވެ.

"މަންމާ... ގެނޭ... ތިރިއަށް ދާންވެގެން މި ދަނީ..." އެއްޗެހިތައް ހިފައިގެން ދޮރާ ދިމާލަށް ހިނގައިގަތް ވަގުތު އެއްފަރާތުގައި ހުރި ލަކުޑި ސިޑިން ތިރިއަށް ފޭބި ޒަރޫން އޭނާއަށް ގޮވައިލައިފިއެވެ.

އެ ގެއަކީ، އާދައިގެ ގޮތަކަށް ފަރުމާކުރެވިފައިވާ ގެއެކެވެ. ޖާގައިގެ ގޮތުން ކުޑައެއް ނޫނެވެ. ސޯފާސެޓެއް ބަހައްޓާފައިވާ އިރު، ކުރިމަތީގައި ހުރި ރެކުމަތީގައި ފަތި ޓީވީއެއް ހުއްޓެވެ. ކައްކާ ތަންކޮޅު ވެސް ހުންނަނީ ސިޓިންރޫމާ ވަކިންނެވެ. ކާ މޭޒުގެ އިތުރުން، ޒައިނަބު މަސައްކަތްކުރުމަށްޓަކައި އިތުރު މޭޒެއް ބަހައްޓާފައި ހުއްޓެވެ. މާ އަގުބޮޑެތި އެއްޗެހިތަކެއް ނެތެއް ކަމަކު، ތަނުން ފެންނަނީ ސާފުކަމާއި ތަރުތީބުކަމެވެ. ގޭތެރެއަށް ބަލައިލުމުން އެކަނި ވެސް ޒައިނަބުގެ ހީވާގިކަމާއި ގެވެހިކަން ފެނިގެންދެއެވެ. ތިރީގައި ހުންނަނީ ދެ ކޮޓަރިއެވެ. އެއީ ތައިމޫރުގެ ދެމަފިރިންގެ ކޮޓަރީގެ އިތުރުން އަންހެން ދަރިފުޅު ތަސާމާ މީހަކާ އިނދެގެން ދިޔުމުގެ ކުރިން ބޭނުންކުރި ކޮޓަރިއެވެ. ލަކުޑި ސިޑިއެއް ލާފައި މައްޗަށް އެރޭ ގޮތަށް ޑެގު އަޅާފައިވާ އިރު، މަތީގައި ހުންނަނީ ޒަރޫންއާއި ޒަލަފްގެ ކޮޓަރިއެވެ.

"އަން. މިހާރު ނޭނގެ އޭނަ ނާންނަކަމެއް ވެސް. މި ޒަލަފް ކައިރީގަ ކިޔާކިޔާ އެއްގޮތަކަށް ނުދިޔައޭ..." ޒައިނަބު ބުނެލިއެވެ.

"ގޭމު ކުޅެން ފަށާފަ އޭނީ... ދެން ހިޔެއްނުވާނެ ކަމެއް ވާހެން ވެސް." ޒަރޫން ބުނެލިއެވެ. އޭނާއަށް ވެސް ދެ ފަރާތަށް ބޯ ހޫރައިލެވުނެވެ.

"އަޑު އިބޭ އެބަ. މަންމަ ކައިރީ ބުނެފީމޭ ދެ މިނެޓް ދޭށޭ. މި މެޗު ނިންމާލާފަ މިދަނީ އޭ...." ޒަލަފް އެހެން ބުނެލި އިރު ވެސް ފޯނުން ނަޒަރު ވަކިކޮށެއްނުލައެވެ.

"ދެން އޯކޭ. ދޮންބެ މި ދަނީ..." ޒަރޫން ބުނެލިއެވެ. އޭނާ ހިނގައިގަތް ތަނާ އަނެއްކާ ވެސް ޒައިނަބު ވާހަކަ ދައްކައިފިއެވެ.

"ދަރިފުޅު ތި ދީފަ އަދި މައްޗަށް އަރައްޗޭ! މި ދިމާ އިން ބޮކި އަނދައިގެން ވަރަށް އުނދަގޫވާތީ މި އުޅެނީ. އިއްޔެ ބައްޕަ އައިއިރު ބޮތްކެއް ގަނެގެން އައީ. އެކަމަކު އަދި ހަރުނުކުރެވިފަ." ޒައިނަބު ބުނެލިއެވެ.

ޒަރޫން އާއެކޭ ބުނެ ގޮސް ދޮރު ހުޅުވައިލިއެވެ. ތިރިއަށް ފޭބެން ހުރި ސިޑިން ފޭބި އިރު، ބައްޕަގެ ގަރާޖަށް ވަދެވެން ހުންނަ ދޮރު ހުރީ ހުޅުވާފައެވެ. އޭރު ބައްޕަ ގަރާޖުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ހިނގަން އޮތް މަގުގެ އެއްފަރާތުގައި ޖޯއްޔެއް ބަހައްޓާފައި ހުރި އިރު ވެސް ހިނގޭވަރުގެ ތަނަވަސް ޖާގައެއް ގޯޅިތެރޭގައި އޮތެވެ. ގަސްމުށިތައް ވެސް ހުއްޓެވެ. އޭނާ ގޮސް ދޮރޯށި ހުޅުވައިލިއެވެ. އޭރު މަންމައަށް އެ އެއްޗެހި ގެންގޮސްދޭ މީހާ ސައިކަލުގައި މަޑުކޮށްލައިގެން އިނެވެ. ޒަރޫންއަށް އެ މީހާ ފެނުމާ އެކު ގޮސް އެ އެއްޗެހި ދިއްކޮށްލިއެވެ. އިއްޔެގެ ލާރި އެ މީހާ ޒަރޫން އަތަށް ދިނެވެ. އާއްމުކޮށް ކެފޭއަށް އެއްޗެހި ގެންދާ ދުވަހު ކެފޭގެ ވެރިމީހާ އެ އެއްޗެއްސަށް ވާވަރަށް ލާރި ދިނެއް ކަމަކު، ޑެލިވަރީކުރަން އަންނަ މީހާ އެ ލާރި ޒަރޫންގެ މަންމައާ ހަވާލުކުރަނީ ޖެހިގެން އަންނަ ދުވަހު އެއްޗެހި ބަލާއައިސްފައެވެ.

މައްޗަށް އެރުމުގެ ކުރިން، ޒަރޫން ގަރާޖަށް ބޯ ދިއްކޮށްލިއެވެ. އޭރު ބައްޕަ އުޅެނީ ކޮންމެވެސް ސައިކަލެއް ރޫޅުމުގެ މަސައްކަތުގައެވެ.

"ބައްޕަ އެހާ އަވަހަށް މަސައްކަތް ފެށީތަ؟ ބުނީމެއްނު މިއަދު އަވަހަށް މަސައްކަތް ފަށާނަމޭ...،" ޒަރޫންއަށް ބުނެވުނެވެ. "އަނެއްކާ ވެސް ކޮނޑަށް ތަދުވެދާނެ. މަންމައަށް ބޮކި ހަރުކޮށްލަދީފަ މި އަންނަނީ..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު