ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ބުނީ، ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގު، ކޭޕީއެސް ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 08:54 އެހައިކަންހާއިރު ކަމަށެވެ.
މި ހާދިސާގައި ދެ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ނުލިބެއެވެ.
ފަހަކަށް އައިސް ހުޅުމާލެ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ނިމުނު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ނުވަ އަހަރުގެ ކުޑަކުއްޖަކު ފަރުވާދެމުން ދަނިކޮށް މަރުވެފައިވާއިރު، ޖެހިގެން އައި ދުވަހު ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށާއި ޒުވާނަކަށް ވަނީ އަނިޔާވެފައެވެ.
އަދި މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި 62 އަހަރުގެ މީހަކަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
ކައިރިކައިރީގައި ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގަމުންދާތީ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުޅުމާލެ ޕޮލިހާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.
މި ބައްދަލުވުމުގައި އާންމުކޮށް އެކްސިޑެންޓުތައް ގިނައިން ހިނގާ ސަރަހައްދުތަކާއި ބާރު ދުވެލީގައި އުޅަނދު ދުއްވާ ސަރަހައްދުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެ އިތުރުން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފަށް ބާރަށް އުޅަނދު ދުއްވާ މީހުންނާމެދު ފިޔަވަޅު އެޅުން އަވަސްކުރުމުގެ އިތުރުން، ސްކޫލުތައް ހުންނަ ސަރަހައްދުތަކާއި ރައުންޑްއެބައުޓްތަކާއި ކަފިހިހުރަސްތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ މެދު ވެސް ދެ އިދާރާގެ މެދުގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.