އެމެރިކާގެ އިގްތިސާދީ ހަނގުރާމައަށް އެއްބާރުލުން ދޭ ގައުމުތަކުގެ އުޅަނދުތަކަށް ހުރުމުޒު ހުރަސް ނުކުރެވޭނެ: އީރާން

ތެހެރާން (7 ސެޕްޓެމްބަރު 2026): އީރާނާ ދެކޮޅަށް އެމެރިކާ އިއުލާންކޮށްފައިވާ އިގްތިސާދީ ހަނގުރާމާގައި ބައިވެރިވެ އެކަމުގައި އެމެރިކާއަށް އެއްބާރުލުން ދޭ ގައުމެއްގެ ބޯޓަކަށް ނޫނީ އެ ގައުމެއްގެ މަސްލަހަތު ހުރި އުޅަނދަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ފުރުސަތު ނުދިނުމަށް އީރާން ނިންމައިފިއެވެ.

އީރާނުގެ ޕާލަމެންޓްގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ވެރިޔާ ހަސަން ގަޝްގާއީ ވިދާޅުވީ މިކަމާބެހޭ ގަރާރެއް އީރާނުގެ ޕާލަމެންޓުގެ އަޣުލަބިއްޔަތުން މިހާރު ފާސްކޮށްފައިވާ ކަމަށާއި އީރާނުގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން މި ގަރާރު އެޕްރޫވްކޮށް ތަންފީޒުކުރުމަށް ތަންފީޒީ އިދާރާތަކަށް އަންގާފައިވާ ކަމުގައެވެ.

ގަޝްގާއީ ވިދާޅުވި ގޮތުގައި އެމެރިކާ އިއުލާން ކޮށްފައިވާ ޣައިރު ގާނޫނީ އިގްތިސާދީ ހަނގުރާމައަށް ގައުމުތަކުން އެއްބާރުލުންދޭ މިންވަރު ވަރަށް ގާތުން ބަލައި އެ ގައުމުތަކާ ދެކޮޅަށް މި ފިޔަވަޅު ތަންފީޒު ކުރެވޭނެއެވެ. އެމެރިކާއަށް އެއްބާރުލުން ދޭ ގައުތަކުގެ އުޅަނދުތައް ނޫނީ އެ ގައުމުތަކުގެ މަސްލަހަތު ހުރި އުޅަނދުތަކުން އީރާނަށް ގޮންޖަހާފައި ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅެފި ހާލަތެއްގައި އެއުޅަނދަކަށް ހަމަލާ ދޭނެ ކަމަށް ވެސް ގަޝްގާއީ ވިދާޅުވިއެވެ.

އެމެރިކާ އީރާނާ ދެކޮޅަށް އިއުލާންކޮށްފައިވާ އިގްތިސާދީ ހަނގުރާމައަށް އެއްބާރުލުން ދޭނެކަން އިއުލާންކޮށްފައި ވަނީ އެމެރިކާގެ ބައިވެރިން ނޫނީ އެޖެންޓުންގެ ގޮތުގައި ސިފަކުރެވޭ ޔޫރަޕްގެ ގައުމުތަކެވެ. ޔޫރަޕްގެ ގައުމުތަކުން މިގޮތަށް އިއުލާން ކުރިނަމަވެސް އެ ގައުމުތަކާއި އީރާނާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް އަދި ހުއްޓުމަކަށް އައިސްފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނާ ވިޔަފާރީގެ މުއާމަލާތްތައް އެންމެ ބޮޑަށް ކުރާ ތިން ގައުމަކީ ޗައިނާ ރަޝިއާ ޔޫއޭއީ އަދި އިންޑިއާއެވެ. މީގެތެރެއިން ޗައިނާއާއި ރަޝިއާ ވަނީ އެމެރިކާގެ އިގްތިސާދީ ހަނގުރާމައަށް އެއްބާރުލުން ނުދޭނެކަން ހާމަކޮށްފައެވެ. ޔޫއޭއީ ވަނީ އީރާންއާއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ވަގުތީ ގޮތުން ހުއްޓާލިކަން ހާމަކޮށްފައެވެ. އިންޑިއާ ސަރުކާރުން ރަސްމީ ސިފައެއްގައި ވަކިގޮތެއް ހާމަކޮށްފައި ނުވިނަމަވެސް އީރާނުގައި ހުންނަވާ އިންޑިއާގެ ސަފީރު ވަނީ އީރާނާއި އިންޑިއާއާ ދެމެދު ހިނގާ ވިޔަފާރީގެ މުއާމަލާތްތައް ހުއްޓުމެއްނެތި މިހާރުވެސް ކުރިޔަށްދާކަމާ އަދި މުސްތަގްބަލުގައި ވެސް ކުރިޔަށް ގެންދާނެކަން އީރާނުގެ ވިޔަފާރިއާބެހޭ ވަޒީރަށް ކަށަވަރުކޮށްދެއްވާފައެވެ.

އީރާން އެ ޖަމާއަތެއްގައި ބައިވެރިވާ ޝެންހާއި ކޯޕަރޭޝަން ޖަމާއަތުގައި ހިމެނޭ 10 ގައުމުން ވަނީ އީރާނާ ދެކޮޅަށް އެމެރިކާ ފަށާފައި ވަނީ އދ. އިން ހުއްދަ ނުދޭ ޣައިރު ގާނޫނީ ހަނގުރާމައެއް ކަމަށް ސިފަކޮށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އީރާނަށް ލިބިގެންވާކަން އެޖަމާއަތުގެ ސަމިޓުން ނެރުނު ބަޔާނުގައި ހާމަކޮށްފައެވެ. އީރާނާއެކު ކުރިޔަށްގެންދާ ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށް ގެންދާނެކަން ވެސް މި ބަޔާނުގައި ޝެންހާއި ކޯޕަރޭޝަން ޖަމާއަތުގެ ގައުމުތަކުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާ ވަނީ އީރާނާއެކު ވިޔަފާރީގެ މުއާމަލާތް ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުދީ އީރާނާ ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފައެވެ. ނަމަވެސް އީރާނާއެކު އެންމެ ބޮޑަށް ވިޔަފާރިކުރާ ގައުމު ކަމަށްވާ ޗައިނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން އަދި އެމެރިކާއަށް ކެރިފައެއް ނުވެއެވެ.

މި މައްސަލާގައި އެމެރިކާ މިހާތަނަށް ފިޔަވަޅު އަޅާފައިވަނީ ވަރަށް އާދައިގެ ކުދިކުދި ކުންފުނިތަކާ ދެކޮޅަށެވެ. މި ކުންފުނިތަކަކީ އެމެރިކާގެ ބޭންކްތަކާ ސީދާ ގޮތެއްގައި މުއާމަލާތް ކުރާ ކުންފުނިތައް ނޫންކަމުން އެމެރިކާގެ ފިޔަވަޅުތަކުގެ އަސަރު އެ ކުންފުނިތަކަށް ނުކުރާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ. ބާރެއް އޮއްޓަރެއް ހުރި އެއްވެސް ފަރާތަކާ ދެކޮޅަށް ފިޔަވަޅެއް އަޅަން އެމެރިކާއަށް ކެރިފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު