އެމްއެންޔޫގެ ލެކްޗަރާ އަދި ދީނީ ޢިލްމުވެރިޔާ ޢަލީ ހަފީޒުގެ ގައިގައި ސައިކަލުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލު ދުއްވަން ހުރި ރ. އިނގުރައިދޫ، ލެގޫން ވިއު، ޝަމްޢާން ޢަބްދުއްޝަކޫރު، މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ޝަމްޢާންގެ މައްޗަށް މި އިއްވި ޙުކުމަކީ 87.7072 ގްރާމްގެ ކެނެބިސް ގެންގުޅެ، އެ ތަކެތި ވިއްކައި ޓްރެފިކްކުރި މައްސަލައިގައި އިއްވި ޙުކުމެކެވެ. މާލޭގެ ހ. އަލްސާވިލާ ކައިރިން 29 ނޮވެންބަރު 2025 ގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، އޭނާ ލައިގެންހުރި ޖީންސްގެ ޖީބުން މަސްތުވާތަކެއްޗާއި ޑިޖިޓަލް ކައްޓާއެއް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން، ބަންދުގެ މުއްދަތު އުނިކުރުމަށްފަހު، އޭނާ ތަންފީޒުކުރަންޖެހޭ ސާފު ޖަލު އަދަބަކީ 13 އަހަރާއި ތިން މަހާއި ދެ ދުވަހެވެ. އަދި 50،000 ރުފިޔާއިން ޖޫރިމަނާކޮށް، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ވަނީ އަންގާފައެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ޝަމްޢާންގެ މައްޗަށް ބޮޑު ޙުކުމެއް އައިއިރު، އޭނާއަކީ ލައިސަންސް ނެތި ބާރަށް ސައިކަލު ދުއްވައި، ލެކްޗަރާ ޢަލީ ހަފީޒުގެ ގައިގައި ޖައްސައި އެކްސިޑެންޓްކުރި މައްސަލައިގައިވެސް ޖަލު ޙުކުމެއް އިއްވާފައިވާ މީހެކެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ހީނާމާގޭ ޕާކިން ޒޯނު ކައިރީގައި ހުންނަ މިސްކިތުން ފަތިސް ނަމާދު ނިންމަވާފައި ހަފީޒު ކަފިހި ހުރަހުން މަގު ހުރަސްކުރައްވަނިކޮށެވެ.
އެ އެކްސިޑެންޓުގައި ހަފީޒުގެ ބޮލަށާއި މޫނަށް ސީރިއަސް އަނިޔާތަކެއް ލިބި، އޭޑީކޭގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އިންޑިއާގެ ކޮޗިންގައި ހުންނަ އެސްޓާ މެޑިސިޓީ ހޮސްޕިޓަލަށްވެސް ގެންދާންޖެހުނެވެ.
އެ މައްސަލައިގައި ޝަމްޢާންގެ މައްޗަށް އުފުލި މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއަށް އޭނާ އިއުތިރާފުވުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އެއް އަހަރާއި 10 މަހާއި 29 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.