ޣައްޒާގެ ރައްޔިތުން ގަދަކަމުން ބޭރުކުރަން އިސްރޭލުގެ ވަޒީރުންތަކެއް ގޮވައިލުމުން، ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި

އިސްރޭލުގެ ހަރުކަށި ފިކުރުގެ ވަޒީރެއް ކަމަށްވާ ބެން ގްވީރު --

ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ގަދަކަމުން ނެރެ، ބޭރުކޮށްލުމަށް އިސްރާއީލުގެ ވަޒީރުންތަކެއް ގޮވާލި ގޮވައިލުމާއި، އެ ކަމަށް ޓަކައި ޕްލޭންތައް އެކުލަވާލުމަށް ހުށަހެޅި ހުށަހެޅުންތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ، އިސްރާއީލުގެ ވަޒީރުންގެ މިފަދަ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި، ބައިނަލްއަގްވާމީ އިންސާނީ ޙައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އެ ސަރަޙައްދުގެ ސުލްހައާއި ހަމަޖެހުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ޢަމަލުތަކެއް ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮންމެ ބަހަނާއެއް ދެއްކި ނަމަވެސް، ފަލަސްތީނުގެ އެތެރޭގައި ވިޔަސް ނުވަތަ އެ ގައުމުން ބޭރަށް ވިޔަސް، ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކޮށްލުމަށް ކުރާ އެންމެހައި މަސައްކަތްތަކަށް ދިވެހިރާއްޖެއިން ދެކޮޅު ހަދައެވެ.

އަދި ޣައްޒާއަކީ ފަލަސްޠީނުގެ ބިމުގެ ވަކިނުކުރެވޭނެ ބައެއް ކަމަށާއި، އަމިއްލަ ވަޒަނުގައި ދިރިއުޅުމުގެ ޙައްގާއި، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްގު ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާކަމަށް ވެސް ބަޔާނުގައިވެއެވެ.

މީގެއިތުރުން، ފަލަސްތީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، އދ.ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަގްވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާން ނިންމާލަމުން، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ކަމަށް ބުނެފައިވެއެވެ.

އަދި 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން ފަލަސްތީނުގެ މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

comment ކޮމެންޓް