މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ސާރާ ޚަލީފާއާއި އިތުރު 11 މީހަކު ދަންޖައްސައިގެން މަރަން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މިސްރުގެ ދައުލަތުގެ މީޑިއާ ކަމަށްވާ އަލް-އަހްރާމް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ވިޔަފާރިކުރުމުގެ ބޭނުމުގައި މަސްތުވާތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނު އެތެރެކުރި ކްރިމިނަލް ގޭންގަކާ ގުޅުން އޮތް ކަމަށް ބުނެއެވެ. މީގެ އިތުރުން، ގާނޫނާ ޚިލާފަށް ހަތިޔާރާއި ވަޒަން ގެންގުޅުމުގެ ކުށް ވެސް އެ މީހުންގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގެ ޝަރީއަތުގައި ކޯޓަށް ހުށަހެޅުނު މައުލޫމާތުތަކަށް ބަލާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ 750 ކިލޯގްރާމް (1،653 ޕައުންޑް) ގެ މަސްތުވާތަކެއްޗާއި އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ރޯމެޓީރިއަލް އަތުލައިގަނެފައެވެ. އަލް-އަހްރާމް ނޫހުން ބުނި ގޮތުގައި، ދައުލަތުގެ ވަކީލުންނަށް 20 ހެކިވެރިއަކު ބަޔާން ދީފައިވާއިރު، އޯޑިއޯ މެސެޖުތަކާއި ވީޑިއޯ ކްލިޕްތައް ހިމެނޭ ގޮތަށް ގިނަ އިލެކްޓްރޯނިކް ހެކިތަކެއް ވެސް ވަނީ ހުށަހަޅާފައެވެ.
މި މައްސަލައިގައި ދައުވާ ލިބުނު އިތުރު ނުވަ މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު، ހަތް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
އުމުރުން 39 އަހަރުގެ ސާރާ ޚަލީފާއަކީ ކުށްކުރުމާ ގުޅޭ ތަފާތު މައްސަލަތަކަށް ޚާއްސަކޮށްގެން ގެނެސްދިން "މިޝަން އިމްޕޮސިބަލް" ޕްރޮގްރާމުން އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓީވީ ޕްރެޒެންޓަރެކެވެ. އޭނާ ވަނީ މި ދައުވާތަކަށް އިންކާރުކޮށްފައެވެ. ދައުލަތުގެ ނޫހެއް ކަމަށްވާ އަޚްބާރު އަލް-ޔައުމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ސެޕްޓެންބަރު މަހު ކޯޓުގައި އޭނާގެ ދައުރާ ގުޅޭގޮތުން ފަނޑިޔާރު ސުވާލުކުރުމުން ޚަލީފާ ބުނީ، އެންޓި-ނާކޮޓިކްސް އޮތޯރިޓީގެ އޮފީހުގައި މަސްތުވާތަކެއްޗާއެކު އޭނާގެ ފޮޓޯ ނެގުމާ ހަމައަށް ދުވަހަކު ވެސް މަސްތުވާތަކެތި ނުދެކޭ ކަމަށެވެ.
ޚަލީފާގެ ވަކީލު ބުނި ގޮތުގައި މަރުގެ ހުކުމް އިސްތިއުނާފު ކުރާނެއެވެ.
މި މައްސަލައިގެ ހުކުމް ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުއެވެ. ނަމަވެސް ހުކުމް ކަށަވަރުކޮށްފައިވަނީ، މަރުގެ މައްސަލަތަކުގައި ގާނޫނީ ގޮތުން ލާޒިމުކުރާ ފަދައިން، މިސްރުގެ ގްރޭންޑް މުފްތީގެ ދީނީ ލަފާ ހޯދުމަށްފަހު އެއް މަސް ފަހުންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރެފައިވާ 2025 ވަނަ އަހަރުގެ ރިޕޯޓާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެ އަހަރުގެ ތެރޭގައި މިސްރުގައި 492 މީހަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އޭގެ ތެރެއިން ތަންފީޒުކޮށްފައިވަނީ 23 ހުކުމެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ރޭޕް ފަދަ ކުށްތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މިންގަނޑުތަކުގެ ދަށުން މަރުގެ އަދަބު ދިނުން ހުއްދަކުރާ "ގަސްތުގައި މީހަކު މެރުން" ފަދަ ކުށްތަކެއް ނޫނެވެ.